ރައްޔިތުންގެ މަޖިލިސް މިހާރު ސިފަ ވަނީ "ޖަޕާނު މަހުގެ" ގޮތުގައެވެ.

މިއީ އެންމެ މީހަކު ދައްކާ ވާހަކައެއް ނޫނެވެ. މިއީ ހުރިހާ އެންމެން ވެސް ދައްކަމުންދާ ވާހަކައެކެވެ. ޚުދު މަޖިލިސް މެންބަރުން ވެސް އަންނަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ތަކުރާރުކޮށް މި ވާހަކަތައް ދައްކަމުންނެވެ. ނަމަވެސް މިކަމަކީ މިހާތަނަށް އައި އިރުވެސް އަމަލީ ގޮތުން ހައްލުވެފައި ނުވާ ހަމައެކަނި ދައްކާ ވާހަކަތަކެއްގެ ގޮތުގައި އޮތް ކަމެކެވެ. އެއީ މަޖިލީހުގެ ދާއިރާތައް އެއް ދައުރުން އަނެއް ދައުރަށް އިތުރުވާ ކަމުގެ ވާހަކައެވެ.

ގާނޫނު އަސާސީ މިހާރު އޮންނަ ގޮތުން ކޮންމެ 5،000 މީހުންގެ އާބާދީއަކީ އިދާރީ ވަކި ދާއިރާއެކެވެ. އެއާއެކު، ކޮންމެ މަޖިލީހުގެ ދައުރަކަށް ފަހު، މެންބަރުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. އެގޮތުން، 17 ވަނަ މަޖިލީހުގައި 77 މެންބަރުން ތިއްބެވިއިރު، 18 ވަނަ މަޖިލީހުގައި 85 މެންބަރުން ތިއްބެވިއެވެ. އަދި، މި ހިނގާ 19 ވަނަ މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު އަންނަ 20 ވަނަ މަޖިލީހުގައި 93 މެންބަރުން ތިއްބަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މީގެ ކުރިން ވަނީ ބުނެފައެވެ.

ގާނޫނު އަސާސީއަށް އިސްލާހެއް ނުގެނެސް މިކަން ވާކަށް ނެތެވެ. ކޮންމެ ދައުރަކާއެކު މަޖިލީހަށް ގޮނޑި އިތުރުވުމަކީ ގާނޫނު އަސާސީގައި މިހާރު އޮތް ގޮތުން ނަމަ ލާޒިމު ކަމެކެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް-- ފޮޓޯ/ މަޖިލިސް

ސިޔާސީ ޕާޓީތަކުން ގެންގުޅޭ ވިސްނުން ތަފާތު

'ސަން' އާ ވާހަކަ ދައްކަވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، މެންބަރުން އިތުރުވާ އިތުރުވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން ކަމަށާއި އެހެންނަމަވެސް އެކަމަށް ހައްލެއް ގެނައުމަށް އެންމެންނަށް އެއްބަސްވެވޭނެ ފޯމިއުލާއެއް އަދި މިހާތަނަށް އައިސްފައި ނުވާ ކަމަށެވެ.

"މި އޮންނަނީ ޕޮޕިއުލޭޝަން އޮންނަ ފޯމިއުލާއެއް. އުސޫލެއްގެ ގޮތުން އެ ފޯމިއުލާ ރަނގަޅު. ނަމަވެސް ބަދަލުތަކެއް ގެނެވިދާނެ. އަޅުގަނޑު ދެކޭގޮތުގައި 5،000 މީހަކަށް މެންބަރެއްގެ އުސޫލު އޮންނައިރު، އެ އަދަދު ފެށިދާނެ 8،000 ނުވަތަ 10،000 މީހުނަށް މެންބަރެއްގެ ގޮތުގައި،" މިސާލެއް ޖައްސަވަމުން އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ދެކެވަޑައިގަންނަވާ ގޮތް ހިއްސާކުރައްވަމުން ވިދާޅުވީ، އާބާދީގައި މީހުން ތިބޭ ވަރަށް ބަލާފައި މިހާރު ގާނޫނުގައި އެ އޮތް ގޮތް ކަމުދާ ކަމަށެވެ. ކަންބޮޑުވުމަކީ އާބާދީ ބޮޑު ތަންތަނަށް މެންބަރުން މަދުވެދާނެތީ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އާބާދީގަ މީހުން ތިބޭ ވަރަށް ބަލާފަ މެންބަރުން ކަނޑައެޅުމުގެ އުސޫލަކީ އަޅުގަނޑު ވަރަށް ތާއީދު ކުރާ އުސޫލެއް. ޕާޓީގެ ވިސްނުމެއް ނޫން މިއީ. މިއީ އަޅުގަނޑުގެ އަމިއްލަ ވިސްނުން،" އަސްލަމް ވިދާޅުވިއެވެ.

