19 Oct 2023, 14:21
ޓެލްއަވީވު (19 އޮކްޓޯބަރު 2023): އެއްގަމުމަގުން ޣައްޒާއަށް އަރައި ފަލަސްތީނުގެ ޖަމާއަތްތަކުގެ ހަނގުރާމަވެރިންގެ މައްޗަށް ކާމިޔާބު ހޯދޭވަރަށްވުރެ އިސްރާއީލު ސިފައިން ތަމްރީންގެ ގޮތުންނާއި ހިތްވަރުގެ ގޮތުން ބަލިކަށިކަމަށް އިސްރާއީލުގެ ރިޓަޔަޑް ޖެނރަލުންނާއި އަސްކަރީ މުހައްލިލުން ވިދާޅުވެއްޖެއެވެ.
އިސްރާއީލު ސިފައިންގެ ކުރީގެ ކޮނާމްޑަރު އަދި ޓެރަރިޒަމާބެހޭ މުސްތަޝާރުކަން ކުރައްވާފައިވާ ޖެނެރަލް ޔޮގާލް ކަރުމޫން، އެގައުމުގެ ޗެނަލް 13 ގައި ވާހަކަ ދައްކަވަމުން ވިދާޅުވިގޮތުގައި ހަމާސްގެ އެތައް ހާސް ހަނގުރާމަވެރިންގެ އިތުރުން އިސްލާމިކް ޖިހާދު ޖަމާއަތުގެ އެތައް ހާސް ހަނގުރާމަވެރިންނެއް ޣައްޒާގައި އިސްރާއީލު ސިފައިންނާ ދެކޮޅަށް ހަނގުރާމަކުރަން ވަރަށް ޖޯޝާއެކު ތައްޔާރަށް އެބަތިއްބެވެ.
ފަލަސްތީނުގެ ހަނގުރާމަވެރިންނަކީ އެއްގަމު ހަނގުރާމައަށް ވަރަށް މޮޅަށް ތަމްރީން ލިބިފައިވާ ވަރަށް ޖެހިލުންކުޑަ ވަރަށް ކެރޭ ސްޕިރިޓް ވަރަށް ވަރުގަދަ ޒުވާން ހަނގުރާމަވެރިން ތަކެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ކަރުމޫން ވިދާޅުވިގޮތުގައި އިސްރާއީލު ސިފައިން މޮޅީ ހަތިޔާރުގެ ގޮތުންނެވެ. އިސްރާއީލު ސިފައިންގެ އަތުގައި ޒަމާނީ ހަތިޔާރާއި ޒަމާނީ ވަސީލަތްތައް ވަރަށް މަތީފެންވަރަކަށް އެބަހުރިކަމަށާއި ނަމަވެސް މޭންޕަވާ ބަލިކަށިނަމަ ހަތިޔާރާއި ވަސީލަތްތައް ކިތަންމެ ވަރަކަށް ހުރިނަމަވެސް އެއްގަމު ހަނގުރާމަ ކާމިޔާބު ނުކުރެވޭނެ ކަމުގައެވެ.
އޭނާ އިތުރަށް ވިދާޅުވިގޮތުގައި ސިޓީތަކަށްވަދެ އެއްގަމު ހަނގުރާމަ ކުރުމަށް ބޭނުންވާ ފުރިހަމަ ތަމްރީނާއި ހިތްވަރާއި މައުނަވިއްޔާތު (ސްޕިރިޓް) އިސްރާއީލުގެ ލަޝްކަރުތަކުގައި ވަރަށް ކުޑައެވެ. އިސްރާއީލު ސިފައިން އެއްގަމު މަގުން ޣައްޒާއަށް އަރަން އުޅޭ އުޅުން އޭނާ ސިފަކުރައްވާފައިވަނީ އިސްރާއީލުން ހަދާނެ އެންމެ ބޮޑު ގޯހުގެ ގޮތުގައެވެ.
އިސްރާއީލުގެ ޗެނަލް 13 ޓީވީގައި ވާހަކަ ދައްކަވަމުން އެގައުމުގެ އަސްކަރީ މުހައްލިލެއްކަމަށްވާ އަމްނޫން އެވްރަމޮވިޗް ވިދާޅުވިގޮތުގައި އިސްރާއީލު ސިފައިން ބޮޑަށް ތަމްރީންކޮށްފައިވަނީ ވައިގެ މަގުން ހަމަލާތައްދިނުމަށާއި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކުރާ އެޑްވާންސް ހަނގުރާމަތަކާއި އިސްރާއީލާ ކުރިމަތިލާ ފަލަސްތީނުގެ އޮއްގައު އުކާ އާންމުންނާ ކުރިމަތިލުމަށެވެ.
