18 Oct 2023, 20:08
ރާއްޖޭގެ ގުދުރަތީ ރިތިކަން ދައްކުވައިދޭ އަދި ރީސައިކަލްކޮށްފައިވާ ޕްލާސްޓިކު ބޭނުންކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އާ ކާޑުތަކެއް މިއަދު ތައާރަފު ކޮށްފިއެވެ.
އަލަށް ތައާރަފު ކުރި ކާޑުތަކުގައި، ރާއްޖޭގެ ފޮޓޯގްރާފަރުން ނަގައިފައިވާ ފޮޓޯ ތަކުން ދައްކުވައިދެނީ ރާއްޖޭގެ ގޮނޑުދޮށަށް ބީއްސާލާ ރާޅާއި މޫދުގެ މަންޒަރުތައް ކަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި، ރަށްތަކުގެ ގޮނޑުދޮށްތަކުން ފެންނަ ރެދަނާއި މުރަކައިގެ ރީތި މަންޒަރުތައް ވެސް ކާޑުތަކުގައި ހިމަނާފައިވެއެެވެ.

ގުދުރަތީ ރީތިކަން ދައްކުވައިދޭ ކާޑުތައް_ ފޮޓޯ/ ބީއެމްއެލް
ބީއެމްއެލްގެ ސީއީއޯ އަދި މެނޭގިން ޑިރެކްޓަރު ކާލް ސްޓުމަކް ވިދާޅުވީ، މި ކާޑުތަކުން ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތް ކުރުމަށް ކަސްޓަމަރުންނަށް ހިތްވަރު ލިބި އަދި ތިމާވެއްޓަށް އޮންނަ ހޭލުންތެރިކަން އިތުރުވެގެން ދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ކާޑުތަކަކީ ހަމައެކަނި ބަލައިލަން ރީތި ކާޑުތަކެއް ނޫން. މިއިީ ދުނިޔޭގެ ތިމާވެއްޓާ ގުޅޭ ރައްކާތެރި ކާޑުތަކެއް. އަލަށް ތައާރަފު ކުރި ކާޑުތައް އުފައްދާފައިވަނީ ރިސައިކަލް ޕްލާސްޓިކުގައި. މިއީ ވިޔަފާރިގައި ދެމެހެއްޓެނިވި ގޮތެއްގައި ކަަންކަން ކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް،" އޭނާ ވިދާޅުވިއެވެ.
އާ ޑިޒައިންތަކަކީ ބޭންކުގެ ވިސާ އަދި މާސްޓަކާޑުގެ ޑެބިޓް އަދި ކްރެޑިޓް ކާޑަށް ތައާރަފްކުރި ޑިޒައިންތަކެކެވެ. ބީއެމްއެލްގެ ވިސާ ކްރެޑިޓް ގޯލްޑް ކާޑާއެކު އަލަށް ތައާރަފު ކުރި މި ކާޑުތައް މިއަދުން ފެށިގެން ދޫކުރާނެއެވެ.