އެހެންނަމަވެސް އަސްލަމް ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި ބައެއް މެންބަރުންގެ ކަންބޮޑުވުންތައް ވެސް މެންބަރުން އިތުރުވުމާ ގުޅިގެން އެބަހުރި ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން ރަސްމީކޮށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން މަޝްވަރާ ކުރަން ފަށާފައި ނުވާ ކަމަށާއި އެ ޕާޓީން މަޝްވަރާ ކުރުމަށް ފަހު ވަކި ގޮތެއް ނިންމާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މީގެ ކުރިން އަސްލަމް ވަނީ މިއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ލިމިޓް ކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށާއި އެ ފަދަ ބަދަލެއް ގެންނަން ވާނީ އެކަށިގެންވާ ވަރަށް ވަގުތު އޮވެގެން ކަމަށް ވިދާޅުވެފައެވެ.

މެންބަރުން އިތުރުވާ އިތުރުވުމާ ގުޅިގެން ކަންބޮޑުވުންތައް ހުއްޓެއް ކަމަކު އެމްޑީޕީގެ ހުރީ އެހާ އަވަސް އަރުވާލައިގެން ގޮތެއް ނިންމުމުގެ ޚިޔާލެއް ނޫނެވެ. އެ ޕާޓީން ދެކޭ ގޮތުގައި މަޝްވަރާކޮށްގެން އަދި ގޮތެއް ނިންމުމުގެ ވަގުތު އެބައޮތެވެ.

ނަމަވެސް ދެންތިބި ސިޔާސީ ޕާޓީތަކުން މިކަމާ މެދު ދެކޭގޮތް ވަރަށް ތަފާތެވެ.

މަޖިލީހުގެ މައިނޯރިޓީ ޕާޓީ ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު-- ފޮޓޯ/ މަޖިލިސް

"ހައްލުކުރަން ނޫޅޭތީ މިހާތަނަށް ހައްލު ނުވެ"

މަޖިލީހުގެ މައިނޯރިޓީ ޕާޓީ ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) 'ސަން' އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެ ޕާޓީގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ ގަރާރުގައި އޮންނާނީ މެންބަރުން އިތުރު ނުވާ ގޮތް ހެދުމަށް ކަމަށާއި ނަމަވެސް އެހެން މެންބަރުން އެކަން ކުރަން ބޭނުން ނުވާ ކަމަށެވެ.

އެ ޕާޓީގެ ފަރާތުން ހުށަހެޅި އިސްލާހުގައި ވާ ގޮތުން، މުޅި މަޖިލީހުގައި ހިމެނޭނީ 76 މެންބަރުންނެވެ. އެއީ، އިދާރީ ދާއިރާތަކަށް ނިސްބަތްވާ 55 ގޮނޑި އާއި ނެޝަނަލް ލިސްޓުގެ 11 ގޮނޑީގެ އިތުރުން، އަންހެނުންނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ 10 ގޮނޑިއެވެ. މިއީ އެ ޕާޓީން ބުނާ ގޮތުގައި ދައުލަތުގެ ޚަރަދު ވަރަށް ބޮޑަށް ކުޑަވާނެ، އަދި ހުރިހާ އެންމެން ތަމްސީލުވާނެ ގޮތަކަށް ހުށަހަޅާފައިވާ އިސްލާހެކެވެ.

ނަމަވެސް އެހެން ޕާޓީތަކުން ދެކޭ ގޮތުގައި މިއީ އަދި އެކަން ހައްލުކުރުމަށް އޮތް ފޯމިއުލާއެއް ނޫނެވެ.

