18 Oct 2023, 21:59
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް މިހާރު ދެމުންދާ އުދުވާނީ ހަމަލާތައް ހުއްޓުވައި، ފަލަސްތީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ ކޯރިޑޯއެއް ގާއިމްކުރުމަށް ދިވެހިރާއްޖެއިން މިއަދު ގޮވާލައްވައިފިއެވެ.
ޣައްޒާއާއި ދެކޮޅަށް ދެމުންދާ ހަމަލާތަކާއި ގުޅޭގޮތުން ސައުދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މައި މަރުކަޒުގައި ބޭއްވުނު އެ ޖަމިއްޔާގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް ޚާއްސަ ބައްދަލުވުމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް، އަޙްމަދު ޚަލީލް ވިދާޅުވީ، ފަލަސްތީނުގެ ބިންތަކަށް އިޒްރޭލުން އަރައިފައިވަނީ ބައިނަލްއަޤްވާމީ ގާނޫނުތަކާއި ހިލާފަށް ކަމަށާއި ޣައްޒާގެ ބިންތަކުން އެއްކޮށް ފައިބައިގެން ދާން ޖެހޭ ކަމަށެވެ.
ޚަލީލް ވަނީ، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެއްޗާއި ކާބޯތަކެތީގެ އިތުރުން ބޭސް ފޮރުކޮށްދިނުން ކަށަވަރު ކޮށްދިނުމަށްޓަކައި އިންސާނިއްޔަތުގެ ކޯރިޑޯތަކެއް ގާއިމުކުރުމަށް އެއްބާރުލުން ދިނުމަށް ގޮވާލައްވައިފައެވެ.
އަދި، ސަރަހައްދުގެ އަމާންކަމާއި ހަމަޖެހުން ކަށަވަރު ކުރެވެން އޮތް ހަމައެކަނި ގޮތަކީ 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރު މައްޗަށް އެކުލެވިފައިވާ، މުސްތަޤިއްލު، މިނިވަން ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރެވިގެންކަން ވެސް އޭނާގެ ތަޤުރީރުގައި ފާހަގަކުރެއްވިއެވެ.

ފޮރިން އެފެއާޒް އަޙުަމަދު ޚަލީލް ސައުދީގައި ބޭއްވުނު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ _ ފޮޓޯ/ ފޮރިން މިނިސްޓްރީ
އޭނާގެ ތަގުރީރުގައި، ޣައްޒާގައި ދިރިއުޅޭ ޢާއްމު ރައްޔިތުންނާ ދެކޮޅަށް އިސްރޭލުން ދެމުންގެންދާ ޢުދުވާނީ ޙަމަލާތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާފައިވެއެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގައި ބައިވެރިވެވަޑައިގެންނެވީ ޚަލީލާއި ޖިއްދާގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓްގެ ފަސްޓް ސެކްރެޓަރީ، މުޙައްމަދު ރަމީޒާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް ޖެނެރަލް ސާވިސް އޮފިސަރު، ޢާއިޝަތު ރިފްޤާ މުޙައްމަދެވެ.
ޖުމުލަ 57 މެންބަރު ޤައުމުގެ މައްޗަށް އެކުލެވޭ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އިން އަބަދު ވެސް އަންނަނީ ފަލަސްޠީނުގެ ރައްޔިތުންގެ ޚައްޤުތައް ކަށަވަރުކުރުމަށްޓަކައި އެބައިމީހުންގެ ފަރާތުން ވަކާލާތުކުރަމުންނެވެ. އަދި، ރާއްޖެއިން އަންނަނީ 1976ވަނަ އަހަރު އޯއައިސީގެ މެންބަރަކަށް ވީއްސުރެ، ޙަރަކާތްތެރިކަމާ އެކު އެ ޖަމިއްޔާގައި މަސައްކަތް ކުރަމުންނެވެ.