ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރާއިރު އެ މަނިކުފާނަށް ޖަވާބުދާރީވާން ދޭނީ 30 މިނެޓު ކަމަށް މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ނިންމައިފިއެވެ.

އާންމު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އެޖެންޑާކޮށްފައި ވަނީ މިމަހުގެ ނުވައެއްގައި ހުށަހަޅާފައިވާ ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރުގެ ބަހުސްގައި، ވާހަކަ ދައްކަވާނެ މެންބަރުންގެ އަދަދާއި މެންބަރަކަށް ވާހަކަ ދައްކަވަން ދެވޭ ފުރުސަތުގެ ދިގު މިނާއި ނަޝީދަށް ދިފާއުގައި ވާހަކަދައްކަވަން ލިބިދޭ ފުރުސަތުގެ އަދަދާއި އެ ފުރުސަތުގެ ދިގުމިން ކަނޑައެޅުމަށެވެ.

އެ ވަގުތުތައް ކަނޑައަޅައިދިނުމަށް އެދި މަޖިލީހުގެ އިދާރާއިން ކޮމިޓީއަށް ފޮނުވާފައިވާ ސިޓީގައި ވަނީ، މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރުގެ ބަހުސެއް އެއްވެސް ހާލަތެއްގައި ތިން ގަޑިއިރަށް ވުރެ އިތުރަށް ދިގު ދެމިގެން ނުވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގައިވާ ކަމަށެވެ.

އެ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން ފުނަދޫ ދާއިރާގެ، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވީ އެ މައްސަލައިގެ ބަހުސަށް ޖުމްލަ ދެ ގަޑިއިރު ހަމަޖެއްސުމަށާއި އޭގެ ތެރެއިން 30 މިނެޓު، ނަޝީދަށް ދިފާއުގައި ވާހަކަ ދެއްކެވުމަށް ދިނުމަށެވެ.

"އަދި އެ ފުރުސަތު އެމަނިކުފާނު ބޭނުންފުޅު ކުރެއްވުމަށް ފެއްޓެވުމުގެ ގޮތުން 10 މިނިޓު، މެދު ތެރެއިން 10 މިނިޓު އަދި ނިންމެވުމުގެ ގޮތުން 10 މިނިޓާއި ޕްލަސް ބާކީ އޮތް ދޮޅު ގަޑިއިރު އެ ސިޔަސީ ޕާޓީތަކާއި އަދި މިނިވަން މެންބަރުންނަށް ޕަސެންޓޭޖްގެ ގޮތުން ބެހިގެންދާ ގޮތަށް، ވާހަކަދައްކަވާ ކޮންމެ މެންބަރަކަށް ތިން މިނެޓަށް ވުރެ ދިގު ނުވާނެ ގޮތަށް ފުރުސަތު އަރުވަން،" ޝާހިދު ވިދާޅުވިއެވެ.

ނަމަވެސް، ނަޝީދުގެ ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ ހެންވާރު މެދު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ އެ މަނިކުފާނުގެ މައްޗަށް ކޮށްފައި ވަނީ ބޮޑު ތުހުމަތުތަކެއް ކަމަށާއި އެހެންކަމުން ޖަވާބުދާރީވަން އިތުރު ވަގުތު ދޭން ޖެހޭ ކަމަށެވެ. އެގޮތުން މެންބަރުން ބަހުސް ކުރައްވަން ތިން ގަޑިއިރު ހަމަޖައްސައި، ރައީސަށް ވަކިން ވަގުތު ކަނޑައަޅަން ގަވައިދު ތަންދޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

ނަމަވެސް އެކަމާ ބެހޭ ގޮތުން ކޮމިޓީގައި ޚިޔާލު ތަފާތުވުން އުފެދުނެވެ. އެގޮތުން އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން ވިދާޅުވީ، މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރުގެ ބަހުސާ ބެހޭ ގޮތުން ހަދާފައިވާ ގަވައިދު މީގެ ކުރިން ވެސް މާނަކުރަމުން އައި ގޮތަކީ މުޅި ބަހުސަށް ޖުމްލަ ތިން ގަޑިއިރު ކަނޑައެޅުން ކަމަށެވެ.

"އެހެންވީމަ ގަވައިދު ތަފާތު ގޮތްގޮތަށް މާނަ ކުރުމަށް އަޅުގަނޑު ހިތުން ޖާގައެއް ނެތް،" އޭނާ ވިދާޅުވިއެވެ.

ކޮމިޓީގެ މެންބަރުންގެ މަޝްވަރާއަށް ފަހު ވޯޓަށް އެހިއިރު ހާޒިރުވެ ތިއްބެވި ހަ މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ތާއިދު ކުރެއްވީ ޝާހިދުގެ ހުށަހެޅުއްވުން ފާސްކުރުމަށެވެ. އެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވީ ދެ މެންބަރުންނެވެ.

އެ ކޮމިޓީގައި ދެން ބައިވެރިވި މެންބަރުންގެ ތެރޭގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި ފޮނަދޫ ދާއިރާގެ މެންބަރު އަލީ ސިރާޖު ހިމެނެއެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާއެކު ހުށަހެޅި ގަރާރު ބަލައިގަނެ، އެމަނިކުފާނަށާއި މަޖިލިސް މެންބަރުންނަށް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ނޯޓިސް ފޮނުވަފައިވައެވެ.

މިދިޔަ ޖޫން މަހު ވެސް އެމްޑީޕީން 56 މެންބަރުންގެ ސޮޔާ އެކު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅިއެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ދެ ބުރުގެ މެދުތެރެއިން މައްސަލަ އަނބުރާ ގެންދިޔައީއެވެ.