ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުއި ހޯދައިދިނުމަށްޓަކައި، އިންސާނީ އެހީތެރިކަން ގާއިމުކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މުޅި ދުނިޔެއަށް ގޮވާލައްވައިފިއެވެ.

ރައީސް މިހެން ގޮވާލެއްވީ ރޭ ޣައްޒާގެ އަލް އަހްލީ ހޮސްޕިޓަލަށް ދިން ހަމަލާއާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި ރައީސް ވަނީ ޣައްޒާގެ އަލް އަހްލީ ހޮސްޕިޓަލަށް ދިން ހަމަލާ ހަރުކަށި އިބާރާތުން އެމަނިކުފާނު ކުށްވެރިކުރާ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރަށް ރައީސް ވިދާޅުވީ ހޮސްޕިޓަލުތަކަށާއި ހަނގުރާމަ ނުކުރާ މީހުންނަށް އަމާޒު ކޮށްގެން ހަމަލާ ދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ވަރަށް ބޮޑަށް ޚިލާފު ކަމެއް ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ ޣައްޒާގެ މި ހޮސްޕިޓަލަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ހޮސްޕިޓަލްތަކާއި އާންމު ރައްޔިތުން ބޭނުންކުރާ އުމްރާނީ ވަސީލަތްތަކާއި އާންމުންނަށް އަމާޒުކޮށްގެން ހަމަލާދިނުމަކީ އިންސާނިއްޔަތާ ޚިލާފުކަމެއްކަމަށް ވިދާޅުވެފައެވެ.

އިޒްރޭލުން ފަލަސްތީނަށް މިހާރު ދެމުންދާ ހަމާލާތަކުގައި ކަރަންޓު ކަނޑާލާ އަލް އަހްލީ އަރަބް ހޮސްޕިޓަލަށް ބޮންއަޅައި، ރޭ ޣައްޒާގެ 500 މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ.

އިޒްރޭލުން އަންނަނީ ޣައްޒާއިން ފެނާއި ކަރަންޓު ފަދަ ޒަރޫރީ ޚިދުމަތްތައް ކަނޑާލައި ދެ މިލިއަނަށް ވުރެ ގިނަ ފަލަސްތީނުގެ މުސްލިމުން ނައްތައިލުމަށް ހަނގުރާމަ ކުރަމުންނެވެ. މިހާތަނަށް މި ހަނގުރާމައިގައި 2،800 އަށްވުރެ ގިނަ ފަލަސްތީނުގެ މުސްލިމުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި، 10،000 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިއެކި އަނިޔާތައް ވެފައެވެ.