17 Oct 2023, 23:28
އިޒްރޭލުން ފަލަސްތީނަށް މިހާރު ދެމުންދާ ހަމާލާތަކުގައި އަލް އަހްލީ އަރަބް ހޮސްޕިޓަލަށް ބޮންއަޅައި، ޣައްޒާގެ 500 މީހުން ޝަހީދު ކޮށްލައިފިއެވެ.
މި މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ކުއްލި ހަމަލާއަށް ފަހު، އިޒްރޭލުން ދަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް އެ ގައުމަށް ބޮން އަޅަމުންނެވެ.
ކަރަންޓު ކަނޑާލުމުގެ ސަބަބުން އަނދިރީގައި އޮތް ގާޒާގައި އަލް އަހްލީ އަރަބް ހޮސްޕިޓަލަށް އިޒްރޭލުން މިރޭ ބޮން އަޅައި ދިން ހަމަލާގައި 500 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ގާޒާގެ ސިއްހީ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.
އެ ހޮސްޕިޓަލުގެ ގޯތި ތެރޭގައި ވެސް އެތައް ސަތޭކަ ރައްޔިތުންނެއް ދިޔައީ ހިމާޔަތް ހޯދަމުންނެވެ. އެއީ ހޮސްޕިޓަލަކަށް ވުމާ އެކު ހަމަލާ ދިނުމުގެ ފުރުސަތު ކުޑަކަމަށް ބެލުމަށް ފަހުއެވެ.
އަދި، އެ ހޮސްޕިޓަލުން އަންނަނީ ޒަޚަމްވެފައިވާ އެތައް ކުޑަކުދިންނަކާއި މާބަނޑު އަންހެންހެނުންނާއި ވިހަމުންދާ ކުދިންގެ ފުރާނަ ސަލާމަތްކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް ޣައްޒާގެ ކަމާލް އަޑްވާން ހޮސްޕިޓަލުގެ ކުޑަކުދިންގެ ޑޮކްޓަރު ހުއްސާމް އަބޫ ސާފިޔާގެ ބަޔާނެއްގައި ބުނެފައިވެއެވެ.
ހަމައެކަނި މިއަދު އެކަނި ވެސް މަރުވެފައިވާ 200 މީހުން ހޮސްޕިޓަލަށް ގެނައި ކަމަށް އޭނާ ފާހަގަ ކުރިއެވެ.
އެއްވެސް ވަރަކަށް އިންޒާރު ދިނުމެއް ނެތި އިޒްރޭލުން އަންނަނީ ބޮން އަޅައި ބޮޑެތި ގެއްލުންތަކެއް ގާޒާއަށް ދެމުންނެވެ. ހަމަލާތައް ހުއްޓުވުމަށް މިހާތަނަށް އެއްވެސް އަލިމަގެއް ހޯދިފައިނުވެއެވެ. އަދި, ދުވަހެއް ދުވަހަކަށް ހަމަލާތައް ގެންދަނީ ވަރުގަދަ ކުރަމުންނެވެ.
އިޒްރޭލުން އަންނަނީ ޣައްޒާއިން ފެނާއި ކަރަންޓު ފަދަ ޒަރޫރީ ޚިދުމަތްތައް ކަނޑާލައި ދެ މިލިއަނަށް ވުރެ ގިނަ ފަލަސްތީނުގެ މުސްލިމުން ނައްތައިލުމަށް ހަނގުރާމަ ކުރަމުންނެވެ. މިހާތަނަށް މި ހަނގުރާމައިގައި 2،800 އަށްވުރެ ގިނަ ފަލަސްތީނުގެ މުސްލިމުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި، 10،000 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިއެކި އަނިޔާތައް ވެފައެވެ.