"އަބަދުވެސް ދައްކަނީ މިވަގުތެއް ކަމަކު ނުދެއޭ. މިއީ އެކަން ކުރަން އެންމެ ރަނގަޅު ވަގުތެއް ނޫނޭ،" މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

"ގާނޫނު އަސާސީއަށް އިސްލާހެއް ގެންނަން މިޖެހެނީ. އިސްލާހު ކުރެވެން އޮތީ މަޖިލީހުގައި ތިއްބަވާ މެންބަރުން ވޯޓު ދެއްވައިގެން. ޕާޓީތަކުގެ އިސް ލީޑަރުން އެގޮތް ނިންމާނީ. އެމްޑީޕީގެ ލީޑަރު ބޭނުމެއް ނުވޭ އެކަމެއް ކުރާކަށް. ޕީޕީއެމް/ޕީއެންސީން ވެސް އެކަމަކާ އަޅައެއް ނުލާ. ބުނަނީ މިއީ އެކަން ކުރަން އެންމެ ރަނގަޅު ހާލަތެއް ނޫން ކަމަށް. ދެން އަޅުގަނޑުމެން ޑިމޮކްރެޓުން މިއޮތީ މިކަން ވެސް ހުށަހަޅާފަ،"

އިބްރާހީމް ރަޝީދު ވިދާޅުވީ މިއަދާ ހަމައަށް އައިއިރު ވެސް އެކަމަށް ހައްލެއް ނުހޯދި މިއޮތީ އެކަން ހައްލު ކުރަން އެހެން ޕާޓީތަކުން، ވަކިން ޚާއްސަކޮށް މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕާޓީން ނޫޅުމުގެ ސަބަބުން ކަމަށެވެ.

"މިކަމަށް ހައްލެއް ގެންނާކަށް އެހެން ސިޔާސީ ޕާޓީތަކަކުން ބޭނުމެއް ނުވޭ. އެމްޑީޕީގެ މެޖޯރިޓީ މިއޮތީ. އެހެންވީމަ މިކަމުގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީން. ޚާއްސަކޮށް ޕާޓީގެ ޕީޖީގެ އިސް ލީޑަރަކަށް ހުންނެވި ބޭފުޅާއާ ޕާޓީގެ ޗެއާޕާސަންއަކަށް ހުންނެވި ބޭފުޅާ ޖެހޭނެ މިކަމަށް ޒިންމާވާން. މިކަމުގެ ވާހަކަ ރައީސުލްޖުމްޙޫރިއްޔާ ވެސް ދައްކަވާ، ދެން ތިބި މީހުން ވެސް ދައްކާ. އެހެންނަމަވެސް ބަހާ އަމަލާ ދިމާނުވާތީ މައްސަލައަކީ،" އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

ކޮންމެއަކަސް މިއީ ހަމައެކަނި ޑިމޮކްރެޓުންގެ އެކަނި ޝަކުވާއެއް ނޫނެވެ.

ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު އަހުމަދު އާމިރު މީގެ ކުރިން ވަނީ 17، 18 އަދި 19 ވަނަ މަޖިލީހުގައި ވެސް މެންބަރުން އިތުރުނުވާ ގޮތް އިސްލާހެއް ހުށަހަޅުއްވައިފައެވެ. ނަމަވެސް އެކަމަށް ތާއީދު ނެތުމާ އެކު އެކަން ވެފައެއް ނުވެއެވެ.

މައްސަލައަކީ ޚަރަދު ބޮޑުވުންތަ ނޫނީ ސިޔާސީ ބޭނުން؟

މިއީ ކަންބޮޑުވުން ބޮޑު މައްސަލައެއްގެ ގޮތުގައި ގިނަ މެންބަރުން ވެސް ގަބޫލުކުރައްވާއިރު އިތުރުވާ ކޮންމެ މެންބަރަކާ އެކު މުސާރައިގެ އިތުރުން ޕެންޝަން ފައިސާއާ އިނާޔަތްތައް ވެސް އިތުރުވާނެއެވެ. އެއާ އެކު ޚަރަދު ވެސް ބޮޑު ވާނެއެވެ.

