17 Oct 2023, 16:29
އެސްޓީއޯއާއި އެ ކުންފުންޏާ ގުޅިފައިވާ ސަބްސިޑަރީ ކުންފުނި ތަކާއި، މުވައްޒަފުންނާއި ހިއްސާދާރުންގެ ނަމުގައި ފަލަސްތީނަށް އެއް މިލިއަން ރުފިޔާ ހަދިޔާ ކޮށްފިއެވެ.
މި ޗެކު ހަވާލު ކޮށްފައިވަނީ ރާއްޖޭގެ ގިނަ މީޑިއާ ތަކަކުން ގުޅިގެން ބާއްވާ ޚާއްޞަ ޓެލެތޯން "އަހަރެމެން ފަލަސްތީނާއެކު" ޝޯގައެވެ.
މި ރަމްޒީ ޗެކު ހަވާލު ކުރުމަށް އެސްޓީއޯގެ އިތުރުން ގުޅިފައިވާ ސަބްސިޑަރީ ކުންފުނިތައް ކަމަށްވާ ފިއުލް ސަޕްލައި، އެލައިޑް އިންޝުއަރެންސް، މޯލްޑިވްސް ގޭސް،އެމްއެސްއެސް އަދި މިފްކޯގެ އިސްބޭފުޅުން ވަނީ ބައިވެރި ވެލައްވާފައެވެ. އަދި މި ރަމްޒީ ޗެކުގައި އެ ހުރިހާ ބޭފުޅުން ވަނީ ސޮއި ކުރައްވާފައެވެ.

ޓެލެތޯންގައި އެސްޓީއޯއާއި، ގުޅިފައިވާ ކުންފުނި ތަކުން ފަލަސްތީނަށް އެއް މިލިއަން ރުފިޔާ ހަދިޔާ ކުރުން---
މި އެހީ އަކީ މިހާރު ކުރިއަށްދާ ޓެލެތޯންގައި އެއް ބައެއްގެ ފަރާތުން ލިބިގެން ދިޔަ އެންމެ ބޮޑު އެހީވެސް މެއެވެ.
އެސްޓީއޯ އަދި ގުޅިފައިވާ ކުންފުނި ތަކުން އެއް މިލިއަން ރުފިޔާ ހަދިޔާ ކޮށްފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އޭއައިސީ) އިން ފަލަސްތީނަށް އެހީވުމަށް ހުޅުވާލައިފައިވާ ފަންޑަށެވެ.
މި ޓެލެތޯންގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ އެއް މިލިއަން ރުފިޔާ އަކީ މިހާރު އެ ކުންފުންޏަށް ދެވެން އޮތް އެހީ ކަމަށެވެ. އެހެން ނަމަވެސް ކުރިއަށް އޮތްތާ ވެސް އަދިވެސް އިތުރު އެހީ ފޯރުކޮށްދެވޭނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެސްޓީއޯއިން ހަދިޔާ ކުރި މި ފައިސާގެ އެހީއަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އާއި މީޑިއާ ތަކުން ވަނީ އެސްޓީއޯ އަށާއި ގުޅިފައިވާ ކުންފުނިތަކަށް ޝުކުރުއަދާ ކޮށްފައެވެ.