އިޒްރޭލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޣައްޒާގެ ޙާލަތު ގޯސްވަމުންދާކަން ފާހަގަކޮށް، މިހާރުން މިހާރަށް ބޭނުންވާ އެހީތައް ޣައްޒާއަށް ފޯރުކޮށްދިނުމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުން މިހާރަށް ވުރެ އަވަސް މަސައްކަތްތަކެއް ކުރުމަށް ގޮވާލައި ދިވެހިރާއްޖެއިން ފަލަސްޠީނާ އެކު ތިބިކަން ތަކުރާރުކޮށްފިއެވެ.

ރާއްޖެއިން މިފަދައިން ގޮވާލާފައިވަނީ އެމެރިކާގެ ނިއު ޔޯކުގައި މިހާރު ކުރިއަށްދާ އދ ގެ ޢާއްމު މަޖިލީހުގެ 78 ވަނަ ސެޝަނުގެ އިޤްތިޞާދީ އަދި މާލީ ކަންކަމާ ބެހޭ ކޮމިޓީ (ސެކަންޑް ކޮމިޓީ)ގައި އިރުމަތީ ޤުދުސް ހިމެނޭހެން، ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައިވާ ޤުދުރަތީ ވަޞީލަތްތަކަށް ފަލަސްޠީނުގެ ރައްޔިތުންގެ ދާއިމީ ސިޔާދަތީ ވެރިކަން އޮތުމާއި ހިފާފައިވާ ސީރިއާގެ ގޯލާންގެ ބިންތަކުގައިވާ ޤުދުރަތީ ވަޞީލަތްތަކަށް އެ ބިންތަކުގައި އުޅޭ ޢަރަބި އާބާދީތަކަށް ދާއިމީ ސިޔާދަތީ ވެރިކަން އޮތުމާ ގުޅޭ ގޮތުން ތާވަލުކޮށްފައިވާ މައްސަލައިގެ ޢާއްމު ބަހުސްގައި ރާއްޖެއިން ދިން ބަޔާނުގައެވެ.

މި ބަޔާނުގައި ރާއްޖެއިން ވަނީ ފަލަސްޠީނުގެ ރައްޔިތުން އެތައް އަހަރެއް ވަންދެން ތަޙައްމަލު ކުރަމުންދާ ދަތި ޙާލު ފާހަގަކޮށް، ޚާއްސަގޮތެއްގައި ޣައްޒާގައި މިހާރު ހިންގަމުންދާ ޢުދުވާންތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ޢާއްމު ރައްޔިތުންނާއި ޢާއްމު ބޭނުންތަކަށް ބޭނުންކުރެވޭ ޢުމްރާނީ ވަޞީލަތްތަކަށް ޙަމަލާ ދިނުން ހުއްޓާލުމަށް ގޮވާލައިފައެވެ. އަދި، ޣައްޒާގެ އުތުރުގައި ދިރިއުޅެމުންދާ 1.2 މިލިއަން ރައްޔިތުން 24 ގަޑިއިރު ތެރޭގައި ޣައްޒާގެ ދެކުނަށް ދިއުމަށާއި އެންމެ ހަ ގަޑިއިރު ތެރޭގައި ގެތަކުން ނުކުތުމަށް އެތައް މިލިއަން ބަޔަކަށް އިސްރޭލުން އެންގި އެންގުމަކީ ބައިނަލްއަޤުވާމީ އަދި އިންސާނީ ޙައްޤުތަކާ ބެހޭ އެންމެހައި ޤާނޫނުތަކާ ޚިލާފު ކަމެއްކަން ފާހަގަކޮށް އެ އަމުރު އަނބުރާ ގެނައުމަށް ވެސް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

ޢާއްމުންނާ ހަނގުރާމަވެރިންރާ ތަފާތުކުރުމެއްނެތި ދެވޭ ޙަމަލާތަކަކީ "ކަލެކްޓިވް ޕަނިޝްމަންޓް"ކަން ފާހަގަކޮށް ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޟަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު މިހާރުން މިހާރަށް ފޯރުކޮށްދިނުމަށް އިންސާނިއްޔަތު ކަމުގެ ކޮރިޑޯތަކެއް ހުޅުވުމުގެ މުހިއްމުކަން ވެސް ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ. އަދި، ޙަމަލާތައް މިހާރުން މިހާރަށް ހުއްޓުވުމަށް ބާރުއެޅުމަށް ވެސް ރާއްޖެއިން ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލާފައެވެ.

ރާއްޖޭގެ ބަޔާނުގައި ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ވަކި ދައުލަތެއް ޤާއިމުކުރުން ހިމެނޭހެން ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ކުރަމުންދާ ޖާއިޒު މަސައްކަތްތަކުގައި ފަލަސްޠީނުގެ ރައްޔިތުންނަށް އެއްވެސް ޝަރުތެއް ނެތި ރާއްޖެއިން ތާއީދުކުރާކަން ތަކުރާރުކޮށްފައެވެ. އަދި، ދާއިމީ، ދެމެހެއްޓެނިވި ޙައްލެއް ލިބެން އޮތީ 1967ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ޤުދުސް ވެރި ރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ، މިނިވަން، މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރެވިގެންކަން ވެސް ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ.

މި މަހުގެ ހަތްވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ކުއްލި ހަމަލާއަށް ފަހު، އިޒްރޭލުން ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާނު ކޮށްފައެވެ. އިޒްރޭލުން ރައްދުގައި ދެމުންދާ ހަމަލާތަކުގައި ކޮންމެ ފަސް މިނެޓަކު ފަލަސްތީނުގެ ރައްޔިތަކު ޝަހީދުވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން މީގެ ކުރިން ވަނީ އާންމުކޮށްފައެވެ.

އިޒްރޭލުން އަންނަނީ ޣައްޒާއިން ފެނާއި ކަރަންޓު ފަދަ ޒަރޫރީ ޚިދުމަތްތައް ކަނޑާލައި ދެ މިލިއަނަށް ވުރެ ގިނަ ފަލަސްތީނުގެ މުސްލިމުން ނައްތައިލުމަށް ހަނގުރާމަ ކުރަމުންނެވެ. މިހާތަނަށް މި ހަނގުރާމައިގައި 2،800 އަށްވުރެ ގިނަ ފަލަސްތީނުގެ މުސްލިމުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި، 10،000 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިއެކި އަނިޔާތައް ވެފައެވެ.

އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ކުށްވެރިކޮށް، އެ މައްސަލަ ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެސް އިއްޔެ ވަނީ ގޮވާލައްވައިފައެވެ.