15:30


ހިނގަމުން މިދާ ހުރިހާ ކަމެއްގެ ޖުމްލަ ނަތީޖާއިން ސިގްނަލްކުރާ މެސެޖަކީ،ވެރިކަމުގެ ބޭފުޅުންގެ ހިތްހަމަނުޖެހުން ޝަރުއީދާއިރާއަށް ރަނގަޅަށް އަމާޒުވެއްޖެކަން، ކަމުގައި މަޝްހޫރު ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ގާނޫނު އަސާސީގައި ބުނާ އިންތިގާލީ މަރުހަލާ ނިމުމަށް ފަހު މި ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި ހިނގައިދިޔަ ކަންތައްތަކާ ބެހޭ ގޮތުން، ނަޝީދުގެ އަމިއްލަފުޅު ބްލޮގްގައި އޭނާ ވިދާޅުވެފައި ވަނީ، ދެ އަހަރު ދުވަހުގެ އިންތިޤާލީ މަރުޙަލާ ނިމުމަކަށް އައުމާ ގުޅިގެން، އުފެދިފައި މިވާ ދުސްތޫރީ ދެބަސްވުންތަކުގެ މައްޗަށް، ޤާނޫނީ ބޭފުޅުންނާއި ސިޔާސީ ބޭފުޅުން ދައްކަވަމުން ގެންދަވާ ވާހަކަތަކުން ތިން ކަމެއް ފާހަގަވެގެންދާ ކަމަށެވެ. އޭގެ ތެރޭގައިޤާނޫނު އަސާސީ ބުނާގޮތަށް، އެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އުފައްދަންޖެހޭ މުއައްސަސާތައް އުފެއްދިފައިނުވާ ކަމާއި، ސުޕްރީމް ކޯޓުގެ ހައިސިއްޔަތުގެ މައްސަލަ ކަމަށާއި އިންތިޤާލީ ސުޕްރީމް ކޯޓާއި ދާއިމީ ސުޕްރީމް ކޯޓުގެ ވާހަކަ ގާނޫނު އަސާސީގައި ބުނާއިރު، ސުޕްރީމް ކޯޓުވެސް ދެ އަހަރު ތެރޭގައި އުފެދެންޖެހޭ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. ނަމަވެސް އެހެން މާއްދާއެއްގައި، ދާއިމީ ސުޕްރީމް ކޯޓު އަންނަންދެން، އިންތިޤާލީ ސުޕްރީމް ކޯޓު ދެމިއޮންނާނެ ވާހަކަ ބުނެފައިވާތީ އެކަމުގައި ވެސް ޚިޔާލުވަނީ ދެކަފިވެފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. އަދި ތިން ވަނަ ކަމަކީ،ސުޕްރީމް ކޯޓުގެ ތަޅުދަނޑީގެ މައްސަލަ ކަމަށާއި، މައްސަލަތައް ސީރިޔަސްވެ ސިޔާސީވުމުގެ އެންމެ ބޮޑު އަސްލަކީ، ސުޕްރީމް ކޯޓުގެ ތަޅުދަނޑި ދިފާއީ ބާރުން ހިފެހެއްޓުމާ އެކު، އައި ފާޑުކިޔުމާއި އެކަމާ މެދު ގިނަ ބަޔަކު ދުށްގޮތް ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. އަދި ފަހަކަށް އައިސް، ޝަރުޢީ ދާއިރާއަށް ވަނީ، ސިޔާސީ ޙަމަލަތައް ފޯކަސްކުރެވިފައި ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. އޭގެ ތެރޭގައިޖުޑިޝަލް ސަރވިސް ކޮމިޝަނަށް ނުވަދެވޭގޮތް ފުލުހުން ހެދުމާއި، ފަނޑިޔާރުންގެ ހުވާގެ ރަސްމިއްޔާތު ހަޑިކޮށްލުމާއި، އަމިއްލަ ކޯޓުތައް ވެސް މަގުމަތީގައި ހަދައި ހިންގުމަށް ފަހު ދެން، މި ފެނުނީ ސުޕްރީމް ކޯޓުގެ ތަޅުދަނޑި ނުދީ ހިފެހެއްޓި ތަން ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. އަދި ކިތަންމެ ވާދަވެރި، ނާޒުކު ސަބަބުތަކެއް ހުރި ނަމަވެސް މިއީ މިނިވަން މުސްތަޤިއްލު ޝަރުޢީ ދާއިރާއެއްގެ މައްޗަށް، ވެރިކަމުގެ ފަރާތުން، ކަންކުރެވޭނެ ގޮތްނޫން ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. އަދި ޝަރުޢީ ދާއިރާގެ ހިންގުމަކީ، ރައީސުލްޖުމްހޫރިއްޔާގެ ނުވަތަ ވެރިކަން ހިންގާ ފަރާތުގެ ނުފޫޒާއި ބާރުން މިނިވަންވެގެންވާ ދާއިރާއެއް ކަމަށާއި، އެ ދާއިރާއާގުޅޭ ކަންކަމުގައި ފުލުހުންނާއި ސިފައިންގެ ބޭނުންކުރަން ޖެހޭ ހިސާބަށް ކަންތައް ދިޔުމަކީ، ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.


އަދި އުއްތަމަ ފަނޑިޔާރު ނުކުމެވަޑައިގެން ކޯފާވެވަޑައިގެން މީޑިޔާގައި ވާހަކަފުޅު ދެއްކެވުމާ ހިސާބަށް ކަންކަން ދިޔުމަކީ ވެސް ރަނގަޅުކަމެއް ނޫން ކަމަށާއި އެކަމުން ދައްކައިދެނީ، އެ ދާއިރާއަށް ހުރި ޕްރެޝަރުތަކުގެ އަންދާޒާ ކަމަށާއި ކަންކަން ގޯސްވަމުންދާ ނިސްބަތުގެ ދަލީލު ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އަދި މިކަންކަން މިގޮތަށް ތަކުރާރުވުމަކީ، އަޅުގަނޑުމެން ތަސައްވުރުކުރި، މިނިވަން ފަނޑިޔާރުގޭގެ ތަސައްވުރު ވީދި ހަލާކުވެގެންދާނެ ކަމެއް ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައިވެ އެވެ.