ޔުއޭފާ ވިމެންސް ޗެމްޕިއަންސް ލިގުގެ ގްރޫޕް ސްޓޭޖުން ފަރަންސޭސިވިލާތުގެ ޕެރިސް ސެއިންޓް ޖާމެއިން ފެމިނީންއިން ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖުން ޕީއެސްޖީ ޖާގަހޯދީ ކޮލިފައިން ދެވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑް ވިމެން އާއި ބައްދަލުކޮށް 4-2ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މި ދެ ޓީމުގެ މެޗުގައި ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގް 1-1 އިން އެއްވަރުވި އިރު ޕީއެސްޖީ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގް އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޕީއެސްޖީންނެވެ. މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 17 މިނެޓްގައި ޖަހާ މެޗުގެ ލީޑު ނެގީ ޕީއެސްޖީންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ލިއެކޭ މާޓެންސްއެވެ. މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓްގައި ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ލީސާ ނާލްސުންޑްއެވެ. ނަމަވެސް މިލަނޑު ޖެހިތާ އެއް މިނެޓް ފަހުން ޕީއެސްޖީއަށް އަނެއްކާ ވެސް ލީޑު ނަގައިދިނީ މާޓެންސްއެވެ. އަދި، މެޗުގައި ޕީއެސްޖީގެ ތިންވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 57 ވަނަ މިނެޓްގައި ސޭންޑީ ބޯލްޓިމޯއެެވެ.

މި ލަނޑާ އެކު ޔުނައިޓެޑްގެ ކުޅުންތެރިންގެ ހިތްވަރު އެލުނު ނަމަވެސް އެ ޓީމުން ވަނީ ލަނޑެއް ޖެހޭތޯ އެންމެ ފަހު ވަގުތާއި ޖެހެންދެން ވެސް މަސައްކަތް ކޮށްފައެވެ. މިގޮތުން ލެއާ ގާލްޓަންއަށް ލަނޑެއް ކާމިޔާބު ކުރެވުނު ކަމަށް ހީވި ނަމަވެސް އޭގެ ކުރިން ފައުލެއް ކުރެވިފައިވުމުން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ.

މި ކާމިޔާބީއާއެކު ޕީއެސްޖީ ވަނީ ވިމެންސް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ޖާގަ ލިބިގެން ގޮސްފައެވެ. އަދި، އެ މުބާރާތަށް ފުރަތަމަ ފަހަރަށް ކޮލިފައިވުމަށް މަސައްކަތް ކުރަމުންދިޔަ ޔުނައިޓެޑަށް ވަނީ އަންނަ އަހަރުގެ މުބާރާތަށް މަޑުކުރަންޖެހިފައެވެ.

ޔޫއެފާ ވިމެންސް ޗެމްޕިއަންސް ލީގު މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ގުރުގެނުން މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.