ރިޔާސީ އިންތިޚާބުގެ ބޮޑު ކެމްޕެއިނެއް ނިންމާލި އިރު އެއްވެސް މީހަކާ ޒާތީވެފައި ނުވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އިލްމުވެރިންނާ އުސްތާޒުންނާ ބައްދަލުރައްވާ މުއިއްޒު ވިދާޅުވީ، އެވޭލާ ދިވެހީންނަކީ ވަރަށް އެއްބައިވަންތަ ލޯބިވާ ބައެއް ކަމަށާއި އެކަން އަނބުރާ އިޔާދަ ކުރަން ޖެހޭކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ސިޔާސީ ހިޔާލު ތަފާތުވުމެއް އޮވެދާނެ. އެކަމަކު އޭގެ މައްޗަށް އިސްކުރަންވީ އުޚުއްވަތްތެރިކަން އަޚުވަންތަ ކަމުގެ ގުޅުން. އެއްވެސް މީހަކާ ޒާތީވުން ދޫކޮށްލަން ޖެހޭ. ޒާތީ ވާންވީ ކަމެއް ނެތް،" އެ މަނިކުފާނު ވިދާޅުވިއެވެ.

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ، ދިވެހީރާއްޖޭގެ ޢިލްމީ މައިދާނުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ޢިލްމުވެރިންނާއި އުސްތާޛުންނާ ބައްދަލުކުރައްވަން ބޭއްވި ޚާއްސަ ބައްދަލުވުން -- ފޮޓޯ/ އެލީޒް

ސިޔާސީ ޚިޔާލުފާޅުކުރުންތަކާ އެކު ވެސް އެ މަނިކުފާނުގެ ކެމްޕެއިން ތެރޭ އެއްވެސް މީހަކާ ޒާތީވެފައިނުވާނެ ކަމަށާއި ރައްޔިތުން ބަލައިގަތީ އެކަން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ދީން ދެކެ ހަގީގީ ލޯބި ވުމަކީ ދީނުގައި ހުރި ހަމަތައް އަމަލީ ގޮތުން ތަންފީޒު ކުރަން ކެރުން. ދީނުގައި އަންގަވާފައި ވަނީ އަޅުގަނޑުމެން އެއްބަޔަކު އަނެއްބަޔަކަށް އަޅާލާ ބަޔަކަށް ވާން،" މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން، އެކަކު އަނެކަކާ ދިމާވުމުން ހިނިތިންވުމާ ލޯތްބާ އެކު ވާހަކަ ދެއްކުމަކީ މުޅި މުޖުތަމައުގެ ގިނަ ކަންތަންތަކެއް ހައްލު ކުރެވޭނޭ ކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ދީނުގައި އަންގަވާފައި ވަނީ އެއްބަޔަކު އަނެއްބަޔަކަށް އުނގަގުލެއް ކުރިމަތި ނުކޮށް އަމާންކަމާ އެކު ދިރިއުޅެން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ އެލީޒް

މީގެ އިތުރުން މުއިއްޒު ވިދާޅުވީ، ހަގީގީ ތަރައްގީއަކީ އުމްރާނީ ތަރައްގީ ނޫން ކަމަށެވެ. އެއީ، ނަފްސުގެ މުއްސަންދިކަމާއި ހިތުގެ މުއްސަނދިކަމާއި ސިކުނޑީގެ މުއްސަނދިކަން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ކިތަންމެ ވަރަކަށް އިމާރާތްތައް ހެދިއަސް ކިތަންމެ ވަރަކަށް ބްރިޖު އެޅިއަސް ކިތަންމެ ވަރަކަށް ބިންތައް ހިއްކިއަސް، އުމްރާނީ ތަރައްގީ ގެނެޔަސް ހަގީގީ ތަރައްގީއެއް ނާންނާނެ،" މުއިއްޒު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުންނަކީ ވެސް ރިވެތި އަޚުލާގު އިސްކޮށް ގުޅުންތައް ބަދަހިކުރާ ބަޔަކަށް ވާން އެދޭކަމަށެވެ. އެކަން ކުރެވިގެން ނޫނީ ހަގީގީ ތަރައްގީ ނާންނާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އެ މަނިކުފާނު ވަނީ ހައްގު ބަސް ބުނުމަށް ވެސް އެންމެހާ ރައްޔިތުންނަށް ގޮވާލާފައެވެ.