ޔޫރޯ ކޮލިފައިންގައި ބެލްޖިއަމާއި ސްވިޑަންގެ މެޗު ކުރިއަށްދަނިކޮށް، ބަޑީގެ ހަމަލާ ދިން މީހާ، ފުލުހުން މަރާލައިފިއެވެ.

ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގެ ކިންގް ބައުދޫން ސްޓޭޑިއަމްގައި ރޭ ދިން ބަޑީގެ ހަމަލާއެއްގައި ސްވިޑެންގެ ދެ ސަޕޯޓަރަކު ވަނީ މަރުވެފައެވެ. އެ ހަމަލާއާ ގުޅިގެން މެޗުގެ ފުރަތަމަ ހާފަށް ފަހު، މެޗު މެދުކަނޑާލިއެވެ.

އެ މެޗު މެދުކަނޑާލި ނަމަވެސް، ސަޕޯޓަރުންނަށް އެކަން އަންގާފައިނުވުމުން، ގިނަ ވަގުތުތަކެއް ވަންދެން ދަނޑުތެރޭގައި ސަޕޯޓަރުން ބިރުވެރިކަމެއްގެ ތެރޭގައި ތިބެން ޖެހުނެވެ.

ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ހަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ އުމުރުން 45 އަހަރުގެ އަބްދުއްސަލާމް ލަސޫދް، ކެފޭއެއްގެ ތެރޭގައި އިންދައި، ފުލުހުން ވަނީ އޭނާއަށް ބަޑިން ހަމަލާދީ މަރާލައިފައެވެ.

އެ ހަމަލާއާ ގުޅިގެން ބެލްޖިއަމްގެ ބޮޑުވަޒީރު އެލެކްސެންޑާ ޑި ކްރޫ ވިދާޅުވީ ސްޓޭޑިއަމްގެ ތެރޭގައި ދެ މީހަކަށް ބަޑިން ހަމަލާދިނީ އެ ސަޕޯޓަރުން ނިސްބަތްވާ ގައުމަށް ބަލައިގެން ކަމަށް ބެލެވޭ ކަމަށެވެ.

"އޭނާ އެ ހަމަލާދީފައިވަނީ ސްވިޑަންގެ ސަޕޯޓަރުންނަށް ޓާގެޓުކޮށްގެން. އެ ހަމަލާގައި ދެ މީހަކު ވަނީ މަރުވެފައި. އަދި ތިންވަނަ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުމާ ގުޅިގެން އޭނާއަށް ދަނީ ފަރުވާދެމުން،" ބެލްޖިއަމްގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

ސަޕޯޓަރުންގެ އިތުރުން ދެ ޓީމުގެ ކުޅުންތެރިންގެ ސެކިއުރިޓީގެ ކަންކަން ހަމަޖެހެންދެން ކުޅުންތެރިންނަށް ވެސް ސްޓޭޑިއަމްގެ ތެރޭގައި ވަގުތުތަކެއް ހޭދަކުރަން ޖެހުނެވެ. އެ ހަމަލާ ކުށްވެރިކުރަމުން ބައެއް ފަރާތްތަކުން ދަނީ އިންތިޒާމުތަކަށް ވެސް ފާޑުކިޔަމުންނެވެ.