19 Oct 2023, 11:01
ޔަހޫދީ އިސްރާއީލްގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ޣައްޒާއަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތައް މެދުކެނޑުމެއްނެތި ކުރިއަށްދާއިރު، ފަލަސްތީނުން ބޭރުވެ ރައްކާތެރި ހިސާބަކަށް ދިއުމަށް، އެތައް އާއިލާއެއް މިސްރާއި ޣައްޒާ ގުޅޭ ރަފާ ބޯޑަރު ކައިރިއަށް އެއްވާން ފެށީ މިދިޔަ ހުކުރު ދުވަހުއެވެ.
އޭގެތެރެއިން އެއް އާއިލާއަކީ ޣައްޒާގެ ދެކުނުން އޮންނަ ހާން ޔޫނުސަށް އުފަން ސަބްރީން އަބްދޫ ރާބޫގެ އާއިލާއެވެ. ދެމަފިރިންނާއި ތިން ކުދިންގެ މި އާއިލާއިންވެސް ބޯޑަރު ކައިރިއަށް ދިޔައީ ޣައްޒާއިން ނިކުމެވޭނެ ކަމުގެ ފޮނި އުންމީދުގައެވެ.
ނަމަވެސް އުންމީދު ފެނަށްވެގެން ދިޔައީ ބޯޑަރު ކައިރިއަށް އިސްރާއީލުން ވައިގެ ހަމަލާއެއް ދިނުމުންނެވެ. އެއްވެސް މީހަކު ޝަހީދު ނުވި ނަމަވެސް އެތަނުގައި ޣައްޒާއިން ބޭރުވެވޭވެނެ ކަމުގެ އުންމީދުގައި ތިބި އެއްތައް ބައެއްގެ އުންމީދު ގެއްލުނީއެވެ.
"އަހަރުމެން ހަމައެކަނި ބޭނުންވީ ރައްކާތެރި ހިސާބަކަށް ދާން. ލާން ގެންގުޅުނު އަންނައުނު ކޮޅު އަޅާފައިވާ ދަބަސް ފިޔަވައި އިތުރު އެއްވެސް އެއްޗެއް އަހަރުމެން ނުގެންދަން" ހަނގުރާމައިގެ ކުރިން އާޓް ޓީޗަރެއްގެ ވަޒީފާ އަދާކުރި، ޣައްޒާގެ ސަބްރީންއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކުރެއެވެ.
އިސްރާއީލުން ބޮން ގޮއްވާލި ވަގުތު ސަބްރީންގެ ފިރިމީހާ އަހުމަދު ހުރީ ޣައްޒާއިން ބޭރުވުމަށް ބޭނުންވާ ލިޔެކިޔުންތައް ނިންމާށެވެ. ބޮން ގޮއްވާލުމާއެކު ކަޅު ދުންތަކުގެ ތެރެއިން އެމީހުން ހޯދަން ފެށީ ކުދިންތަކެވެ. ކުދިން އެ މީހުންނަށް ފެނުނީ އެތައް އިރެއްގެ މަސައްކަތުންނެވެ.
ރަފާ ބޯޑަރަށް ހަމަލާތައް ދެނީ : ފޮޓޯ: ރޮއިޓާސް
ބޮން ގޮއްވާލުމުން ރަފާ ބޯޑަރުކައިރީ ތިބި އެންމެނަށް ޖެހުނީ އަނެއްކާވެސް އެބުރި ހާން ޔޫނުސަށް ދާށެވެ. އަނެއްކާވެސް ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއަށެވެ. ނަމަވެސް އެކަމާގުޅިގެން ދެބަސް ވެވޭނެހާ ހިތްވަރުވެސް އެމީހުންގެ ގައިގައި ނެތް ކަމަށް ސަބްރީން ބުންޏެވެ.
އަދި އެ މީހުން ރާވައިގެން ތިބީ ޣައްޒާއިން މިސްރަށް ގޮސް މިސްރުން ސަބްރީންގެ ބޭބޭ ދިރިއުޅޭ ތުރުކީގެ އިސްތަންބޫލަށް ދިއުމަށް ކަމަށް ވެސް ސަބްރީން ވަނީ ބުނެފައެވެ.
ނަމަވެސް ސަބްރީންގެ އާއިލާއަށް އަނެއްކާވެސް ޖެހުނީ ހާން ޔޫނުސްގައި އެމީހުން ތިބި އޭނާގެ އާއިލާގެ މީހެއްގެ ގެއަށް ދާށެވެ. އެ އެޕާޓްމަންޓުގައިވެސް 20 މީހުން އެކުގައި ދިރިއުޅޭކަމަށް ސަބްރީނާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކުރެއެވެ.
ރަފާ ބޯޑަރުގައި މީހުން ޖަމާވެފައި -- ފޮޓޯ: ރޮއިޓާސް
އިސްރާއީލުން ފަލަސްތީނަށް ހަމަލާތައް ދޭތާ 12 ދުވަސް ވެފައިވާއިރު، ފަލަސްތީނުގެ ދެ މިލިއަނަށް ވުރެ ގިނަ އާންމު ރައްޔިތުން ދިރިއުޅެމުންދާ، ޣައްޒާގެ އެކި ހިސާބުތަކަށް އިސްރާއީލުން އަންނަނީ ހުއްޓުމެއް ނެތި ބޮމުގެ ހަމަލާތައް ދެމުންނެވެ.
ސަބްރީންގެ އާއިލާ ފަދައިން ޣައްޒާގެ އެތައް ސަތޭކަ އާއިލާއެއް އަންނަނީ ފަލަސްތީނުން ބޭރުވުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އިސްރާއީލުގެ އަސްކަރިއްޔާ އިން ޣައްޒާ ވަށާލައި ބަންދުކުރުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަލަސްތީނުގެ ރައްޔިތުން ވަނީ އަސާސީ ހައްގުތަކުންވެސް މަހްރޫމްވެފައެވެ.