18 Oct 2023, 11:08
މަޖިލިސް މެންބަރަކާއެކު ކޮފީއެއްގައި އިންދައި އެ މެމްބަރަށް ފޯނެއް އަތުވެއްޖެއެވެ. "އެހެންވީމަ އެކައުންޓް ނަމްބަރު ދީ،" މިހެން ވިދާޅުވެ މެންބަރު ފޯނު ބޭއްވިއެވެ. އެ ކޯލުގެ ތަފްސީލް ދެއްވަމުން މެންބަރު ވިދާޅުވީ އެ ގުޅީ ދާއިރާ މީހަކު ބަތް ކައްކަން ބޭނުންކުރާ ކުކަރުގައި މައްސަލަ ޖެހިގެން ކަމަށެވެ. އެހެންކަމުން އެ ގޭގައި ރޭގަނޑަށް ބަތް ކެއްކެން ނެތުމުން ވަގުތުން ކުކަރެއް ގަތުމަށް މެންބަރު ގާތު އެހީއަކަށް އެދުނީއެވެ. ކަންބޮޑުވެ އިނދެ، ޝަކުވާ ކުރަމުން މެންބަރު ކުކަރު ގަތުމަށް ފައިސާ ފޮނުވިއެވެ.
އެހެން ދުވަހެކެވެ. ހަމަ މަޖިލިސް މެންބަރަކާ ކަމަކު މަޝްވަރާ ކުރުމަށް ތިއްބާ ހުއްޓުމެއް ނެތި އެއް ނަންބަރަކުން އެ މެންބަރަށް ގުޅަން ފަށައިފިއެވެ. މާގިނައިން ގުޅާތީ އެ މެންބަރު އެ ކޯލަށް ޖަވާބު ދެއްވިއެވެ. އެކޮޅުން ގުޅީ ދާއިރާގެ ރައްޔިތެކެވެ. އެ މީހާއަކީ ސޫފިލަނޑާ، ނަގާ މީހަކަށް ވާތީ އެ ކިރޭނެ ގޮތެއް ވޭތޯ މެންބަރަށް ގުޅީއެވެ. މިހެންގޮސް މިފަދަ އެތައް ކަމެއް ފެނިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު --
މިއީ ހަގީގަތުގައި ވެސް ރާއްޖޭގައި ވަރަށް ބޮޑުވެފައި އޮތް ކަމެކެވެ. އަދި ގިނަ މީހުންގެ ވިސްނުންވެސް ހުންނަނީ އެ ދާއިރާއެއްގެ މަޖިލިސް މެންބަރަކީ ރައްޔިތުންނަށް ދަތިވާ ކޮންމެ ކަމެއް ކޮށްދޭން ހުންނަ މީހެއް ކަމަށެވެ. އެހެންކަމުން މީހަކު ބަލިވިޔަސް، ދަރަނިވެރި ވިޔަސް، ކުލި ނުދެއްކުނަސް، އަދި ވަޒީފާއެއް ހޯދަން ވިޔަސް އެންމެ ފުރަތަމަ ގުޅާނީ މެންބަރަކަށެވެ.
"ކޮންމެ ދުވަހަކު. ކޮންމެ ދުވަހަކު އެތައް ފޯނު ކޯލެއް އަންނާނެ އެކި މީހުން އެކި ކަންކަމުގައި. އާސަންދަ ހޯދައި ދިނުން މިއީ އެންމެ އާއްމުކޮށް ކުރަން ޖެހޭ ކަންތައް. މިފަހުން ވެސް ދާއިރާ މީހަކަށް ބޮޑު ކަމެއް ދިމާވެގެން އާސަންދައާއި އެންސްޕާއިން ހުރިހާ ކަމެއް ހަމަޖައްސައި ދިނިން. އެކަމަކު އެ މީހާއަށް އަތުން ދައްކަން ޖެހުނީ 900 ރުފިޔާ. ގުޅާފަ ބުނި އެމްޕީ މި 900 ރުފިޔާ ދޭން ވާނެ ނޫންހޭ. ހުރިހާ ކަމެއް ހަމަޖެއްސީމަވެސް އާއްމުކޮށް ބުނާނެ ކޮބާ އެމްޕީ އެއްޗެއް ދޭން ވާނެ ނޫންހޭ،" މަޖިލިސް މެންބަރަކު ވިދާޅުވިއެވެ.
މިކަމުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ނިސްބަތްވާ އެތައް މެންބަރުންނަކާ ވާހަކަ ދެއްކުމުން ވެސް އެނގުނީ މިއީ މުޅި ރާއްޖޭގެ ހާލަތު ކަމެވެ. ދާއިރާތަކުގެ ރައްޔިތުންނަށް މާލީ ގޮތުން އެހީ ވާން ޖެހޭ ބަޔަކަށް އެ މެންބަރުން އޮތީ ވެފައެވެ. ގާނޫނު ހަދަން ހޮވާފައި ތިބި އެ މެންބަރުންނަށް ރައްޔިތުން ގުޅަނީ ގާނޫނީ ކަންކަމާއި ސަރުކާރު ޖަވާބު ދާރީކުރުވުމަށް އެދިއެއް ނޫނެވެ. މުޅިންހެން ގުޅަނީ ކޮންމެ ވެސް މާލީ ފައިދާއަކަށް އެދިއެވެ. އޭގެ ތެރޭގައި ސިއްހީ ކަންކަމަށް އެހީ ހޯދުމާއި އެކިއެކި މުބާރާތްތަކަށް ސްޕޮންސާ ހޯދުން ފަދަ އެތައް ކަމެއް ހިމެނެއެވެ. މެންބަރު ދޭ އަދަދު ކުޑަވެއްޖެ ނަމަ އެ މައްސަލަ ޖައްސާ އާއްމުން ވެސް އުޅެއެވެ.
"އަބަދު އަބަދު ކަންކަމުގައި ކިޔާނެ. އަނެއްކާ 20 ކަންތަކުގެ ތެރެއިން 19 ކަންތައް ކޮށްދީފައި ނުކޮށްދެވޭ އެއް ކަންތައް އޮވެއްޖެއްޔާ އެ ނުކޮށްދެވުނު ކަންތައް ފެންނާނީ،" އުތުރުގެ ދާއިރާއަކަށް ނިސްބަތްވާ މެމްބަރަކު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ --- ފޮޓޯ/ މަޖިލިސް
ރައްޔިތުން، މެންބަރުން ކޮރަޕްޓް ކުރުވަނީ
ދިރާސާތަކުން ވެސް ދައްކަނީ ދިވެހިންގެ ތެރޭގައި މަޖިލީހަށް އިތުބާރެއް ނެތް ކަމަށެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން 2016 ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާ ގޮތުން ދިވެހިން ގަބޫލްކުރާގޮތުގައި ރާއްޖޭގައި އެންމެ ކޮރަޕްޓް އިދާރާއަކީ ރައްޔިތުންގެ މަޖިލީހެވެ. އެ ޖަމިއްޔާއިން ހާމަ ކުރާގޮތުގައި ތިންބާރުގެ ތެރެއިން ރައްޔިތުންގެ އެންމެ އިތުބާރު ކުޑަ ތަނަކީ ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހެވެ.
