18 Oct 2023, 17:44
ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އަމާޒުކޮށްދޭ ހަމަލާތަކުގައި، އަންގާރަ ދުވަހު ޣައްޒާގެ އަލް އަހްލީ އަރަބް ހޮސްޕިޓަލަށް ބޮން އަޅައި 500 މީހުން ޝަހީދުކޮށްލި ލާއިންސާނީ ގަތުލުއާންމު ތުރުކީވިލާތުން ކުށްވެރިކޮށްފިއެވެ.
ތުރުކީވިލާތުގެ ރައީސް ތައްޔިބް އުރުދުގާން ސޯޝަލް މިޑިއާގައި ކުރި ޕޯސްޓަކާ ހަވާލާދީ އެންއެޗްކޭ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަންހެނުންނާ، ކުޑަކުދިން އަދި ކުށެއްނެތް އާންމުންގެ އެތައް ބަޔަކު ތިބި ހޮސްޕިޓަލަކަށް އިސްރާއީލުން ދިން ހަމަލާއަކީ އެ މީހުން އިންސާނިއްޔަތުކަމެއް ނެތްކަމުގެ ވަރުގަދަ މިސާލެއް ކަމަށް އުރުދުގާން ބުނެފައިވެއެވެ. އަދި, އިސްރާއީލުގެ މި ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ވެސް އުރުދުގާން ގޮވާލާފައިވާ ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
ޣައްޒާގެ އާންމު ރައްޔިންތުންނާ އެކު ތިބިކަން އެންގުމުގެ ގޮތުން ތުރުކީވިލާތުގެ ވެރިރަށް އަންކާރާގައި ހުންނަ އިސްރާއީލުގެ އެމްބަސީއާއި އެ ގައުމުގެ އެންމެ ބޮޑު ސިޓީ، އިސްތަންބޫލްގައި ހުންނަ ކޮންސިއުލޭޓް ޖެނެރަލް ކުރިމައްޗަށް ވެސް ގިނަ ބަޔަކު ވަނީ އެއްވެފައެވެ. ފަލަސްތީނުގެ ދިދަތައް އުފުލާލަމުން އެ މީހުން ގޮވާލަމުން ދިޔައީ އިސްރާއީލުގެ ގާތިލުން، ފަލަސްތީނުން ދޫކޮށް ދިއުމަށެވެ.
އިސްރާއީލާ ދެކޮޅަށް ތުރުކީގައި މުޒާހަރާ ކުރަނީ -- ފޮޓޯ/ ރޮއިޓާސް
ބައިނަލްއަގުވާމީ ނޫސްތައް ބުނާ ގޮތުން އިސްރާއީލުން ބޮން އެޅީ ހޮސްޕިޓަލްގެ ކޯޓު ޔާޑަށެވެ. އަދި، އެ ސަރަހައްދުގައި މުޅިހެން އޮތީ ލެޔެވެ. އެ ހޮސްޕިޓަލުން ޝަހީދުވި މީހުންނާ ޒަޚަމްވި މީހުން ގެންގޮސްފައި ވަނީ ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް، އަލް ޝިފާ ހޮސްޕިޓަލަށެވެ.
ޣައްޒާގެ އާންމުންނަށް ބޭނުންވާ ސާފު ބޯފެން ގާތްގަޑަކަށްހެން ހުސްވެފައިވާވާއިރު، ހޮސްޕިޓަލްތަކުގައި ޖެނެރޭޓަރުތައް ހިންގުމަށް ބޭނުންވާ ތެލުގެ މިންވަރު ހުރީ ގާތްގަޑަކަށް 24 ގަޑިއިރަށް ފުދޭ ވަރަށެވެ. އަދި, ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރާނެ އެހެނިހެން ތަކެތި ވެސް ހުސްވާން ކައިރިވެފައިވާ ކަމަށް އދ. ގެ ރެފިއުޖީ އޭޖެންސީއާ ހަވާލާދީ ދަ އިންޑިޕެންޑެންޓުން މީގެ ކުރިން ވަނީ ރިޕޯޓުކޮށްފައެވެ.