އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކަށް ދެވޭ އެންމެ މަތީ ޝަރަފުގެ އެވޯޑް 'ދާދާސަހެބް ޕަލްކޭ' އެވޯޑް ކުރީގެ ބަތަލާ ވަހީދާ ރެހްމާން އަށް އަރުވައިފިއެވެ.

އިންޑިއާގެ ވެރިރަށް ނިއު ދެއްލީގައި އިއްޔެ ކުރިޔަށް ދިޔަ ޚާއްސަ ޙަފުލާއެއްގައި މި އެވޯޑް ހަވާލުކޮށް ދެއްވީ އިންޑިއާގެ ރައީސާ ދްރޯޕަދީ މުރުމޫއެވެ.

ވަހީދާ ރެހްމާނަށް 'ދާދާސަހެބް ޕަލްކޭ'ގެ ޝަރަފު އެރުވުނު ވަގުތު އެ ހޯލަށް ހާޒިރުވެ ތިބި ހުރިހާ ފަރާތްތަކުން ވަހީދާގެ ޝަރަފުގައި ކޮޅަށް ތެދުވިއެވެ. މި މަންޒަރު ފެނި ކުރީގެ ބަތަލާއަށް އުފަލުން ރޮވުނު މަންޒަރާ އެކު ވަރަށް ގިނަ ބަޔަކަށް ފުން އަސަރުތަކެއް ކުރުވިއެވެ.

މި ހަފުލާގައި ވާހަކަ ދައްކަމުން ކުރީގެ ކާމިޔާބު ބަތަލާ ބުނީ އަބަދުވެސް ބެލުންތެރިންގެ ފަރާތުން އެދެނީ ވަހީދާ އަކީ ރަނގަޅު އިޚުލާސްތެރި މީހެއްގެ ގޮތުގައި ހަނދާން ކުރުމަށް ކަމަށެވެ. އިއްޔެ އެރުވުނު ޝަރަފަކީ ހަމަ އެކަނި ވަޙީދާއަށް ހައްޤު ޝަރަފެއް ނޫން ކަމަށާއި ފިލްމީ ދާއިރާގެ ހުރިހާ ޑިޕާޓުމަންޓުތަކުގެ މުވައްޒަފުންނަކީ އެ ޝަރަފުގެ ހައްގުވެރިން ކަމަށް ވަޙީދާ ވަނީ ބުނެފައެވެ.

ޢުމުރުން 85 އަހަރުގެ ބަތަލާ އަކީ 'ދާދާސަހެބް ޕަލްކޭ'ގެ ޝަރަފު އެރުވުނު އަށް ވަނަ ބަތަލާއެވެ. ވަޙީދާ ރެޙްމާން އަކީ 1950ގެ އަހަރުތަކުން ފެށިގެން ފިލްމީ ދާއިރާގައި މަސައްކަތް ކުރަން ފެށި ބަތަލާއެކެވެ. މުސްލިމު އާއިލާއަކަށް ނިސްބަތްވާ ކުރީގެ ބަތަލާ އަކީ ފިލްމީ ދާއިރާގެ އިތުރުން އާއްމުންގެ ވަރަށް ގިނަ ބައެއްގެ ލޯތްބާއި އިޙުތިރާމް ހޯދާފައިވާ ފަރާތެކެވެ.

ވަޙީދާގެ މަޝްހޫރު ފިލްމު ތަކުގެތެރޭ "ސީއައިޑީ"، "ޕިޔާސާ"، "ކާގަޒްކޭ ޕޫލް"،"ގައިޑް" އަދި "ކަބީ ކަބީ" ހިމެނެއެވެ. އިއްޔެގެ ހަފުލާގައި މި އަހަރު ޤައުމީ އެވޯޑް ހާސިލު ކުރި ފިލްމީ ތަރިންނަށް ވެސް ވަނީ އެވޯޑް ހަވާލު ކޮށްފައެވެ. އޭގެތެރޭގައި ބަތަލާ އާލިއާ ބަޓް، ކްރިތީ ސެނޮން އަދި ފިލްމު "ޕުޝްޕާ"ގެ އެކްޓަރު އައްލޫ އަރުޖުން ހިމެނެއެވެ.