ޔަހޫދީ އިސްރާއީލްގެ އަސްކަރިއްޔާއިން ޣައްޒާއަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތައް ހުއްޓުމަކަށް އައިސްފައިނުވާއިރު، ކަރަންޓާއި އިންޓަނެޓްގެ ޚިދުމަތް ކެނޑި ޣައްޒާގެ ދެ މިލިއަން މީހުންނަށް ވަނީ އެމީހުންނާ މުޅި ދުނިޔެއާ ދެމެދު ގުޅުން ކެނޑިދާނެ ކަމުގެ ބިރު ހީވެފައެވެ.

އިސްރާއީލުން ދެމުންގެންދާ ހަމަލާތަކާހެދި، ޣައްޒާގެ މުވާސަލާތީ ޚިދުމަތް އެއްކޮށްހެން ކެނޑިފައިވާ ކަމަށް ސީއެންއެންއިން ރިޕޯޓުކުރެއެވެ. ހަމަލާތަކުގެ ސަބަބުން، ޣައްޒާގައި މޯބައިލް މުވާސަލާތީ ޚިދުމަތްދޭ މައިގަނޑު ތިން ލައިންގެ ތެރެއިން ދެ ލައިން ވަނީ ހަލާކުވެފައެވެ. އެއް ލައިން މަސައްކަތްކުރާ ނަމަވެސް އެ ލައިނުންވެސް ރަނގަޅަށް ޚިދުމަތެއް ނުލިބެއެވެ.

އިންޓަނެޓް މޮނިޓަކުރާ ލަންޑަނުގައި ހުންނަ ކުންފުނި، ނެޓްބްލޮކްސްއާ ހަވާލާދީ ސީއެންއެންއިން ރިޕޯޓުކުރާ ގޮތުގައި ޣައްޒާގެ ކަނެކްޓިވިޓީ މި މަހު ކުރީ ކޮޅު ހުރީ 95 އިންސައްތައިގައެވެ. ނަމަވެސް ހަމަލާތައް ފެށުމާއެކު މިދިޔަ ހަފުތާގެ ތެރޭގައި މިއަދަދު ވަނީ 58 އިންސައްތައަށް ވެއްޓިފައެވެ.

ޚިދުމަތް ނުކެނޑި ހުރި ހަމައެކަނި ކުންފުންޏަކީ ފަލަސްތީން ޓެލެކޮމިޔުނިކޭޝަން ކުންފުނި، ޕަލްޓެލް އެވެ. ޣައްޒާގައި ޚިދުމަތްދޭ އަނެއް ނުވަ ކުންފުނީގެ މަސައްކަތް ހުއްޓާލާފައިވާއިރު، ޕަލްޓެލް އަކީ މުޅި ފަލަސްތީނަށް މުވާސަލާތީ ޚިދުމަތް ފޯރުކޯށްދޭ އެންމެ ބޮޑު ކުންފުންޏެވެ. އަދި މިވަގުތު ފިކްސްޑް ބްރޯޑްބޭންޑާއި ފޯނުގެ ޚިދުމަތްތަކަށް ސަޕޯޓްކުރާ ކޭބަލް ނެޓްވޯކް އެކަށީގެންވާ ވަރަށް އޮތް ނަމަވެސް، މިސްރު ނުވަތަ އިސްރާއީލަށް އަޅާފައި އޮތް އިތުރު ލައިންތަކަށް ގެއްލުން ލިބިއްޖެނަމަ ކުންފުނީގެ ޚިދުމަތްވެސް މުޅިން މެދުކެނޑޭނެ ކަމަށް ޕެލެޓެލްއިން ބުނެފައިވާ ކަމަށް ސީއެންއެން އިން ރިޕޯޓުކުރެއެވެ.

ޣައްޒާގެ ޖުމްލަ ނެޓްވޯކް ކަނެކްޓިވިޓީ ފޮޓޯ:ސީއެންއެން

ނެޓްބްލޮކް އިން ބުނާގޮތުން އިންޓަނެޓް ޚިދުމަތަށް އެންމެ ބޮޑަށް އަސަރުކޮށްފައި ވަނީ ޣައްޒާގެ ދީރް އަލް ބަލާހަށެވެ. މި ސަރަހައްދުގެ ޖުމްލަ ކަނެކްޓިވިޓީ މިވަގުތު ހުރީ 38.9 އިންސައްތައިގައެވެ. އދ. ގެ ރިލިފް އެންޑް ވޯކް އޭޖެންސީން އާންމުކޮށްފައިވާ ހިސާބުތަކާ ހަވާލާދީ ސީއެންއެން އިން ރިޕޯޓުކުރާ ގޮތުގައި ދީރް އަލް ބަލާހަކީ ޣައްޒާގެ އެންމެ ހާލުގައި އުޅޭ ރައްޔިތުން ދިރިއުޅޭ ސަރަހައްދެވެ. ރެފިއުޖީ ހަތަރު ކޭމްޕު ހުންނަ މި ސަރަހައްދުގައި 191،000 ރެފިއުޖީންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވެއެވެ.

އިންޓަނެޓް ޚިދުމަތް ޣައްޒާއަށް ފޯރުކޮށްދެވެނީވެސް 2ޖީ ޚިދުމަތެވެ. އދ. މީގެކުރިން އާންމުކޮށްފައިވާ ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުން އިސްރާއީލްގެ އަސްކަރީ މަރުކަޒުތަކާ ކައިރީގައި ދިރިއުޅޭ މީހުންނަށް 3ޖީ އަދި 4ޖީ ޚިދުމަތް ލިބެއެވެ. ނަމަވެސް މިހާރު ހާލަތެއް ނޭނގޭ ކަމަށް ސީއެންއެން އިން ރިޕޯޓުކުރެއެވެ.

ޣައްޒާއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ހަމައެކަނި އިންޖީނުގެ ވެސް ތެޔޮ ހުސްވުމުގެ ސަބަބުން ވަނީ ބަންދުކޮށްފައެވެ. މިއާއެކު އާންމުންނަށް އެމީހުންގެ ފޯނުތަކާއި އެނޫންވެސް ކަރަންޓު ބޭނުންވާ އާލާތްތައް ޗާޖް ކުރެވޭނެ ގޮތެއްވެސް ނެތެވެ.

އިންޓަނެޓް ޚިދުމަތާއި މުވާސަލާތު ކުރެވޭނެ އެހެން ވަސީލަތެއްވެސް ނެތުމުގެ ސަބަބުން ޣައްޒާ މިވަގުތު އޮތީ މުޅި ދުނިޔެއާ ގުޅުން ކެނޑުމުގެ މަގުމަތީގައެވެ.

މިކަމަށް މިހާތަނަށް އެއްވެސް އަލިމަގެއް ހޯދިފައިނުވެއެވެ. އަދި, އިސްރޭލުން ދަނީ ދުވަހެއް ދުވަހަކަށް ހަމަލާތައް ވަރުގަދަ ކުރަމުންނެވެ.