ޣައްޒާ (18 އޮކްޓޯބަރު 2023) : އިސްރާއީލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގަނީ ނާޒީ ޖަރުމަނުގެ ލީޑަރު އެޑޮލްފް ހިޓްލަރު ދެވަނަ ބޮޑު ހަނގުރާމައިގައި ޔަހޫދީންނާ ދެކޮޅަށް ހިންގި ހޮލޮކޯސްޓްގެ ގަތުލުއާންމު ފަދަ ގަތުލު އާންމުތަކެއްކަމަށް ކޮލަންބިޔާގެ ރައީސް ގަސްޓަވޯ ޕެޓްރޯ ވިދާޅުވެއްޖެއެވެ.

އިސްރާއީލުން ޣައްޒާގެ މަޢްމަދާނީ ހޮސްޕިޓަލަށް ބޮންއަޅައި 500 މީހުން ޝަހީދުކޮށްލި ޖަރީމާ އާ ގުޅިގެން ކޮލަންބިޔާގެ ރައީސް ވިދާޅުވީ އިސްރާއީލުގެ ސަފީރު ކޮލަންބިޔާގައި ހުންނެވުމަކީ ކޮލަންބިޔާ ލަދުގަންނަ ކަމެއް ކަމަށާއި ހިޓްލަރުގެ ސަރުކާރު ފަދަ ލާއިންސާނީ ސަރުކާރެއް ތަމްސީލުކުރާ ފަރާތެއް ކޮލަންބިޔާގައި ބަހައްޓަން ބޭނުން ނުވާ ކަމުގައެވެ.

މިއާއެކު ކޮލަންބިޔާގެ ޚާރިޖީ ވުޒާރާއިން ވަނީ ވަގުތުން ކޮލަންބިޔާ ދޫކޮށް ދިޔުމަށް އެ ގައުމުގެ ވެރިރަށް ބޮގޮޓާގައި ހުންނަވާ އިސްރާއީލުގެ ސަފީރަށް އަންގާފައެވެ.

އިސްރާއީލުން މަރަމުން ގެންދާ ފަލަސްތީނުގެ ކުދިން

އިސްރާއީލުން ޣައްޒާގެ މަޢްމަދާނީ ހޮސްޕިޓަލަށް ބޮންއަޅައި ދިން ޙަމަލާތަކުގައި ޝަހީދުވީ މީހުންގެ އަދަދު މިހާރު ވަނީ 800 އަށް އަރާފައެވެ. ޣައްޒާގެ ސިއްހަތާބެހޭ މަސްއޫލުވެރިން ވިދާޅުވިގޮތުގައި އިސްރާއީލުގެ ޙަމަލާތަކުގައި ޒަޚާމްވި މީހުންގެ ތެރެއިން 300 މީހުން މަރުވެފައިވާތީ ހޮސްޕިޓަލަށް ބޮންއަޅައި ދިން ޙަމަލާތަކުގައި ޝަހީދުވީ މީހުންގެ އަދަދު 800 އަށް އަރާފައިވާ ކަމުގައެވެ.

މުޅި ހޮސްޕިޓާ ފުރިފައިވަނީ މަރުވި މީހުންގެ ހަށިތަކާއި ބޮމުގެ ބާރުގަދަކަމުން ކުދިކުދިވެގެންދިޔަ ހަށިތަކުގެ ބައިތަކާއި ލޭގެ ކޯރުތަކުންނެވެ. މުޅި ހޮސްޕިޓުގައިވަނީ ލެއާއި އިންސާނުގެ ހަށިތަކުގެ ބައިތައްކަމަށްވެފައި މަސައްކަތް ކުރަންޖެހެނީ އެ ތަކެތީގެ ތެރޭގައި ކަމަށްވާތީ އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންނާ އަދި އިދާރީ މުވައްޒަފުންވެސް ހޭނެތެމުންދާކަމަށް އަލްޖަޒީރާ ބުނެއެވެ.

އިސްރާއީލުން ރޭ ހިންގި މި ގަތުލު އާންމާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ދިފާއީ ވަޒީރު ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހާޒިރުކޮށް ޝަރީއަތް ހިންގޭނެކަމަށް އެ ކޯޓުގެ ކުރީގެ ޕްރޮސެކިއުޓާ ލުއިސް އޮކަންބޯ ވަނީ ވިދާޅުވެފައެވެ.

އިސްރާއީލުގެ މި ގަތުލު އާންމާ ގުޅިގެން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ މިއަދު ފަލަސްތީނުގެ ރާމަﷲގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއެކު ބޭއްވުމަށް ކުރިން ރާވާފައިވާ ބައްދަލުކުރެއްވުން ކެންސަލް ކުރައްވައި ބައިޑެން އާ ބައްދަލު ނުކުރައްވާނެކަން އެމެރިކާގެ ޚާރިޖީ ވުޒާރާއަށް އަންގާފައެވެ.

އަނެއްކޮޅުން އުރުދުންގެ ރަސްގެފާނު އަބްދުﷲ ވެސް އެމެރިކާގެ ރައީސް އާ ބައްދަލުކުރައްވަން މިވަގުތު އުޒުރުވެރިވާކަން ހާމަކުރެއްވުމާއެކު އެމެރިކާގެ ރައީސް ވަނީ އުރުދުންއަށް މިއަދު ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ކެންސަލް ކުރައްވާފައެވެ.

މިއާއެކު އެމެރިކާގެ ރައީސް ވަޑައިގަންނަވާނެކަމަށް ބެލެވިފައިވަނީ އިސްރާއީލަށާއި މިސްރަށް ކަމަށް ވަނީ ބެލެވިފައެވެ. ބައިޑެންގެ ދަތުރުފުޅު ކެންސަލް ކުރެއްވިކަން މިދެގައުމުން ހާމަކޮށްފައެއް ނުވެއެވެ.

ކޮލަންބިއާގެ ރައީސް ގަސްޓްވޯ ޕެޓްރޯ

އިސްރާއީލުން ހިންގި މިގަތުލުއާންމު ކުށްވެރިކުރުމަށް އެމެރިކާއާއި އިނގިރޭސިވިލާތާ އަދި ޔޫރަޕްގެ އިއްތިހާދުގެ ގިނަ ގައުމުތައް ވަނީ ފަސްޖެހިފައެވެ.

ޗައިނާއާއި ރަޝިއާއާ އަދި އަރަބި އިސްލާމީ ހުރިހާ ގައުމުތަކުން ވަނީ މިގަތުލުއާންމު ކުށްވެރިކޮށް ވަގުތުން ބަޔާންތައް ނެރެފައެވެ. ރޭގެ އެ ވަގުތުގައި މިސްރު، އީރާން، އިރާގު، އުރުދުން، އަލްޖަޒާއިރު، ތޫނިސް، ލީބިޔާ، ޔަމަން، ލުބްނާން، މޮރޮޓޭނިއާ މިގައުމުތަކުގެ ރައްޔިތުންނާއި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން ވަނީ މަގުތަކަށް ނުކުމެ އިސްރާއީލާއި އިސްރާއީލުގެ ގަތުލުއާންމުތަކަށް އެހީތެރިވާ އެމެރިކާއާ ދެކޮޅަށް އެއްވުންތައް ބާއްވައި ޣައްޒާގެ ނިކަމެތި ރައްޔިތުންނަށް ހަމްދަރުދީ ފާޅުކޮށްފައެވެ.

ރަޝިއާ ޔޫއޭއީ ވަނީ މި ގަތުލުއާންމު ކުށްވެރިކުރުމަށްޓަކައި އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް ގޮވާލާފައެވެ.