17 Oct 2023, 13:42
ޣައްޒާ (17 އޮކްޓޯބަރު 2023) : އެއްގަމުމަގުން ޣައްޒާއަށް އެރުމުގެ ޕްލޭން ތަންފީޒު ކުރުން ފަސްކުރުމަށްފަހު އެމެރިކާ އުފައްދާ އެންމެ ބާރުގަދަ އެއް ބޮންކަމަށްވާ ޖީބީޔޫ މަރުކާގެ ބޮން ހަމާސްގެ މުޖާހިދުންނާ ދެކޮޅަށް ބޭނުންކުރަން އިސްރާއީލު ނިންމައިފިއެވެ.
މިއީ ބަންކަރުތަކާއި ބިމުއަޑީގައިވާ ބިންގަރާސްތައް ހަލާކުކުރުމަށް ޚާއްސަކޮށްގެން އެމެރިކާ އުފައްދާފައިވާ ބޮމެކެވެ. ޖީބީޔޫ މަރުކާގެ ބޮންތަކުގެ ތެރޭގައި ޖީބީޔޫ 35 މަރުކާގެ ބޮމާއި ޖީބީޔޫ 32 މަރުކާގެ ބޮމާއި ޖީބީޔޫ 39 މަރުކާގެ ބޮމާއި ޖީބީޔޫ 28 މަރުކާގެ ބޮން ހިމެނެއެވެ.
އެމެރިކާ ވަނީ ޣައްޒާއަށް ހަމަލާދިނުމަށްޓަކައި ޖީބީޔޫ މަރުކާގެ ބޮން އިސްރާއީލަށް ފޯރުކޮށްދޭން މަސައްކަތްކުރާކަން ހާމަކޮށްފައެވެ. މިއީ ޕްރެސިސަން ގައިޑެޑް ސްމާޓް ބޮމެކެވެ. ނޫނީ ލޭޒާގެ އެހީގައި ވަރަށް އެކިއުރޭޓްކޮށް ޕިންޕޮއިންޓަށް ހަމަލާދެވޭ ސްމާޓް ބޮމެކެވެ. އަމިއްލައަށް އަމާޒު ހޯދައިގެން ވެސް ހަމަލާދެވޭ ސްމާޓް ބޮމެކެވެ.

ބިންގަރާސްތައް ހަލާކުކޮށްލަން އެމެރިކާގައި އުފައްދާ ޖީބީޔޫ މަރުކާގެ ބޮމެއް
އެމެރިކާގެ ގައުމީ ސަލާމަތާބެހޭ ކުރީގެ މަސްއޫލުވެރިއެއްކަމަށްވާ މެތިއު ލިވިޔިޓް ވިދާޅުވިގޮތުގައި އިސްރާއީލުގެ ބޭނުމަކީ މި ބޮންތައް ބޭނުންކޮށްގެން ޣައްޒާގައި ހަމާސް އިން ހަދާފައިވާ ބިންގަރާސް ސިޓީ ހަލާކުކޮށްލުމެވެ.
ޣައްޒާގެ ބިމުގެ 20 ވަރަކަށް މީޓަރު އަޑީގައި ހަމާސްއިން 300 ކިލޯމީޓަރަށްވުރެ ދިގު ކޮންކްރީޓް ބިންގަރާސްތައް ހަދާފައިވާކަމަށްވެސް އިސްރާއީލު ބުނެއެވެ. މިތާގެ އެތެރޭގައި ހަމާސްގެ ކޮމާންޑް ސެންޓަރުތަކާއި ހަތިޔާރު އުފައްދާ ކާރުޚާނާތަކާއި ވޯކްޝޮޕްތަކާއި ލެބޯޓްރީތަކާއި އޮފީސްތަކާއި އިސްރާއީލަށް މިސައިލް ފޮނުވާ ބޭސްތައް ހުރިކަމަށް އިސްރާއީލު ބުނެއެވެ.
ހަމާސްގެ އަސްކަރީ ހަގީގަތް އެމެރިކާއަށްވެސް އަދި އިސްރާއީލަށް ވެސް އެހާ ރަނގަނޅަށް އެނގޭކަމަކަށް ނުބެލެވެއެވެ. އެއީ އެކިފަހަރު އެކި ގޮތަށް ހަމާސް ގެ އަސްކަރީ ގާބިލުކަމާ ބެހޭގޮތުން އެމެރިކާއާއި އިސްރާއީލު ވާހަކަ ދައްކާފައިވާތީއެވެ.
އެމެރިކާގެ ޖާސޫސީ އިދާރާއާ ހަވާލާދީ ވޮޝިންޓަން ޕޯސްޓް ބުނާގޮތުން ހަމާސްގެ އަތުގައިވަނީ 15000 އާއި 20000 އާ ދެމެދުގެ އަދަދެއްގެ މިސައިލްއެވެ. ނަމަވެސް އެމެރިކާގެ ޖާސޫސީ އެހެން ރިޕޯޓަކާ ހަވަލާދީ ވޯލްސްޓްރީޓް ޖޯނަލް ބުނާގޮތުން ހަމާސްގެ އަތުގައި 50000 އާއި 70000 އާ ދެމެދުގެ އަދަދަކަށް މިސައިލް އެބަހުއްޓެވެ.
