އަންނަ އަހަރު ދައުލަތުގެ ދަރަނި 129 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފިއެވެ.

އެ މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން އެއީ ބޮލަކަށް ޖެހޭ ނިސްބަތުން 111 ޕަސެންޓެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތުގެ ފިސްކަލް ސްޓްރެޓެޖީގައި ހުރި ބައެއް ހިރާސްތައް ވެސް ހާމަކޮށްފައެވެ. އޭގެ ތެރޭގައި ބަޖެޓުގައި އަންދާޒާކޮށްފައިނުވާ ޚަރަދުތައް އަހަރުގެ ތެރޭގައި ކުރަން ޖެހުމާއި ކޮންމެހެން ކުރުން މުހިންމު ނޫން ޚަރަދުތަކެއް މާ ބޮޑަށް ކޮށްފައިވުން ހިމެނެއެވެ.

ފިސްކަލް ސްޓްރެޓެޖީއަށް ހުރި މައިގަނޑު ހިރާސްތަކުގެ ތެރޭގައި އިގްތިޞާދީ ގޮތުން ހުރި އެކި ދަތިތަކާއި އާމްދަނީ ލިބުމުގައި ހުރި ގޮންޖެހުންތައް ވެސް ފާހަގަކޮށްފައިވެއެވެ. ޚަރަދުކުރުމުގައި ވެސް ހިރާސްތަކެއް ހުރިކަން ފާހަގަކޮށްފައިވެއެވެ.

އެއާއެކު ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފައިވާ ގޮތުގައި 2027އާ ހަމައަށް ދަރަނިން ބޮލަކަށް ޖެހޭ އަދަދު ނުވަތަ ޖީޑީޕީގެ ނިސްބަތް ހުރި މިންވަރު ދާނީ ދަށްވަމުންނެވެ. 2027އަށް އަންދާޒާކޮށްފައިވަނީ ދަރަނީގެ ޖީޑީޕީ 86 ޕަސެންޓަށެވެ.

މީގެ ކުރިން ދައުލަތުގެ ދަރަނީގެ ތެރެއިން، 2026ވަނަ އަހަރު ގިނަ އަދަދެއް އަނބުރާ ދައްކަން ޖެހުމުގެ ސަބަބުން، މެދު ރާސްތާގައި ރާއްޖޭގެ އިގްތިސާދަށް އަންނަ އިތުރު ޝޮކެއް ބަރުދާސްތު ކުރުމުގެ ގާބިލުކަން ކުޑަވެފައިވާކަމަށް ބުނެ ވޯލްޑުބޭންކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.