17 Oct 2023, 21:28
ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް ރާއްޖޭގެ ތަރައްގީގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް އަކީ ޗައިނާއިން އެހެން ގައުމުތަކުގެ އުމްރާނީ ތަރައްގީގައި ބައިވެރިވުން އިތުރު ކުރުމަށް 2013 ވަނަ އަހަރު ފެށި މަޝްރޫއުއެކެވެ. މި މަޝްރޫއުގެ ދަށުން އިގުތިސާދީ ޕްރޮޖެކްޓްތައް ހިންގުމަށް ލޯނު ދީ، މާލީ އިދާރާތަކުގެ އެހީތެރިކަން ފޯރުކޮށްދީ، ފަންނީ ލަފާދިނުން ފަދަ އެހީތެރިކަން ފޯރުކޮށްދެއެވެ.
ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގައި ރާއްޖެއިން ބައިވެރިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައެވެ.
މުއިއްޒު ޗައިނާގެ ޒިންހުއާ ނޫހަށް ދެއްވި އިންޓަވިއުއެއްގައި މިއަދު ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ރާއްޖެ ތަރައްގީވަމުންދާނެ ކަމަށެވެ.
"ޗައިނާގެ އެހީގައި ރާއްޖޭގައި ވަރަށް ގިނަ މަޝްރޫއުތަކެއް ވަނީ ކުރިއަށް ގެންދެވިފައި. އެގޮތުން އެންމެ ފާހަގަ ކުރެވޭ މަޝްރޫއަކީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަޝްރޫއު" މުއިއްޒު ފާހަގަ ކުރެއްވިއެވެ.
މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ގުޅައިލި ބްރިޖަކީ ޔާމީން ސަރުކާރުގައި، މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔަ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއެވެ.
"މިއީ ގިނަ ބަޔެއްގެ ދިރިއުޅުމަށް ގިނަ ފަސޭހަތަކެއް ގެނެސްދިން މަޝްރޫއުއެއް. ހަމައެކަނި މާލެ ސަރަހައްދުގައި އުޅޭ މީހުންނެއް ނޫން. ރާއްޖެ ޒިޔާރަތްކުރާ އެތައް ހާސް ބަޔަކަށް ފަސޭހަކަން ގެނެސްދިން ޕްރޮޖެކްޓެއް،" މުއިއްޒު ވިދާޅުވިއެވެ.
ހަމައެއާ އެކު، ޗައިނާގެ އެހީގައި ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ހައުސިން ޕްރޮޖެކްޓުތަކުގެ މުހިއްމުކަން ވެސް އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑު ހިތުން ރާއްޖެއަށް އެހީތެރިކަން ބޭނުންވޭ މިފަދަ ޕްރޮޖެކްޓުތައް ކުރިއަށް ގެންދަން. ޗައިނާގެ އިތުރުން އެހެން ގައުމުތަކުގެ އެހީއާ އެކު މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަކީ ރާއްޖެ އަށާއި މި ސަރަހައްދުގެ ތަރައްގީއަށް ވެސް މުހިއްމު ކަމެއް،" މުއިއްޒު ވިދާޅުވިއެވެ.
ކުރިއަށް އޮތްތަނުގައި ވެސް ޗައިނާއާ އެކު ގާތް ގުޅުމެއް ބޭއްވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"މި މަޝްރޫއުއާ މެދު [ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް] ބޮޑު އުއްމީދެއް ކުރެވޭ. މި މަޝްރޫއުގެ ބައިވެރިންގެ ތަރައްގީއަށް މިއީ މުހިއްމު ފިޔަވަޅެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި 3،000 އަށްވުރެ ގިނަ މަޝްރޫއު ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ޕްރޮޖެކްޓުތަކަށް ޓްރިލިއަނަކަށް ވުރެ ގިނަ ޑޮލަރު ޚަރަދުވެފައިވާނެ ކަމަށް އެ ގައުމުން ބުނެއެވެ. އަދި، އެ މަޝްރޫއުގައި ބައިވެރިވާ ގައުމުތަކުގައި އެ މަޝްރޫއުގެ ދަށުން ހަތަރު ލައްކައަށް ވުރެ ގިނަ ވަޒީފާ ވެސް ވަނީ އުފައްދާފައެވެ.