އިސްރާއީލުން ޣައްޒާއަށް ބޮންއަޅައި ޣައްޒާގެ އިމާރާތްތައް ފުނޑާލައި އެތައް ހާހަކުން އާންމުން މަރައި ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ޖަރީމާތައް ހިންގަމުން ގެންދާއިރުވެސް ހަމާސުން އިސްރާއީލަށް ދޭ ރޮކެޓް ހަމަލާތައް ހުއްޓުވުމުގައި އިސްރާއީލު ވަނީ މުޅިން ނާކާމިޔާބު ވެފައެވެ.
މިހާރުވެސް ކޮންމެދުވަހަކު އެތައް ސަތޭކަ ރޮކެޓުން އިސްރާއީލުގެ ސިޓީތަކަށް ހަމާސްއިން ހަމަލާތައް ދެއެވެ. މިކަން ހުއްޓުވޭނެ އެއްވެސް ގޮތެއް އަދި ފެންނަންނެތްކަން އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ހާމަކޮށްފައެވެ.
ހަމާސްގެ މިހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ ހަތަރު ލައްކަ އެއްހާމީހުން ވަނީ މަގުމަތިވެފައެވެ. އެތައް ބަޔަކުވަނީ މަރުވެފައެވެ. ސްކޫލްތަކުގެ ކިޔެވުންވަނީ ހުއްޓިފައެވެ. އެތައް ސިޓީއަކަށް މާއްދީ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އިސްރާއީލުގެ އެއާޕޯޓްތައް ވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
އަނެއްކޮޅުން ލުބްނާނުގެ ހިޒްބުﷲ އިން ވެސް ގެންދަނީ އިސްރާއީލުގެ އުތުރަށް މި ސައިލް ހަމަލާތައް ދެމުންނެވެ. މިކަމުގެ ސަބަބުން އިސްރާއީލު ސިފައިންގެ އެތައް ބަޔަކު މަރުވެފައިވާއިރު އިސްރާއީލުގެ އުތުރުގެ އަވަށްތައް ދޫކޮށް ރެފިއުޖީންގެ ގޮތުގައި ޔަހޫދީން ގެންދަނީ އިސްރާއީލުގެ މެދުތެރޭ ސަރަހައްދުތަކަށް ވަންނަމުންނެވެ.
ދެހާސް ނުވަ ވަނަ އަހަރު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގާ ހަމާސްގެ ބިންގަރާސްތައް ހަލާކުކޮށްލުމަށްޓަކައި އިސްރާއީލުން ޖީބީޔޫ 28 މަރުކާގެ ބޮން ގިނަ އަދަދަކަށް ބޭނުންކޮށްފައިވެއެވެ. މި ބޮންތަކުން ހަމާސްގެ ބިންގަރާސްތަކުގެ ބޮޑުބައެއް ހަލާކުކޮށްލެވުނުކަމަށް އެ ދުވަސްވަރު އިސްރާއީލު އަޑުއެރުވިއެވެ. ނަމަވެސް ހަމާސް ބުނާގޮތުން އެ ޖަމާއަތުގެ އަސްކަރީ އިންފްރާސްޓްރަކްޗާގެ ދެ ޕަސެންޓް ވެސް އިސްރާއީލަށް ހަލާކުކޮށްލެވިފައެއް ނުވެއެވެ.

އެމެރިކާގެ ޖެޓަކުން ޖީބީޔޫ މަރުކާގެ ބޮމެއް ފޮނުވާލަނީ
ފިނޑިކަމުން ޣައްޒާގެ ތެރެއަށް އެއްގަމުމަގުން ވަދެގަންނަން އިސްރާއީލު ސިފައިންނަށް ނުކެރިފައިވާއިރު ހަމާސްގެ ބިންގަރާސްތަކަށް ލިބުނީ ކިހާވަރެއްގެ ގެއްލުންތަކެއްކަމެއް އިސްރާއީލަށް ހަގީގަތުގައި ނޭންގޭކަމަށް އެ ދުވަސްވަރުގެ ރިޕޯޓްތައް ބުނެއެވެ.
އިސްރާއީލުން ހަމާސްގެ އަސްކަރީ އިންފްރާސްޓްރަކްޗާއަށް ދޭ ގެއްލުންތައް ދެނެގަންނަން ބޭނުންކުރަނީ އެމެރިކާގެ ސެޓަލައިޓް އިމޭޖްތަކާއި އާޓިފިޝަލް އިންޓެލިޖެންސްގެ އާލާތްތަކާއި އޭގެ އެޕްލިކޭޝަންތަކެވެ. އެކިއެކި ސައިބާ ވަސީލަތްތައް ބޭނުންކޮށްގެން މިތަކެތި ޖޭމްކޮށް އެއާ ކުޅެ އިސްރާއީލަށް ހަގީގަތް އޮޅުވާލުމުގެ ކަންތައް ވަރަށް ފުޅާދާއިރާއެއްގައި ކާމިޔާބުކަމާއެކު ހަމާސްގެ އިންޖިނޭރުންގެ ޓީމްތަކުން ކުރެއެވެ.
