18 Oct 2023, 11:31
އިންޑިއާގައި މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވާލްޑް ކަޕްގައި ނެދަލަންޑްސްއިން ދެކުނު އެފްރިކާ ބަލިކޮށް ގިނަ ބަޔަކު ހައިރާން ކޮށްލައިފިއެވެ.
ދަރަމްސާލާގައި ކުޅުނު މިމެޗް ނެދަލަންޑްސްއިން ކާމިޔާބުކޮށްފައިވަނީ 38 ލަނޑުންނެވެ. ވާރޭގެ ސަބަބުން މިމެޗް ކުޅެފައިވަނީ 50 އޯވަރުގެ ބަދަލުގައި 43 އޯވަރަށް ތިރިކޮށްގެންނެވެ. މިމެޗްގެ ޓޮސް ދިމާވުމުން ދެކުނު އެފްރިކާއިން ނިންމީ އެންމެ ފުރަތަމަ ފީލްޑް ކުރާށެވެ. މިގޮތުން ނެދަލަންޑްސްއިން އެންމެ ފުރަތަމަ ކުޅެން އަރާ 43 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެންވަނީ 245 ލަނޑު ހަދާފައެވެ.
ނެދަލަންޑްސް ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ނުބައިނުވެ 78 ލަނޑު ހަދާދިން ކެޕްޓަން ސްކޮޓް އެޑްވާޑްސް އެވެ. މިއީނިންގްސްގައި ނެދަލަންޑްސްގެ ފުރަތަމަ ފަސް ވިކެޓް 82 ލަނޑަށް ނުބައިވެފައިވުމުން މިމެޗް ވަރަށް ފަސޭހަ ކަމާއެކު ދެކުނު އެފެރިކާއިން ކާމިޔާބު ކުރާނެކަމަށް ހީވެގެންދިޔައެވެ. ނަމަވެސް ފަހު ނުވަ އޯވަރުގެ ތެރޭގައި ނެދަލަންޑްސްއިން 105 ލަނޑާއެކު މެޗްގެ އޮއެވަރު މުޅިން ބަދަލުވެގެންދިޔައެވެ.
މިކަން މިހެން ވުމުގައި ނެދަލަންޑްސްގެ ފަހުން ބެޓް ކުރަން އެރި ލޯވަރ އޯޑަރ ބެޓްސްމަނުންގެ ތެރެއިން ރޮއެލޮފް ވެން ޑަ މާވޭ 19 ބޯޅައިން ހެދި 29 ލަނޑާއި އާރްޔާން ޑަޓް ތިން ފަހަރު ހަޔަކަށް ޖަހާ ނުބައިނުވެ ހެދި 23 ލަނޑު ބޮޑު ބައެއް ކުޅުނެވެ. ދެކުނު އެފްރިކާ ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ އަށް އޯވަރު 27 ލަނޑަށް ދެވިކެޓް ނަގާދިން މާކޯ ޖެންސަންއެވެ. މީގެއިތުރުން ކަގީސޯ ރަބަޑާ އާއި ލުންގީ އެންގީޑީއިން ކުރެ ކޮންމެ ކުޅުންތެރިޔަކުވެސްވަނީ ދެ ވިކެޓް ނަގާދީފައެވެ.
ޖަވާބުގައި ދެކުނު އެފެރިކާއިން ކުޅެން އަރާ އެންމެ ބޯޅައެއް ބާކީ އޮއްވާ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 207 ލަނޑެވެ. ދެކުނު އެފްރިކާއިން މިމެޗްގައި 36 ލަނޑަށް އެއްވެސް ވިކެޓެއް ގެއްލިފައިނުވި ނަމަވެސް 44 ލަނޑަށް ވަނީ ހަތަރު ވިކެޓް ގެއްލިފައެވެ. މިއީނިންގްސްގައި ދެކުނު އެފްރިކާއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 43 ލަނޑު ހަދާދިން ޑޭވިޑް މިލަރއެވެ. މީގެއިތުރުން ކެޝަވް މަހަރާޖްވަނީ 40 ލަނޑު ހަދާދީފައެވެ. ނެދަލަންޑްސް ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ 8.5 އޯވަރު 60 ލަނޑަށް ތިން ވިކެޓް ނަގާދިން ލޯގަން ވެން ބީކްއެވެ.
މިއީ މިފަހަރުގެ ވާލްޑް ކަޕްގައި ނެދަލަންޑްސްއިން މޮޅުވި ފުރަތަަމަ މެޗެވެ. އަދި މިއީ 50 އޯވަރުގެ ވާރލްޑް ކަޕް މެޗެއްގައި ޓެސްޓް ކްރިކެޓް ކުޅޭ ޤައުމެއް ބަލިކުރެވުނު ފުރަތަމަ ފަހަރެވެ. އެހެން ކަމުން މިމެޗް ވެގެންދާނީ ނެދަލަންޑްސްގެ ކްރިކެޓް ތާރީޚުގައި ވަރަށް ފާހަގަ ކުރެވިގެންދާނެ މެޗަކަށެވެ. ނެދަލަންޑްސްއާ ޚިލާފަށް މިނާކާމިޔާބީ ވެގެންދާނީ ދެކުނު އެފްރިކާ ޓީމަށްވެސް ހައިރާންކަން ގެނުވާނެ ނަތީޖާ އަކަށެވެ. މިފަހަރުގެ މުބާރާތުގެ ފުރަތަމަ ދެމެޗްގައި ދެކުނު އެފްރިކާއިން ދެއްކި މޮޅު ކުޅުމުގެ ސަބަބުން މިފަހަރުގެ މުބާރާތް ކާމިޔާބު ކުރާނެ ޓީމްތަކުގެ ލިސްޓުގެ އެންމެ ކުރީ ސަފުގައި ގުނާލެވެމުންދިޔަ މިޓީމަށް މިމެޗްގައި މާއެދެވޭ ކުޅުމެއް ނުދެއްކުނެވެ.