19 Oct 2023, 11:41
މިއަދު މާލެ އަތޮޅު ދޫނިދޫ ކައިރިން ކަނޑުމަތިން ފެނިފައި ވަނީ ރޭ ރަސްފަންނު ސަރަހައްދުން މޫދަށް ފުންމާލި މީހެއް ކަަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ ރޭގެ ވަގުތެއްގައި ރަސްފަންނު ކައިރީ މޫދަށް ފުންމާލިކަމަށް ބެލެވޭ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް، ދޫނިދޫ ކައިރިން އެ މީހާ ފެނިފައިވާ ކަމަށެވެ.
އެ މީހާ ގެއްލިގެން އުޅޭކަމުގެ ރިޕޯޓް، އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބުނީ، ރޭ 19:54 ހާއިރު ކަމަށް ސިފައިން ބުންޏެވެ.
އެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ރެއިން ފެށިގެން ހަރަކާތްތެރިވަމުންދާ ކަމަށާއި މިއަދު ހެނދުނު ކޯސްޓްގާޑުގެ ޑައިވަރުން ރަސްފަންނު ކައިރި ކަނޑުއަޑިން 41590 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ސިފައިން ބުނީ އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ، ދޫނިދޫ ކައިރިން ދަތުރުކުރި އެމްޓީސީސީގެ ފެރީގެ ފަޅުވެރިންނަށް ކަމަށެވެ. އަދި ހަށިގަނޑު ފެނިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 09:19 ހާއިރު ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެ މީހާގެ ހަށިގަނޑު މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ.
މީގެ ކުރިން ފުލުހުން ވަނީ، ދޫނިދޫ އާއި ފުނަދޫ ކައިރީ ކަނޑުމަތިން މީހެއްގެ ހަށިގަނޑު ފެނިފައިވާތީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ބުނެފައެވެ.