އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުވައިކުރެއްވުމުގެ ގޮތުން ބާއްވާ ހަފްލާ ކަވަރު ކުރަން ބޭނުންވާ ރާއްޖެއިން ބޭރުގެ މީޑިއާތަކަށް އެ ކަމުގެ ދައުވަތު ރައްޔިތުންގެ މަޖިލީހުން މިއަދު ފޮނުވައިފިއެވެ.

މަޖިލީހުގެ އިދާރާއިން ފޮނުވި ދައުވަތުގައިވާ ގޮތުން ހުވައިކުރުމުގެ މި ހަފްލާ އޮންނާނީ އަންނަ މަހުގެ 17ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައެވެ.

މަޖިލީހުގެ އިދާރާއިން ބުނީ ބައިނަލްއަގްވާމީ މީޑިއާއަކުން މި އިވެންޓް ކަވަރު ކުރުމަށް ރާއްޖެ އަންނަން ބޭނުންވާ ނަމަ އެ ކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން ވިސާއާއި އެހެނިހެން ހުއްދަތައް ހޯދުމާއި، ހުރުމުގެ ކަންކަމަށް ބޭނުންވާ މުހިންމު އިދާރީ ކަންކަން ހަމަޖައްސައިދޭނެ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް ދަތުރުފަތުރުގެ ޚަރަދާއި، ކެއުމާއި، ހުރުމާއި، އެ ނޫން ވެސް ޚަރަދުތައް ހަމަޖައްސަންވާނީ އެ މީޑިއާއަކުން ކަމަށް ބުންޏެވެ.

މަޖިލީހުން ބުނީ އެ ހަފްލާ ކަވަރު ކުރަން ބޭނުންވާ ބޭރުގެ މީޑިއާތަކުން މި މަހުގެ 31ގެ ކުރިން އެ ކަން އެންގުމަށް އެދޭކަމަށެވެ.

މި ހަފްލާއަށް ބޭރުގެ ގައުމުތަކުގެ އިސްވެރިންނަށް ވެސް ދައުވަތު ފޮނުއްވާނެއެވެ.

ޑރ. މުއިއްޒު ވެވަޑައިގަންނަވާނީ ރާއްޖޭގެ އަށް ވަނަ ރައީސުލްޖުމްހޫރިއްޔާއަށެވެ.

ހުވައިކުރުމުގެ ހަފްލާ އިންތިޒާމު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރާއިރު އެ ކަމުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީޕީއެމް، ޕީއެންސީގެ ލީޑާޝިޕުންވަނީ މަޖިލީހުގެ އިދާރާއާ ބައްދަލު ވެސް ކޮށްފައެވެ.

މި ބައްދަލުވުން އޮތީ މިދިޔަ ހަފުތާގެ ތެރޭގައެވެ.