18 Oct 2023, 08:50
މި އަހަރުގެ ނޮވެމްބަރު 24ގައި ސިނަމާތަކަށް ގެންނަން ނިންމި ފިލްމު "އެމަޖެންސީ" ރިލީޒްކުރުން އަންނަ އަހަރަށް ފަސްކޮށްފިއެވެ.
ފިލްމު ރިލީޒް ކުރުން ފަސް ކުރެވުނު ވާހަކަ ބެލުންތެރިންނާ ހިއްސާ ކުރި ޓުވިޓަ މެސެޖުގައި ކަންގަނާ ބުނެފައި ވަނީ، "އެމަޖެންސީ" އަކީ މުޅި ޢުމުރުގައި ފިލްމީ ދާއިރާއިން ލިބުނު ފިލާވަޅުތަކުގެ އަލީގައި އުފެއްދި ފިލްމެއް ކަމަށެވެ.
މި ފިލްމުގެ ޓީޒާ ރިލީޒް ކުރުމާއެކު "އެމަޖެންސީ" ބަލަން ކެތް މަދުވެފައި ވާކަމަށް ކަންގަނާއަށް ތަރުހީބު ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ. ފިލްމު ރިލީޒް ކުރުން ފަސް ކުރަން ނިންމީ ކަންގަނާގެ ފިލްމީ ކަލަންޑަރުގެ ޝެޑިއުލް ހުރި ގޮތުން މި އަހަރު ވެސް އަދި ފެށޭ އަހަރުގެ ކުރީ ކޮޅު ވެސް ބަތަލާގެ ފިލްމުތައް ރިލީޒް ކުރަން ނިންމާފައި ވާތީ ކަމަށް ކަންގަނާ ވަނީ ބުނެފައެވެ. ފިލްމު ރިލީޒް ކުރާނެ ތާރީޚު ވަރަށް އަވަހަށް ހިއްސާ ކުރާނެ ކަމަށާއި މި ފިލްމަށް ބެލުންތެރިން އިންތިޒާރު ކުރުމަށް ބަތަލާ ވަނީ އެދިފައެވެ.
ބައެއް މީޑިއާ ރިޕޯޓުތަކުން ބުނެފައި ވަނީ ފިލްމު "އެމަޖެންސީ" ރިލީޒް ކުރުން ފަސް ކުރުމަށް ނިންމި ނިންމުމުގެ ފަހަތުގައި ވަނީ މި އަހަރުގެ ނޮވެމްބަރު މަހު ރިލީޒް ކުރާ ސަލްމާން އާއި ކެޓްރީނާގެ ފިލްމު "ޓައިގާ3" ކަމަށެވެ.
ފިލްމު "ޓައިގާ3" ރިލީޒް ވުމާއެކު ދިގު މުއްދަތަކަށް ބެލުންތެރިންގެ ހަނދާނުގައި ހުންނާނީ އެ ފިލްމުގެ ވާހަކަ ކަމަށާއި އެހެންކަމުން "އެމަޖެންސީ" މި މަހު ރިލީޒް ކުރުމުގެ ރިސްކު ކަންގަނާ ނަގަން ބޭނުން ނުވީ ކަމަށް ބައެއް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ފިލްމު "އމަރޖެންސީ" އަކީ ކަންގަނާ ލީޑް ރޯލް ކުޅޭ އަދި އަލަށް ޑައިރެކްޓަރުގެ ގޮނޑީގައި ވެސް ބަތަލާ އިށީންނަ ފުރަތަމަ ފިލްމެވެ. އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު އިންދިރާ ގާނދީ 1975 ވަނަ އަހަރު އިއުލާނުކުރި ކުއްލި ޙާލަތުގެ ހާދިސާއާ ގުޅިގެން އިންޑިއާގައި ކަންތައް ހިނގާދިޔަ ގޮތް ކިޔައިދޭ މި ފިލްމުގައި ކަންގަނާ ފެންނާނީ ބޮޑުވަޒީރު އިންދިރާ ގާނދީގެ ރޯލުންނެވެ.
އިންޑިއާގެ ސިޔާސީ ދާއިރާގެ އަނދިރި ފަރާތް ދައްކުވައިދޭ މި ފިލްމުން ބަތަލާ މަހިމާ ޗޯދުރީ އަދި އަނޫޕަމް ހޭރު ވެސް މުހިއްމު ރޯލްތަކުން ފެންނާނެއެވެ.