ބޮލީވުޑްގެ ކާމިޔާބު ބަތަލާ އައިޝްވަރިޔާ ރާއީ އަކީ އެކްޓަރު އަބިޝެކް ބައްޗަންގެ އަންހެނުން ކަމަށް ވިޔަސް 'ބައްޗަން ބަހޫ'ގެ ނަމުން އާއްމުން ބަތަލާއާ މުޚާތަބު ކުރަން ބޭނުމެއް ނުވެއެވެ.

އިންޑިއާގެ އެންޑީޓީވީއިން އައިޝްވަރިޔާ އާއެކު ކުރިޔަށް ގެންދިޔަ އިންޓަވިއު އެއްގައި ބަތަލާގެ ނަމުގެ ފަހަތަށް 'ބައްޗަން' އައިސް 'ބަހޫ އޮފް ދަ ބައްޗަން' އަށް ބަދަލުވުމުން ކެރިއަރަށް އެއްވެސް އަސަރެއް ކުރިތޯ ވަނީ އަހާފައެވެ.

މި ސުވާލުގެ ޖަވާބުގައި ރީތީގެ ރާނީގެ ތާޖު ހާސިލު ކޮށްފައިވާ ބަތަލާ ބުނީ، 'ބައްޗަން ބަހޫ' ކިޔުމުން ވަރަށް ބޮޑު ޑްރާމާގަނޑެއްގެ މަންޒަރު ސިފަވާ ކަމަށެވެ.

ކައިވެންޏަށް ފަހުވެސް އައިޝްވަރިޔާ އަކީ، ވަރަށް އާދައިގެ މީހެއް ކަމަށާއި 'ބައްޗަން ބަހޫ' ގެ ބަދަލުގައި އައިޝްވަރިޔާ ރާއީގެ ނަމުން މުޚާތަބު ކުރުމުން މާ އުފާވާނެ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

އައިޝްވަރިޔާ ރާއީ ބައްޗަން އާއިލާ އަށް އައުމުން މާބޮޑު ތަފާތެއް އާއިލާގެ ތެރެއަށް ނާންނަ ކަމަށް އެކްޓަރު އަމީތާބު ބައްޗަން ވެސް ވަނީ މީގެ ކުރިން ބުނެފައެވެ. ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ ބައެއް ފިލްމު ތަކުގައި ވެސް މަސައްކަތް ކޮށްފައިވާ ބަތަލާ އަކީ އަމީތާބް އާއި އަންހެނުން ޖަޔާގެ މެދުގައި ވަރަށް މަގުބޫލު އާއިލީ މެމްބަރެކެވެ.

އައިޝްވަރިޔާ އާއި އަބިޝޭކް އާއިލާއާ އެކު
އަބިޝެކްގެ ދައްތަ ޝުވެތާ ބައްޗަންގެ ކައިވެންޏަށް ފަހު އެ އާއިލާއަށް ވަރަށް ބޮޑު ފަޅުކަމެއް އިހުސާސްވި ކަމަށާއި އެ ފަޅުކަން ފިލުވައި ދިނީ އައިޝްވަރިޔާ ކަމަށް ޖަޔާ ބައްޗަން ވަނީ ކަރަން ޖޯހަރުގެ ޓޯކް ޝޯވް 'ކޮފީ ވިތު ކަރަން'ގައި ބުނެފައެވެ.

އަބިޝޭކް އާއި އައިޝްވަރިޔާގެ ކައިވެންޏަށް އަންހެން ކުއްޖަކު ލިބިފައިވާއިރު ދެ ތަރިން ކައިވެނި ކުރީ ގިނަ ދުވަސްތަކަކަށް ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު 2007 ވަނަ އަހަރުއެވެ.