18 Oct 2023, 13:36
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޙިދުމަތްތަކާ ގުޅޭ ގޮތުން ޝަކުވާތައް ކުރިމަތި ކުރާތީ އެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފިއެވެ.
ކެންސަރު ސްޓޭޖް ހަތަރެއްގައި ހުރި މީހަކަށް ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާ ދިނުމުގައި އިހުމާލުވެފައިވާ ކަމަށާއި ފަހުން އެ މީހާ އައިޖީއެމްއެޗަށް ގެންދިޔަ ފަހުން ނިޔާވެފައިވާ ކަމަށް ބުނެ އެ އާއިލާއިން ވަނީ ޓްރީޓޮޕް ކުރިމަތީ މި ފަހުން މުޒާހަރާ ކޮށްފައެވެ.
މީގެ އިތުރުން، ސޯޝަލް މީޑިއާގައި ވެސް ބަޔަކު ވަނީ އެ ހޮސްޕިޓަލްއިން ބަލި މީހުންނަށް، އިހުމާލުވާ ކަމަށް ބުނެ ތުހުމަތުތަކެއް ކޮށްފައެވެ.
މި މައްސަލައާ ގުޅޭގޮތުން ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރު ތަސްލީމާ އުސްމާން ''ސަން'' އަށް ވިދާޅުވީ، މި މައްސަލައާ ބެހޭ މެއިލެއް މިނިސްޓްރީއަށް އިއްޔެ ލިބިފައިވާ ކަމަށެވެ.
އަދި ބަލި މީހަކަށް އިޙުމާލުވި ކަމަށް ބުނާ މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވި ހިސާބުން ފެށިގެން، އެއީ ކިހިނެއްވީ ކަމެއްތޯ ބަލަމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ގޮތުން، މިދިޔަ އާދިއްތަ ދުވަހު މިނިސްޓްރީން ޓްރީޓޮޕް ހޮސްޕިޓަލުގެ އިސްވެރިންނާ ބައްދަލުކޮށް މި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ވެސް ތަސްލީމާ ވިދާޅުވިއެވެ.
މީގެ އިތުރުން، އެ ހޮސްޕިޓަލުގެ ޙިދުމަތްތަކާއި އިންޓާނަލް ރިވިއުތައް ވެސް ބަލަމުންގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން ތަސްލީމާ ވިދާޅުވީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައްސަލަތަކުގެ އިތުރުން އެ ހޮސްޕިޓަލާ ގުޅޭގޮތުން މި އަހުރުގެ ކުރީކޮޅު ހުށަހަޅާފައިވާ މައްސަލައެއް އެބައޮތް ކަމަށެވެ. މި ހުރިހާ މައްސަލަތަކެއް ޖުމުލަކޮށް ބަލަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
ހޯމަ ދުވަހު ޓްރީޓޮޕުން ނެރުނު ނޫސްބަޔާނެއްގައި، ބުނެފައިވަނީ ރަސްމީކޮށް ހުށަހެޅުމުން ކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާއާ އެކު، ވީ އެންމެ އަވަސް މުއްދަތެއްގައި އެ ކަމެއް ތަހުގީގު ކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.