މަޖިލިސް މެންބަރުގެ ކަންކަން ބަލާއިރު މިގޮތަށް ތުހުމަތު ކުރެވޭނެ ސަބަބުތައް ވެސް އެބަހުއްޓެވެ. ހޮވުނުއިރު މާބޮޑު ތަނަވަސް ކަމެއް ނެތް ބައެއް މެންބަރުން ދައުރެއް ހަމަކޮށްލާއިރު ނުހައްގު މުއްސަނދިކަން ހޯދާކަމަށް އެތައް ތުހުމަތެއް ކުރެއެވެ. އޭގެ ތެރޭގައި މާލޭގެ އަގު ބޮޑު ބިންތައް ގަތުމާއި ބޮޑެތި ވިޔަފާރިތައް ފެށުމާއި އެހެނިހެން ބޮޑެތި ހަރަދުތައް ކުރާކަމަށް ތުހުމަތު ކުރެވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ އަސާސީ މުސާރައަކީ މަހަކު 42،500 ރުފިޔާއެވެ. މުސާރައިގެ އިތުރަށް މެމްބަރުންނަށް 40،000 ރުފިޔާއާ ހަމައަށް އެލަވަންސްވެސް ލިބެއެވެ. އެއީ 20،000 ރުފިޔާގެ ލިވިންގް އެލަވަންސާއި ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާއެވެ. އޭގެ ތެރެއިން ކޮމިޓީ އެލަވަންސަކީ މެމްބަރުގެ ކޮމިޓީ ހާޒިރީއަށް ބަލާފައި ދޭ އެލަވަންސެކެވެ.
ބައެއް މެންބަރުން ވިދާޅުވާގޮތުގައި މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބޭ އާމްދަނީއިން ބޮޑު ބައެއް އެ މެންބަރުން ހޭދަ ކުރަން ޖެހެނީ ދާއިރާގެ ރައްޔިތުންނަށް އެކިއެކި އެހީވުމަށެވެ. ދިރިއުޅުމަށް އާމްދަނީއެއް ހޯދަން ޖެހެނީ އެހެން ގޮތްގޮތުންނެވެ. އެ ވިދާޅުވާ އެހެން ގޮތްގޮތުގެ ތެރޭގައި ސަރުކާރުގެ އެކި ޕްރޮޖެކްޓްތައް ހޯދުމާއި ނުފޫޒު ބޭނުންކޮށްގެން ކުރާ ކަންތައްތަކުން މާލީ މަންފާ ހޯދުން ހިމެނޭ ކަމަށް ތުހުމަތު ކުރެވެއެވެ.
އާއްމުން މިގޮތަށް މެންބަރުން ބޭނުން ކުރާނަމަ އެތައް މައްސަލަތަކެއް ނިޒާމަށް ކުރިމަތިވެއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަކީ ކޮރަޕްޓް ތަނަކަށްވެ، އާންމުންގެ އިތުބާރު ގެއްލި، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން މަގާމުތައް އަމިއްލަ ފައިދާއަށް ބޭނުންކުރަން މަގުފަހިވެއެވެ. މަޖިލީހުގެ މެންބަރުން މެދުވެރިކޮށް ސިއްހީ ކަންކަމާއި އެހެން ކަންކަމުގައި ސަރުކާރުގެ ތެރެއިން އެހީތައް އެއް ބަޔަކު ހޯދާއިރު މިފަދަ ކަންކަމުގެ ސަބަބުން މެންބަރެއްގެ ނުވަތަ ނުފޫޒު ގަދަ މީހެއްގެ އެހީއާ ނުލައި އެ ހިދުމަތް ހޯދަން އުޅޭ އާއްމު ރައްޔިތުންނަށް ހިދުމަތް ލިބުމުގައި ހުރަސްތައް ވެސް ކުރިމަތިވެދާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް
މެންބަރުން ކުރަން ޖެހެނީ ކޮން ކަމެއް؟
އެއްވެސް ގޮތަކަށް މަޖިލީހަށް މެންބަރަކު ހޮވަނީ ރައްޔިތުންގެ ވެލްފެއާ ކަންކަން ކޮށްދީ، މުބާރާތްތަކަށް ސްޕޮންސާ ހޯދައި ދޭކަށެއް ނޫނެވެ. އެ މެންބަރަކީ ގާނޫނު ހަދަން ހޮވާ މެންބަރެވެ.
