18 Oct 2023, 16:26
މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުގެ އިތުރަށް ޚަރަދު ކުރުމަށް ޓަކައި، ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓެއް މިއަދު ހުށަހަޅައިފިއެވެ.
ފިނޭންސްއިން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާފައިވާކަން މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ޙަސަން ޒިޔާއު ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.
ބައެއް މީޑިއާތަކުގައިވާ ގޮތުން ފިނޭންސްއިން ހުށަހަޅާފައި ވަނީ ހަ ބިލިއަން ޑޮލަރުގެ ސަޕްލިމެންޓްރީ ބަޖެޓެކެވެ.
މިއަހަރަށް ފާސްކޮށްފައި ވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު 28ގައި މަޖިލީހުން ބަޖެޓް ފާސްކުރިއިރު، އެއަހަރުގެ ބާކީ އޮތް މުއްދަތަށް ވެސް އިތުރަށް ފައިސާ ބޭނުން ވެދާނެތީ 5.8 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް ފާސްކުރިއެވެ.