އިމާރާތްތަކުގެ ތެރޭގައި ކުރާ ރިސްކުބޮޑު އަދި މަރުވުމުގެ ފުރުސަތުބޮޑު އެއްގަމު ހަނގުރާމައަކީ އިސްރާއީލު ސިފައިންނަށް ކާމިޔާބު ކުރެވޭނެ ހަނގުރާމައެއް ނޫންކަމަށް ވިދާޅުވެ ޣައްޒާފަދަ އިމާރާތްތައް ގިނަސަރަހައްދެއްގައި ފަލަސްތީނު ހަނގުރާމަވެރިންނާ އެއްގަމުން ކުރިމަތިލުމަކީ އިސްރާއީލު ސިފައިންގެ އެތައް ބަޔަކު މަރުވެ އިސްރާއީލުގެ ލަޝްކަރުތަކަށް ބޮޑު ނާކާމިޔާބަކާ ކުރިމަތިލާންޖެހިދާނެ ހަނގުރާމައެއްކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
ފަލަސްތީނުގެ ހަނގުރާމަވެރިން އެމީހުންގެ ހަށިތަކުން ގުރުބާންކޮށްގެން ކުރާ ކޮންވެންޝަނަލް ހަނގުރާމަ ކުރުމުގެ ގާބިލުކަން އިސްރާއީލު ސިފައިންގެ ކިބާގައި ވަރަށް ކުޑަވާނެކަން އެވްރަމޮވިޗް ފާހަގަ ކުރެއްވިއެވެ.
މި އިންޒާރުތަކާއެކުވެސް އިސްރާއީލުގެ ދިފާއީ ވަޒީރު ޔުއާވް ގެލެންތް ވަނީ ޣައްޒާއަށް އިސްރާއީލު ސިފައިން އެއްގަމުން އަރައި ޣައްޒާ ހިފަން ތައްޔާރުވަމުންދާކަން ހާމަކުރައްވާފައެވެ. ޣައްޒާއަށް އެއްގަމު މަގުން އަރާނަމަ ދޮޅު ލައްކައަށްވުރެ ގިނަ ސިފައިން ބޭނުންވާނެކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
އަދި އެވަގުތު ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިން އިސްރާއީލުގެ އުތުރުން އަރައިގެންފިނަމަ އެމީހުން މައިތިރި ކުރުމަށްޓަކައި މަދުވެގެން ދެލައްކަ ފަންސާސް ހާސް ސިފައިން ޚާއްސަކުރަންޖެހޭނެ ކަމަށް އުރުދުންގެ ކުރީގެ ޖެނެރަލެއްކަމަށްވާ ފާއިޒު އައްދުވައިރީ އަލްޖަޒީރާގައިވަނީ ވިދާޅުވެފައެވެ. އިސްރާއީލުގެ ނިޒާމީ ލަޝްކަރީންގެ އަދަދަކީ ގާތްގަނޑަކަށް ފަސްލައްކަ ފަންސާސް ހާހެވެ. ދެންތިބީ ރިޒާވް ފޯސް އެވެ. އެއީ ތަމްރީނުގެ ގޮތުން މާބަލިކަށި ބައެއްކަން ދުވައިރީ ފާހަގަ ކުރެއްވިއެވެ.
ހިޒްބުﷲ އަކީ ހަމާސް ޖަމާއަތަށްވުރެ 10 ގުނަ ބާރުގަދަ ޖަމާއަތެއްކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު މިއަދުވަނީ ވިދާޅުވެފައެވެ. ހިޒްބުﷲ އަކީ އިސްރާއީލު މައިތިރި ކުރުމަށާއި އިސްރާއީލާއެކު އަސްކަރީ ތިލަފަތް ހަމަކުރުމަށާއި ސަރަހައްދުގައި ނުފޫޒު ފެތުރުމަށާއި ފަލަސްތީނުގެ ޖަމާއަތްތަކަށް މަދަދުދިނުމުގެ ރޭވުމުގެ ދަށުން އީރާން އަޑީގައި އޮވެގެން އުފައްދާފައިވާ ޖަމާއަތެކެވެ.
ފަލަސްތީނުގެ ހަމާސް ޖަމާއަތް ޣައްޒާގެ ތެރޭގައި ހިސާރުވެ ބަންދުވެފައި އޮންނަން ޖެހުނު ނަމަވެސް އެއާ ހިޒްބުﷲ ވަރަށް ތަފާތެވެ. ހިޒްބުﷲ އަކީ އިރާގާއި ސޫރިޔާ ހުރަސްކޮށް އީރާނުގެ ހަތިޔާރުގެ ސަޕްލައި ލިބޭ ހާލަތުގައި އޮތް ޖަމާއަތެކެވެ.
ދެހާސް ފަސް ވަނަ އަހަރު އީރާނާއި ހިޒްބުﷲ ކުރި ހަނގުރާމައިގާ ހިޒްބުﷲ ވަނީ އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގައި ބޮޑު ކާމިޔާބެއް ހޯދާފައެވެ. އޭގެފަހުން މިހާރު 19 ވަރަކަށް އަހަރުވެފައިވާއިރު މިހާރުގެ ހިޒްބުﷲ ވަނީ ކުރީގައި އެޖަމާއަތް އޮތްމިންވަރަށް ވުރެ އެތައް ގުނައެއް ހަތިޔާރުގެ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން ބާރުގަދަކޮށްފައެވެ.
އިސްރާއީލު ސިފައިން އެއްގަމު މަގުން ޣައްޒާއަށް އަރަން އަދިވެސް ފަސްޖެހެމުންދާއިރު މިމައްސަލާގައި އިސްރާއީލުގެ ސިފައިންނާއި ސިޔާސީ އިސްފަރާތްތަކުގެ މެދުގައި ބޮޑެތި ދެބަސްވުންތަކެއް އުފެދި ބޮޑެތި ޒުވާބުތަކެއް ކުރަމުންގެންދާކަމަށް އަލްޖަޒީރާ ބުނެއެވެ.