ޕީޕީއެމް/ޕީއެންސީ އަދި ގުޅިފައިވާ ޕާޓީތައް ބައިވެރިވާ ސަރުކާރު ވާނީ، ދިވެހިރާއްޖޭގެ އިސްތިގުލާލާއި ފަޚުރުވެރިކަން ނަގަހައްޓައިދޭ ސަރުކާރަކަށް ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވީ ދުވަހާ ގުޅިގެން ނެރުނު ނޫސް ބަޔާނުގައި އިންތިޚާބީ ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއް ވާނީ އިސްލާމް ދީނާއި ދިވެހީންގެ ގައުމިއްޔަތަށް ބޮޑު އިސްކަމެއްދޭ ސަރުކާރަކަށް ކަމަށެވެ.

އަދި މީގެ އިތުރުން ދިވެހީންގެ ނަމާއި، އަބުރާއި ބައިނަލްއަގުވާމީ މަސްރަހުގައި އަގު އުފުލައިދޭނެ ސަރުކާރަކަށް އެމަނިކުފާނުގެ ސަރުކާރު ވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރަށް އިންތިޚާބީ ރައީސް ވިދާޅުވީ އިސްލާމްދީން މަތީ ދިވެހީން ފައިތިލަ ސާބިތުކުރިތާ ހިޖުރީގޮތުން ނުވަ ޤަރުނު ފުރިހަމަވާން ބާކީ އޮތީ ތިން އަހަރުކަމަށް ވާއިރު، މި ޤައުމަށް އެންމެ ހެޔޮ ބަދަލެއް ގެނުވި ތާރީޚީ ހާދިސާއަކީ ރާއްޖެ އިސްލާމްވުން ކަމަށެވެ.

އަދި ދިވެހީންގެ މިނިވަންކަން އަދި ރިވެތި އާދަތަކުގެ އިތުރުން މުއްސަނދި ސަގާފަތާއި އެއްބައިވަންތަ ކަން އޮތް މައިގަނޑު ސަބަބަކީވެސް މާތްވެގެންވާ އިސްލާމްދީން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މިއަދުގެ ދުނިޔޭގައި، ފިކުރީގޮތުންނާ، އިޤްތިޞާދީގޮތުންނާ، އަދި އިސްތިރާތީޖީގޮތުންވެސް ތަފާތު އެކި ގޮންޖެހުންތައް ކުރިމަތިވަމުންދާއިރުވެސް ވޭތުވެދިޔަ ދިގު މާޒީގައި ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމަކީ ދުނިޔެއަށް އޮތް ނަމޫނާއެއް ކަންވެސް އިންތިޚާބީ ރައީސް ވަނީ ފާހަގަ ކުރައްވައިފައެވެ.

އަދި މިފަދަ ކަންކަމަށް ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލައި ދިވެހި ގައުމު އިސްކޮށް މަސްލަހަތު ކުރިއަށް ނެރެ ކުރިމަތިލުމަކީ މި ގައުމުގެ ރައްޔިތުން އެދޭ ގޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މީގެ އިތުރަށް މުއިއްޒު ވަނީ ރާއްޖެ އިސްލާމްވިތާ 897 އަހަރު ފުރުނު މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް އެ ދުވަހުގެ ތަހުނިޔާ އާއި މުބާރަކްބާދީ އަރިސް ކޮށްފައެވެ.