ކޮންމެ މެންބަރަކަށް ވެސް މަހަކު އަށްޑިހަ ހާހެއްހާ ރުފިޔާ މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބެއެވެ. މެމްބަރުންގެ އަދަދު އިތުރުވާ ވަރަކަށް މިއަދަދު ބޮޑުވާނެއެވެ. އެހެންކަމުން ދައުލަތަށް އުފުލަން ޖެހޭ ބުރަ ބޮޑުވެއެވެ.

ޗައިނާގެ ގާނޫނު ހަދާ މަޖިލިސް--

ބޮޑެތި ގައުމުތަކުގައި ވެސް މެންބަރުންގެ އަދަދު ކޮންޓްރޯލް ކުރެވިފައި

ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ބަލާއިރު ފެންނަ މަންޒަރަކީ މަޖިލީހުގެ މެންބަރުންގެ އަދަދު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ތަނެވެ. ބައެއް ގައުމުތަކުގައި މި އޮންނަނީ ޔުނިކެމެރަލް (އެއް ގެ ހިމެނޭ) އަދި އަނެއް ބައި ގައުމުތަކުގައި ބައިކެމެރަލް (ދެ ގެ ހިމެނޭ) ގާނޫނު ހަދާ މަޖިލީހެކެވެ. އާބާދީ ބޮޑެތި ގައުމުތަކުގެ ތެރޭ ގިނައީ ދެ ގެ ހިމެނޭ މަޖިލީހެވެ.

މިވަގުތު ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގެ ގޮތުގައި އޮތް އަވައްޓެރި އިންޑިއާގެ އާބާދީ 1.4286 ބިލިއަން އަށް އަރާފައިވާއިރު އެ ގައުމުގެ ގާނޫނު އަސާސީ ބުނާ ގޮތުން މަޖިލީހުގައި ގިނަވެގެން 550 މެންބަރުން ތިބޭއިރު ސްޓޭޓްތައް ތަމްސީލްކުރާ 530 މެމްބަރުންނާއި ޔޫނިއަން ޓެރިޓަރީތައް ތަމްސީލުކުރަނީ 20 މެންބަރުން ތިބޭނެއެވެ.

ދެވަނައަށް އެންމެ އާބާދި ބޮޑު ޗައިނާގައި 1.4257 ބިލިއަން މީހުން ތިބިއިރު މި އަހަރު 2،980 މެންބަރުންނާއެކު، މިއީ ދުނިޔޭގެ އެންމެ ބޮޑު ލެޖިސްލޭޓިވް ބޮޑީއެވެ.

އާބާދީއާ އަޅާބަލާއިރު އެ ގައުމުތަކުގައި ތިބީ މަދު މަޖިލިސް މެމްބަރުންނެވެ. މެމްބަރަކަށް ވެވެނީ އެތައް މިލިއަން މީހުންގެ ތާއީދެއް ހޯދައިގެންނެވެ. ނަމަވެސް ފަސް ލައްކަ މީހުން ހަމަނުވާ މި ރާއްޖޭގެ މަޖިލީހުގެ މެމްބަރުން އާބާދީގެ ނިސްބަތުން ބަލާއިރު އިތުރެވެ.

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ހަ ދާއިރާއެއް ވަނި އިތުރުވެފައެވެ. އެ ދާއިރާތަކަކީ ހިތާދޫ ދާއިރާ، ހުރާ ދާއިރާ، ކޮލަމާފުށި ދާއިރާ، ފޭދޫ އުތުރު ދާއިރާ، ހުޅުމާލެ މެދު ދާއިރާ އަދިހުޅުމާލެ އުތުރު ދާއިރާއެވެ.

ދުނިޔޭގެ ނިސްބަތަށް ބަލާއިރު ވެސް މި ކުޑަކުޑަ ދިވެހިރާއްޖެ އަކީ މަޖިލިސް މެންބަރުން އެންމެ ގިނަ އެއް ގައުމެވެ. އެހެންވީމަ ޖަޕާނު މަހެކޭ ވެސް ބުނެވޭނެ ނޫން ހެއްޔެވެ؟

ކޮންމެއަކަސް މި ކަމަކީ ހައްލު ކުރަން ބޭނުން ކަމެކެވެ. އެހެންނަމަވެސް ހައްލުކުރާނެ ރަނގަޅު ފޯމިއުލާއެއް ހަމަ ނެތީއެވެ. ނޫނީ ހޯދަން ނޫޅެނީއެވެ.