އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަލް ޖަޒީރާއަށް ދެއްވި އިންޓަވިއުގައި ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ނުސީދާކޮށް މިއަދު ރައްދެއް ދެއްވައިފިއެވެ.

އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން މުއިއްޒު އެންމެ ފުރަތަމަ ބޭރުގެ މީޑިއާއަކަށް ދެއްވި އެ އިންޓަވިއުގައި އެ މަނިކުފާނު ވިދާޅުވީ، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން 2050 ވަނަ އަހަރު ރާއްޖޭގެ ބޮޑުބައެއް ނެތިގެންދާނެ ކަމަށް މާހިރުން ބުނާ ބުނުމަކީ އެހާ ސީދާ ބުނުމެއް ނޫން ކަމަށެވެ.

އަދި، މީގެ 50 އަހަރު ކުރިން ވެސް އެ ވާހަކަތައް އެފަދައިން ދައްކާ ކަމަށާއި ކަނޑުގެ ލޮނުގަނޑު އެ ބުނާ މިންވަރަށް މަތިވާތަން ނުފެންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ވާހަކަތަކަށް ނުސީދާ ރައްދެއް ދެއްވާ މައުމޫން ކުރެއްވި ޓްވީޓުގައި ވަނީ އެންމެން ވެސް ސައިންޓިފިކް ހަގީގަތް ގަބޫލުކުރަން ޖެހޭ ކަމަށެވެ. އަދި، ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ދިޔުމަކީ އެފަދަ ޙަޤީޤަތެއްކަމަށް މައުމޫން ލިޔުއްވާފައި ވެއެވެ.

"ސެޓެލައިޓް މަޢުލޫމާތު ދައްކާ ގޮތުގައި މި ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ކަނޑުގެ ސަތަޙަ 3.4 މިލިމީޓަރު އުފުލިއްޖެ،" އެ މަނިކުފާނު ލިޔުއްވާފައި ވެއެވެ.

އަލްޖަޒީރާއަށް ދެއްވި އިންޓަވިއުގައި މުއިއްޒު ވިދާޅުވީ، ރާއްޖެ އައިސް މި ގައުމުގެ ތިމާވެށީގެ ހާލަތު ބަލައިފިނަމަ، ރާއްޖޭގެ ތިމާވެށީގެ ހާލަތު "އެހާ ސީރިއަސް" ނޫންކަން އެނގޭނެ ކަމަށެވެ. ނަމަވެސް، ތިމާވެށީގެ މައްސަލަތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއް ކަމަށާއި ތިމާވެށީގެ މައްސަލަތަކަށް އިތުރު ސަމާލުކަން ވެސް ބޭނުންވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޕޮލިސީ ވެސް އޮންނަނީ އެގޮތަށް. އަދި ކޮންމެ ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ވެސް، އެއީ ރިސޯޓު މަސައްކަތެއް ނަމަވެސް އަދި އިންފްރާންސްޓްރަކްޗާ މަސައްކަތެއް ނަމަވެސް އަބަދު ވެސް ގާތުން ބަލަން ތިމާވެއްޓަށް ކުރާ އަސަރުތައް،" އެ މަނިކުފާނު ވިދާޅުވިއެވެ.

މި އިންޓަވިއުއާ ގުޅިގެން ޑރ. މުއިއްޒަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

މި ކަމާ ގުޅިގެން އިންތިހާބީ ރައީސްގެ އޮފީހުގެ އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރްޒުލް މީގެ ކުރިން ވިދާޅުވީ، މުއިއްޒު ދެއްކެވި ވާހަކަތައް ވަނީ މާނަ އޮޅިފައި ކަމަށެވެ. އަދި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އިންތިހާއަށް މަަސައްކަތް ކުރަން ޖެހޭ ކަމަށް މުއިއްޒު ގަބޫލުކުރައްވާކަން އެ އިންޓަވިއުއިން ސާފުވާ ކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ.

މީގެ ކުރިން މައުމޫން ވަނީ ޑރ. މުއިއްޒުގެ އެ އިންޓަވިއުއަށް ތައުރީފު ވެސް ކުރައްވާފައެވެ.