މާލޭ، ލޮނުޒިޔާރަތް މަގުގައި ހުރި ގަހެއް ވެއްޓި ސައިކަލުތަކަކަށް ގެއްލުން ވެއްޖެއެެވެ.

މި ގަސް ވެއްޓިފައިވަނީ ލޮނުޒިޔާރާތް މަގާއި ރެހެނދި ހިނގުމާ ގުޅޭ ހަތަރު އަަނގޮޅި ކަންމައްޗަށެވެ. މި ގަސް ވެއްޓިފައިވާއިރު މަގު ވެސް އޮތީ ބަންދުވެފައެވެ.

މިހާރު ގަސް ނަގައި މަގު ވަނީ ހުޅުވައިލައިފައެވެ.

މި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު، މި ކަން ހިނގުމަށް މެދުވެރިވި ސަބަބު އަންނަނީ ބަަލަމުންނެވެ.

ބެލެވޭ ގޮތުގައި ގަސް ވެއްޓުނީ ގަހުގެ ބުޑުން ފީވެފައި ހުރުމާ އެކު ގިނަ ދުވަސްވުމުންނެވެ.

މި ފަދަ ހާދިސާތައް މަދުން ނަމަވެސް މާލޭގައި ހިނގަނީ އާންމުކޮށް މޫސުން ގޯސް ދުވަސްވަރުގައެވެ. އެގޮތުން ވިއްސާރަވެ ވައިގަދަވި ބަައެއް ދުވަސްތަކުގައި މީގެ ކުރިން ގަސް ވެއްޓި، ނުވަތަ ގަަހުގެ ބައިބައި ވެއްޓި ވެހިކަލްތަކަށް ގެއްލުންވެފައިވެއެވެ.