ފަރަންސޭސިވިލާތާއި ސްކޮޓްލަންޑްގެ މެދުގައި ކުޅުނު ބައިނަލްއަޤްވާމީ ރަހްމަތްތެރިކަމުގެ ފުޓުބޯޅަ މެޗު ފަރަންސޭސީން ކާމިޔާބުކޮށްފިއެވެ.

ފަރަންސޭސިވިލާތުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ފަރަންސޭސި ޓީމެވެ. ނަމަވެސް މި މެޗުގެ ފެށުން ރަނގަޅުވީ ސްކޮޓްލަންޑްގެއެވެ. މި ގޮތުން މެޗުގެ 11 ވަނަ މިނެޓްގައި ސްކޮޓްލަންޑްގެ ބިލީ ގިލްމޯ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ނަގައިދީފައެވެ.

ނަމަވެސް މިލީޑު ސްކޮޓްލަންޑަށް ދެމެހެއްޓޭވަރުވީ ފަސް މިނެޓް ވަންދެނެވެ. މިގޮތުން މެޗުގެ 16 ވަނަ މިނެޓްގައި ބެންޖަމިން ޕަވާޑް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަދި، މި ލަނޑު ކާމިޔާބުކޮށްދިންތާ އަށް މިނެޓު ފަހުން ޕަވާޑް ވަނީ މެޗުގައި ފުރަތަމަ ފަހަރަށް ފަރަންސޭސީންނަށް ލީޑު ވެސް ނަގައިދީފައެވެ.

މެޗުގައި ފަރަންސޭސި ޓީމުގެ ތިންވަނަ ލަނޑު މެޗުގެ 41 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން ކިލިއަން އެމްބާޕޭއެވެ. މިއީ އޭނާ ޤައުމީ ޓީމަށް ކުޅުނު 73 ވަނަ މެޗުގައި ކާމިޔާބުކޮށްދިން 43 ވަނަ ލަނޑެވެ. މި މެޗުގައި ފަރަންސޭސި ޓީމުގެ ފަހު ލަނޑު މެޗުގެ 70 ވަނަ މިނެޓްގައި ޖަހައިދިނީ ކިންގްސްލީ ކޯމަންއެވެ. މެޗުގައި މީގެ އިތުރުން ވެސް ދެ ޓީމަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބިގެން ދިޔަކަން ފާހަގަ ކޮށްލެވެއެވެ.

މި މެޗާ ކުރިމަތިލީއިރު ދެ ޓީމު ވެސް ވަނީ ވަރަށް ފަހުން އަންނަ އަހަރު ޖަރުމަނުވިލާތުގައި ކުޅުމަށް ހަމަޖެހިފައިވާ ޔޫރޯ 2024 މުބާރާތުން ޖާގަ ހޯދައިފައެވެ. އެހެން ކަމުން މެޗުގައި ދެ ޓީމުން ވެސް ގިނަ ބަދަލުތަކެއް ފެނިގެންދިޔަކަން ފާހަގަ ކޮށްލެވުނެވެ. މިގޮތުން ސްކޮޓްލަންޑްއިން އެންމެ ފަހުން ކުޅުނު ކޮލިފައިން މެޗާއި ބަަލާއިރު އަށް ބަދަލެއް ފާހަގަ ވެގެން ދިޔައެވެ.