މެންބަރުން ކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި މަޖިލީހުގައި ބަހުސްކުރުމާއި ގާނޫނުތައް ފާސްކުރުން ހިމެނެއެވެ. އެގޮތުން އަމިއްލައަށް ބިލްތައް ހުށަހެޅުމާއި ސަރުކާރުން ހުށަހަޅާ ބިލްތަކަށް ބަހުސްކޮށް، އެ ބިލްތައް ގާނޫނުތަކަށް ހެދުމަށް ވޯޓް ދިނުން ހިމެނެއެވެ. ހަމައެހެންމެ ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ މެންބަރުންގެ ޒިންމާއެކެވެ. އެ މެންބަރުން އެކަން ކުރަނީ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތަކާއި ސަރުކާރުގެ އިސްވެރިންނާ ސުވާލުކުރުމާއި، ސަރުކާރުގެ ހަރަދާއި ހަރަކާތްތައް ބެލުން ފަދަ މެކޭނިޒަމްތަކުގެ ތެރެއިންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެ މީހުންގެ ދާއިރާތައް ތަރައްގީކޮށް ރަނގަޅުކުރުމަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއުތައް އަވަސް ކުރުމަށް މަސައްކަތް ކުރެވިދާނެއެވެ. އަދި ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި ނިޒާމުގެ ތެރެއިން ކަންކަން ހައްލުކޮށް ދިނުމަށް މަސައްކަތް ކުރެވިދާނެއެވެ. ހަމައެހެންމެ ކޮންމެ އަހަރަކަށް ކަނޑައަޅާ ދައުލަތުގެ ބަޖެޓަށް އިސްލާހުތައް ގެނެސް، ގައުމަށާއި ދާއިރާއަށް ފައިދާ ވާގޮތަށް މަސައްކަތްތައް ބައްޓަން ކުރެވޭނެއެވެ.
އެއީ މަޖިލިސް މެންބަރުން އުޅެން ޖެހޭ ގޮތެވެ. އެއްވެސް ހާލެއްގައި ވަކިވަކި އާއްމު ރައްޔިތުންނަށް ދިމާވާ ކަންކަން ހައްލު ކޮށްދިނުމަށް އަބަދު އުޅެން ޖެހޭ މީހަކަށް މެންބަރު ވެގެން ނުވާނެއެވެ. އެގޮތަށް ކަންތައްވާނަމަ މެންބަރުގެ އަސްލު ޒިންމާ އަދާ ކުރަން ހުރަސް އެޅެއެވެ.
މަޖިލިސް މެންބަރަކަށް ނުގުޅައި ވަޒީފާއެއް ވެސް އަދި ބޭސްފަރުވާގެ އެހީއެއް ވެސް ނުލިބޭ ގޮތަށް ނިޒާމު ބައްޓަން ކުރުމަކީ މެންބަރުގެ ނުފޫޒު ރައްޔިތުންގެ މައްޗަށް ފޯރުވުމަށްޓަކައި ކުރާ ކަމަކަށް ވެސް ވެދާނެއެވެ. ނަމަވެސް މިއީ ކަން އޮންނަންވީ ގޮތެއް ނޫނެވެ. މާތް ރަސްކަލާނގެއާ ވަކީލުކޮށްލުމަށް ފަހު ދެން ހުރިހާ ކަމެއްގައި ގުޅަން ޖެހޭ މީހަކީ މެންބަރެއް ނޫނެވެ. "ވަރަށް ގިނަ ރައްޔިތުން އެދޭތީ.." ކަމަށް ބުނެ މަޖިލީހަށް ކުރިމަތިލާކަން މީހުން އިއުލާން ކުރަމުން އަންނަ ދަނޑިވަޅެއްގައި މިއީ ރައްޔިތުން ވިސްނާލަން ޖެހޭ ކަމެކެވެ.