މައިކްރޮސޮފްޓްގެ މަޝްހޫރު އޮޕަރޭޓިން ސިސްޓަމްގެ އެންމެ ފަހުގެ ވާޝަން ވިންޑޯޒް 11އަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާ އިރު، މަހަކު 400 މިލިއަނަށް ވުރެ ގިނަ އެކްޓިވް ޑިވައިސްގައި މިހާރު އެ ޕްލެޓްފޯމް ހިންގަމުން އަންނަ ކަމަށް ޓެކް ރިޕޯޓްތައް ބުނެފިއެވެ.

މި ކާމިޔާބީއަކީ ފާހަގަކޮށްލެވޭ ކަމެއް ނަމަވެސް، މީގެ ކުރީގެ ވާޝަން ވިންޑޯޒް 10 އާ އަޅާ ބަލާއިރު، މި ވާޝަން އެޑޮޕްޓް ކުރާ ނުވަތަ ބޭނުންކުރަން ފަށާ ނިސްބަތް ވަރަށް ދަށްކަން ތަފާސްހިސާބުން އަންގައިދެއެވެ. ވިންޑޯޒް 11 ބޭނުންކުރާ އެކްޓިވް ޑިވައިސްގެ އަދަދު މަހަކު 400 މިލިއަނަށް އަރުވަން ކުރި ދަތުރަށް ދެ އަހަރު ހޭދަވި އިރު، ވިންޑޯޒް 10 ރިލީޒްކުރިތާ އެންމެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ހިސާބަށް ގޮސްފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ.

މައިކްރޮސޮފްޓްގެ އެތެރޭގެ ޑޭޓާތަކާ ހަވާލާދީ ވިންޑޯޒް ސެންޓްރަލްގެ ރިޕޯޓުގައި އަންދާޒާކޮށްފައިވާ ގޮތުގައި ވިންޑޯޒް 11 ބޭނުންކުރާ އެކްޓިވް ޑިވައިސްގެ އަދަދު އަންނަ އަހަރުގެ ކުރީކޮޅު 500 މިލިއަނަށް އަރާނެއެވެ.

މައިކްރޮސޮފްޓުން ވިންޑޯޒް 11 ތައާރަފުކުރީ 2021 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި، ޑިޒައިނަށް ފާހަގަކޮށްލެވޭ ބަދަލުތަކެއް ގެނެސް، އާ ބޫޓް ސްކްރީނަކާއި ސްޓާޓްއަޕް ސައުންޑާއި އަޕްގްރޭޑް ކޮށްފައިވާ ވިޖެޓްތަކާއެކުގައެވެ. ވިންޑޯޒް 11 އެޑޮޕްޓް ކުރުން ލަސްވުމަކީ، ބައެއް ފަހަރު ހާޑްވެއާގެ ޝަރުތުތަކުގެ ސަބަބުން ދިމާވާ ކަމެއެއްކަމަށް ވަނީ ބެލެވިފައެވެ.

ވިންޑޯޒް 10 އާ ޚިލާފަށް ވިންޑޯޒް 11 ގައި ޓްރަސްޓެޑް ޕްލެޓްފޯމް މޮޑިއުލް (ޓީޕީއެމް) ބޭނުންވެއެވެ. އެހެންކަމުން ވިންޑޯޒް 11 ރަން ކުރުމަށް ކޮންމެހެންވެސް 2018 ވަނަ އަހަރަށްވުރެ ފަހުގެ ސީޕީޔޫތައް ބޭނުންވެއެވެ.

ވިންޑޯޒް 11 ތައާރަފުކުރި ފަހުން ގިނަ އަޕްޑޭޓްތަކެއް ލިބިފައިވާއިރު އޭގެ ތެރޭގައި މައިކްރޮސޮފްޓްގެ އޭއައި ޕާސަނަލް އެސިސްޓެންޓް ކޯޕައިލޮޓް އޮޕަރޭޓިން ސިސްޓަމަށް އިންޓަގްރޭޓް ކުރުން ހިމެނެއެވެ.

ކުރިމަގަށް ބަލާއިރު މައިކްރޮސޮފްޓުން އަންނަނީ އަންނަ އަހަރު ވިންޑޯޒް 12، ނެރުމަށް ތައްޔާރުވަމުންނެވެ. މިއީ ވިންޑޯޒް އޮޕަރޭޓިން ސިސްޓަމްގެ ކުރިއަށް އޮތް ބޮޑު ވާޝަން ކަމަށް ބެލެވެއެވެ.