ހަމާސްއިން މި މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލުގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލާފައި އިސްރާއީލުގެ އެތެރެއަށްވަދެ އިސްރާއީލުގެ ތިރީހަކަށް އަވަށް ހިފައި އިސްރާއީލުގެ އެތައްސަތޭކަބަޔަކު މަރައި އެތައް ސަތޭކަބަޔަކު އަސީރުންގެ ގޮތުގައި ހައްޔަރުކުރީވެސް އިސްރާއީލު ސިފައިންގެ ސާވާތަކަށް ސައިބާ ހަމަލާތައް ފޮނުވައި އެ ތަކެތިން ވާނުވާނޭންގޭގޮތް ހަދައި އިލެކްޓްރޯނިކް ހަމަލާތައް ފޮނުވައިގެން އިސްރާއީލުގެ ރާޑަރުތަކާއި ދިފާއީ ނިޒާމުތައް ޖޭމްކޮށްލައިގެންނެވެ.
ނަތީޖާއަކަށްވީ ހަމާސްގެ ހަމަލާތަކަށް އަށް ގަޑިއިރު ވީއިރުވެސް ވެގެން އުޅޭގޮތްވެސް އިސްރާއީލު ސިފައިންގެ ލަޝްކަރުތަކަށް ނޭންގުމެވެ. އެއީ ސާވާތައް ހަލާކުކޮށްލުމުން އިސްރާއީލުގެ ލަޝްކަރުތައް "ލޯކަނު" ވުމުގެ ސަބަބުންކަން ޚުދު އިސްރާއީލުގެ ރިޕޯޓަތަކުން ވެސް މިހާރު ވަނީ ހާމަވެފައެވެ.
ޖީބީޔޫ މަރުކާގެ ބޮންތައް އެމެރިކާއިން އިރާގާއި އަފްޣާނިސްތާނާ ދެކޮޅަށްވެސް ބޭނުންކުރިއެވެ. ކުވައިތު ހަނގުރާމައިގެ ދުވަސްވަރު އިރާގު ސިފައިން ކުވައިތުން ބޭރުކުރުމަށްޓަކައި އިރާގު ސިފައިންގެ މަރުކަޒަކަށް ކަމަށް ބުނެ 1991 ވަނަ އަހަރު އެމެރިކާއިން އިރާގުގެ އާންމުން ރައްކާތެރިކަން ހޯދައިގެން ތިބި މަދަނީ ޝެލްޓާއެއްކަމަށްވާ "މަލްޖައުލް އާމިރިއްޔާ" އަށް ހަމަލާދީ އިރާގު އާންމުންގެ 408 މީހަކު ޝަހީދުކޮށްލި ގަތުލު އާންމު އެމެރިކާ ސިފައިން ހިންގީވެސް ޖީބީޔޫ މަރުކާގެ ސްމާޓް ބޮން ބޭނުންކޮށްގެންނެވެ.
މިޖަރީމާއާ ގުޅިގެންވެސް އެމެރިކާގެ އެއްވެސް ވެރިއަކު އަދި ޖެނެރަލަކުވެސް ބައިނަލްއަގްވާމީ އަދާލަތުގެ ކުރިމައްޗަށް ހާޒިރު ކުރެވިފައެއް ނުވެއެވެ.
އިސްރާއީލުން މިއަދު ވެސް ވަނީ ޣައްޒާގެ ދެކުނުގައިވާ ރަފްހު އާއި ޚާންޔޫނުސްގައި އާންމުން ދިރިއުޅޭ އިމާރާތްތަކަށް ވައިގެ ހަމަލާތައްދީ ބޮޑު ގަތުލު އާންމެއް ހިންގާފައެވެ. މި ގަތުލުއާންމުގައި އިސްރާއީލުވަނީ ފަލަސްތީނުގެ ކުޑަކުދިންނާއި އާންމުން ހިމެނޭގޮތަށް 71 މީހަކު ޝަހީދުކޮށްލާފައެވެ. އެއްގަމުމަގުން ޣައްޒާއަށް އެރުމުގެ ޕްލޭން ތަންފީޒު ކުރުން އިސްރާއީލުން ފަސްކުރީ މިގޮތަށް އަރައިގެންފިނަމަ ކާމިޔާބު ނުލިބި ހަމާސްގެ އަތްދަށުން އިސްރާއީލު ބަލިވެދާނެ ކަމުގެ ބިރަށް ކަމަށް މުހައްލިލުން ވިދާޅުވެއެވެ.