މިއަދު މާލެ އަތޮޅު ދޫނިދޫ ކައިރިން ކަނޑުމަތިން ފެނިފައި ވަނީ ދިވެހި ފިރިހެނެއްގެ ހަށިގަނޑުކަމަށް ފުލުހުން ބުނެފިއެވެ.

މިކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ، މިއަދު ކަނޑުމަތިން ފެނުނީ ރޭ ރަސްފަންނު ސަރަހައްދުން މޫދަށް ފުންމާލި 41 އަހަރުގެ ފިރިހެނެއްގެ ހަށިގަނޑު ކަަމަށް މިހާރު ފުލުހުންގެ ތަހުގީގަށް ކަށަވަރު ކުރެވިފައި ވާކަމަށެވެ.

ހަށިގަނޑު މިހާރު އާއިލާއާ ހަވާލުކޮށްފައި ވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ އެ މީހާ ރަސްފަންނުން މޫދަށް ފުންމާލިކަމުގެ މައުލޫމާތު ރޭ 19:25ހާއިރު ލިބުނު ކަމަށެވެ. އެ ވަގުތު އެ ސަރަހައްދަށް ދިޔަ ފުލުހަކަށް އެ މީހާ މޫދުގައި އޮއްވާ ފެނުމުން، އެ މީހާ ސަލާމަތް ކުރަން އުޅުނު ނަމަވެސް އެ ހިސާބަށް ފަތާފައި ނުދެވެނީސް، އެ މީހާ ވީނުވީއެއް ނޭނގި ގެއްލުނު ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ މީހާ ގެއްލިގެން އުޅޭކަމުގެ ރިޕޯޓް، އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް، ރޭ 19:54 ހާއިރު ލިބިފައި ވާކަމަށް ސިފައިން ބުނެފައިވެއެވެ.

އެ ރިޕޯޓް ލިބުމާއެކު ކޯސްޓްގާޑުން ރެއިން ފެށިގެން ހަރަކާތްތެރިވި ކަމަށާއި މިއަދު ހެނދުނު ރަސްފަންނު ކައިރި ކަނޑުއަޑިން 41590 އަކަ މީޓަރުގެ ސަރަހައްދެއް ޑައިވަރުން ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ސިފައިން ބުނީ އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ، ދޫނިދޫ ކައިރިން ދަތުރުކުރި އެމްޓީސީސީގެ ފެރީގެ ފަޅުވެރިންނަށް ކަމަށެވެ. އަދި ހަށިގަނޑު ފެނިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 09:19 ހާއިރު ކަމަށެވެ.