ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ވަކި ގައުމެއްގެ ފަތުރުވެރިންނަށް ނުރައްކަލެއް އޮތްކަން މިހާތަނަށް އެނގިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖެ އަންނަ އިސްރާއީލު ފަތުރުވެރިން ހޯދާ އެމީހުން ބޭރުކުރުމަށް ގޮވާލާ ގޮވާލުމާ ގުޅިގެން ފަތުރުވެރިންނަށް ނުރައްކަލެއް އޮތްތޯ ސުވާލުކުރުމުން ފުލުހުންގެ ތަރުޖަމާނު، ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު "ސަން" އަށް ވިދާޅުވީ، އެ ގައުމުގެ ފަތުރުވެރިން ބޭލުމަށް ގޮވާލާކަމުގެ މައުލޫމާތު އަދި ލިބިފައި ނުވާކަމަށެވެ.

މީގެ އިތުރުން، ނުރައްކަލަކާ ގުޅިގެން ވަކި ގައުމެއްގެ ފަތުރުވެރިންނަށް ސެކިއުރިޓީ ވެސް އިތުރު ކޮށްފައި ނުވާނޭކަމަށް އޭނާ ވިދާޅުވިއެވެ.

"ވަކި ގައުމެއްގެ ފަތުރުވެރިންނަށް ސެކިއުރިޓީ ދިނުމުގެ މަސައްކަތެއް ނުކުރެވޭ. މުޅި އިންޑަސްޓްރީގެ ސެކިއުރިޓީ އަކީ އަޅުގަނޑުމެން ވަރަށް ސީރިއަސްކޮށް ނަގާކަމެއް،" އޭނާ ވިދާޅުވިއެވެ.

އިސްރާއީލުން ފަލަސްތީނަށް މެދުނުކެނޑި ހަމަލާ ދެމުންދާ މިދަނޑިވަޅުގައި، އިސްރާއިލު ފަތުރުވެރިން ރާއްޖެ ނާދެވޭ ގޮތް ހަދަން ޖެހޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް އާއްމުން ދަނީ ހިޔާލު ފާޅުކުރަމުންނެވެ.

އިޒްރޭލުގެ ޔަހޫދީން ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކާ ގުޅިގެން އެ ތަނުގެ ވަޒަންވެރިންނަށް ރާއްޖެ ނާދެވޭ ގޮތް ހަދަން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ވެސް ވަނީ ގޮވާލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ހައިތަމް ވިދާޅުވީ، ދިވެހީން އިޒްރޭލުގެ ލާއިންސާނީ އަނިޔާތައް ކުށްވެރިކުރާއިރު، އެ ފަދަ ގައުމެއްގެ ޕާސްޕޯޓު ބޭނުން ކޮށްގެން ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ޔަހޫދީން އަންނަ އައުމަކީ އިންތިހާއަށް ކަންބޮޑުވެ، ބިރުގަންނަން ޖެހޭ ކަމެއް ކަމަށެވެ.

އެހެންވެ، އިޒްރޭލުގެ ޔަހޫދީ ފަތުރުވެރިންނާއި އެ ގައުމުގެ ޕާސްޕޯޓުގައި ރާއްޖެއައުން މިހާރުން މިހާރަށް ހުއްޓުވައިދޭން ހައިތަމް ވަނީ އެދިވަޑައިގެންފައެވެ.

އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް އިއުލާނުކޮސްފައިވާ ހަނގުރާމައިގައި މިހާތަނަށް 2،800 އަށްވުރެ ގިނަ ފަލަސްތީނުގެ މުސްލިމުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި، 10،000 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިއެކި އަނިޔާތައް ވެފައެވެ.

އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ކުށްވެރިކޮށް، އެ މައްސަލަ ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެސް ވަނީ ގޮވާލައްވައިފައެވެ