19 Oct 2023, 15:10
ވޮޝިންޓަން (19 އޮކްޓޯބަރު 2023): ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގަމުން ގެންދާ ގަތުލުއާންމު ތަކަށް އެމެރިކާ ވާގިވެރިވެ އެހީތެރިވަމުންދާތީ އެކަމަށް ކެތްނުކުރެވިގެން އެމެރިކާގެ ޚާރިޖީ ވުޒާރާގެ މަސްއޫލުވެރިއަކު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އިސްތިއުފާ ދެއްވީ އެމެރިކާގެ ޚާރިޖީ ވުޒާރާގެ ޕޮލިޓިކަލް އަދި މިލިޓަރީ ޑިޕާޓްމަންޓްގެ ޕަބްލިކް އެންޑް ކޮންގްރެޝަނަލް ކަންކަމާބެހޭ ޑިރެކްޓަރު ޖޯޝް ޕޯލް އެވެ. "ވޮޝިންޓަން ޕޯސްޓް" ބުނާގޮތުން ޕޯލް އަކީ އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުމާބެހޭ އިދާރީ ކަންކަމުގައި ހަރަކާތްތެރިވާ ބޭފުޅެކެވެ. އޭނާ އެމަގާމުގައި ހުންނަވާތާ 11 އަހަރު ވެފައިވާކަމަށްވެސް "ވޮޝިންޓަން ޕޯސްޓް" ބުނެއެވެ.
އިސްތިއުފާ ދެއްވުމަށްފަހު ޖޯޝް ވިދާޅުވީ ފަލަސްތީނުގެ ޖަމާއަތްތަކާ ދެކޮޅަށް ކުރާ ހަނގުރާމައެއްގައި އެޖަމާއަތްތަކުގެ ހަނގުރާމަވެރިންނާ ކުރިމަތިލުމުގެ ބަދަލުގައި ޣައްޒާގެ އާންމުންގެ ގެދޮރާއި ހޮސްޕިޓަލްތަކަށް ގަސްދުގައި ހަމަލާދީ ކުށެއްނެތް އާންމުން މެރުމަށް އިސްރާއީލު ދެމުން ގެންދާ ވައިގެ ހަމަލާތަކުގެ ބޭނުމެއް އޭނާއަކަށް ނުވިސްނޭ ކަމަށެވެ. ޖޯޝް ވިދާޅުވިގޮތުގައި ބައެއްގެ ބޮލަށް ބޮން އަޅައި އެމީހުން މަރައިގެން އެމީހުންގެ ގެދޮރުން ބޭރެއް ނުކުރެވޭނެއެވެ. އެކަން ކުރުމަކީވެސް ބައިނަލްއަގްވާމީ މުއާހަދާތަކާ ޚިލާފުކަމެކެވެ.
ޖޯޝް ވިދާޅުވިގޮތުގައި އިސްރާއީލު ހިންގަނީ ގަތުލުއާންމު ތަކެއްކަން ޣައްޒާގެ އާންމުންނަށް ވަރަށް ސާފެވެ. އެކަމަށް ފާޅުކަންބޮޑު ގޮތެއްގައި އެމެރިކާ ސަރުކާރުން އެހީތެރިވާއިރު އެކަމަށް ވާގިވެރިވެވޭ މަގާމެއްގައި ހުރުން އޭނާގެ ޒަމީރު ގަބޫލު ނުކުރާ ހިސާބަށް މިހާރު ކަންތައްތައް ގޮސްފައިވާކަމަށާއި އެހެންކަމުން މަގާމުން އިސްތިއުފާ ދެއްވީ ކަމުގައެވެ.
އިސްރާއީލުން ހިންގާ މިބާވަތުގެ ގަތުލު އާންމުތަކާއި ސްޓޭޓް ޓެރަރިޒަމްގެ އަމަލުތަކަށް އެމެރިކާ ސަރުކާރުން ވާގިވެރިވުމަކީ އެމެރިކާގައި އާދައިގެ ކަމެކެވެ. އިސްރާއީލުން ހިންގާ މިފަދަ ޖަރީމާތަކަށް އެމެރިކާ ވާގިވެރިވާތީ އެކަމާ ދެކޮޅު ހެދުމުގެގޮތުން ހެޔޮވިސްނިގެން މަގާމުން އިސްތިއުފާ ދިނުމަކީ އެމެރިކާގައި ވަރަށް ނާދިރު ކަމެކެވެ.
ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގަމުންގެންދާ ޖަރީމާތަކާއި ގަތުލު އާންމުތައް ހައްދު ފަހަނަޅާފައިވާއިރު މިކަމާދެކޮޅަށް އަޑުއުފުލާ މީހުންގެ އަދަދު އެމެރިކާގައިވަނީ ކުރިޔާ ޚިލާފަށް މިހާރު ވަރަށް ބޮޑަށް އިތުރުވާން ފަށާފައެވެ.
ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގަމުންގެންދާ ގަތުލުއާންމުތަކާއި ޖަރީމާތަކާ ދެކޮޅަށް އެމެރިކާގެ ކޮންގްރެސްގައި އިއްޔެވަނީ އެއްވުމެއްވެސް ބާއްވާފައެވެ. މިއެއްވުމުގައި އިސްރާއީލުން ގެންގުޅޭ ޒަޔަނިސްޓް ހަރުކަށި ފިކުރާ އިދިކޮޅު އެމެރިކާގެ ޔަހޫދީންނާއި އެމެރިކާގެ ކޮންގްރެސްގެ މެދުމިނުގެ ފިކުރަށް ނިސްބަތްވާ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މިއީވެސް އެމެރިކާގައި ވަރަށް ނާދިރު ކަމެކެވެ.
ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގަމުންގެންދާ ގަތުލުއާންމުތަކާއި ޖަރީމާތަކާ ދެކޮޅަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން އެމެރިކާގެ އެތައް ސްޓޭޓެއްގައި އަޑުއުފުލައި މުޒާހަރާ ކުރުމުގެ ހަރަކާތްތަކެއް ވަނީ ހިންގަން ފަށާފައެވެ.