ޔޫރޯ ކޮލިފައިން ގްރޫޕް ބީގައި ނެދަލަންޑްސް އާއި ގްރޫސް ބައްދަލުކުރިމެޗް ނެދަލަންޑްސް ކާމިޔާބުކޮށް މި އަންނަ އަހަރު ޖަރުމަނުވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތަށް ސީދާ ކޮލިފައިވުމަށް ކުރާ އުންމީދު އާކޮށްފިއެވެ.

ގްރީސްގައި ކުޅުނު މި މެޗް ނެދަލަންޑްސްއިން ކާމިޔާބުކޮށްފައިވަނީ އެއް ލަނޑުގެ ނަތީޖާ އަކުންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ނެދަލަންޑްސްއިންނެވެ.

މި މެޗްގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބުނު ނަމަވެސް މިއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތް ނުވެ ފުރިހަމަ ވަގުތު ހަމަވާން ގާތްވުމާއެކު މި މެޗް އެއްވަރު ވެގެން ނިމިދާނެކަމަށް ގިނަ ބަޔަކަށް ހީވެގެންދިޔައެވެ. ނަމަވެސް އިތުރު ވަގުތުގެ ތެރޭގައި ގްރޫސްގެ ޕެނަލްޓީ އޭރިއާ ތެރެއިން ނެދަލަންޑްސްގެ ޑެންޒެލް ޑަމްފްރީސްއަށް ފައުލް ކުރުމާއެކު ނެދަލަންޑްސްއަށް ލިބުނު ޕެނަލްޓީއާއެކު މެޗް މުޅިން ބަދަލުވެގެން ދިއުމުގެ ފުރުސަތު ހުޅުވިގެންދިޔައެވެ.

ނެދަލަންޑްސްއަށް ދިން މި ޕެނަލްޓީ އާމެދު ހިތްހަމަ ނުޖެހުން ފާޅު ކުރުމާއެކު ގްރީސްގެ ކޯޗް ގަސް ޕޮޔެޓްއަށް ވަނީ ރެފްރީ ރަތްކާޑު ދައްކާ ބެންޗުން ފޮނުވާވެސް ލާފައެވެ.

މެޗްގެ 93 ވަނަ މިނެޓްގައި ލިބުނު މި ޕެނަލްޓީ ކާމިޔާބުކޮށްދީ ނެދަލަންޑްސްއަށް މި މެޗް ކާމިޔާބުކޮށް ދިނީ ކެޕްޓަން ވާގިލް ވެން ޑައިކްއެވެ.

މި ކާމިޔާބީއާއެކު ނެދަލަންޑްސް މިހާރު މިވަނީ ދެވަނައިގާ އޮތް ގްރީސް ފަހަތަށް ޖައްސާލާ ދެވަނައަށް ހެޑް ޓު ހެޑް ނަތީޖާގެ ސަބަބުން އަރާފައެވެ. މި ދެޓީމަށް ވެސް މިހާރު ވަނީ 12 ޕޮއިންޓް ލިބިފައެވެ. ނަމަވެސް މިފަހަރުގެ ކޮލިފައިން ގައި މި ދެޓީމް ބައްދަލުކުރި ދެ މެޗް ވެސް ކާމިޔާބު ކޮށްފައި ވަނީ ނެދަލަންޑްސްއެވެ.

މި ފަހަރުގެ ކޮލިފައިން ގައި ނެދަލަންޑްސްއަށް މިހާރު ބާކީ އޮތް ދެ މެޗް ކަމަށްވާ ރިޕަބްލިކް އޮފް އަޔަލަންޑާއި ގިބްރޯލްޓާގެ މެޗް ކާމިޔާބުކޮށްފި ނަމަ މިއަންނަ އަހަރުގެ މުބާރާތަށް މި ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި ކޮލިފައިވުމުގެ ފުރުސަތު އެބައޮތެވެ.

ގްރީސްއަށް ދެން ބާކީ އޮތީ ގްރޫޕްގެ އެއްވަނައިގާ އުޅޭ ފަރަންސޭސިވިލާތުގެ މެޗެވެ. އެ މެޗުން ގްރީސް މޮޅުވި ނަމަވެސް އެ ޓީމަށް ސީދާ ކޮލިފައިވުމުގެ ފުރުސަތު އޮތީ ނެދަލަންޑްސްގެ ދެމެޗްގެ ނަތީޖާ ނިކުންނަ ގޮތަކަށް ބެލުމަށްފަހުއެވެ.