މިއަންނަ އަހަރު ޖަރުމަނުވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން ގްރޫޕް ޖޭގައި ޕޯޗުގަލް އާއި ބޮސްނިއާ ހާޒެގޮވީނާ ބައްދަލުކުރި މެޗް ފަސޭހަ ކަމާއެކު ޕޯޗުގަލްއިން ކާމިޔާބުކޮށްފިއެވެ.

ބޮސްނިއާ ހާޒެގޮވީނާގައި ކުޅުނު މި މެޗް މިހާރު ވެސް މިއަންނަ އަހަރުގެ މުބާރާތަށް ކޮލިފައިވެފައިވާ ޕޯޗުގަލް ކާމިޔާބުކުރީ 5 ލަނޑު 0 ލަނޑުންނެވެ. މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ ޕޯޗުގަލްއިން އުފެއްދީ ޕޯޗުގަލްއިންނެވެ.

މި މެޗްގައި އެޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ 5 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ ތަޖްރިބާކާރު ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އަދި މެޗްގެ 20 ވަނަ މިނެޓްގައި ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ލީޑު ފުޅާވެސް ކޮށްދީފައެވެ. މިއީ އުމުރުން 38 އަހަރުގެ ރޮނާލްޑޯ ކާމިޔާބުކުރި 127 ވަނަ ބައިނަލްއަޤްވާމީ ލަނޑެވެ. މި މެޗްގައި ޕޯޗުގަލްއިން ޖެހި އަނެއް ތިން ލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފްގައެވެ.

މިގޮތުން ތިން ވަނަ ލަނޑު މެޗްގެ 25 ވަނަ މިނެޓްގައި ބްރޫނޯ ފެނާންޑޭޒް ކާމިޔާބުކުރިއިރު ހަތަރު ވަނަ ލަނޑު މެޗްގެ 32 ވަނަ މިނެޓްގައި ޖަހާދިނީ ޖާއޮ ކަންސޭލޯއެވެ. އަދި ފަހު ލަނޑު މެޗްގެ 41 ވަނަ މިނެޓްގައި ޖަހާދިނީ ޖާއޮ ފީލިކްސްއެވެ.

މި ކާމިޔާބީއާއެކު ޕޯޗުގަލްއިން މި ވަނީ މިހާތަނަށް ކުޅުނު އަށް މެޗްވެސް ކާމިޔާބުކޮށް ސައްތައިން ސައްތަ ރިކޯޑެއްވެސް ދަމަހައްޓާފައެވެ. އަދި 24 ޕޮއިންޓް މިހާތަނަށް ހޯދާފައިވާއިރު 32 ލަނޑު މި މެޗްތަކުގައި ޖަހާފައިވެއެވެ. މި މެޗުން ބަލިވުމުން ބޮސްނިއާ ހާޒެގޮވީނާ އުޅެނީ ނުވަ ޕޮއިންޓާއެކު ހަ ޓީމް ހިމެނޭ ގްރޫޕް ޖޭގެ ފަސް ވަނައިގައެވެ.

މި ގްރޫޕްގެ ދެވަނައިގާ އުޅޭ ސްލޮވާކިއާ އާއި ތިންވަނައިގާ އުޅޭ ލަގްޒެމްބާގް ބައްދަލުކުރި މެޗް ރަށުން ބޭރުގައި އެއްލަނޑު ސުންލަނޑުން ކާމިޔާބުކުރީ ސްލޮވާކިއާއެވެ. އަދި މި ނަތީޖާގެ ސަބަބުން މި ދެ ޓީމްގެ ދެމެދުގައިވާ ފަރަގު މިހާރުވަނީ ފަސް ޕޮއިންޓަށް ބޮޑުވެގެން ގޮސްފައެވެ. އަދި ބާކީ މި ގްރޫޕްގައި ކޮންމެ ޓީމަކަށް ދެމެޗް އޮތްއިރު ސްލޮވާކިއާ މީގެ ތެރެއިން އެއް މެޗް ކާމިޔާބުކޮށް ނުވަތަ ލަގްޒެމްބާގް ކުޅޭ ދެމެޗްގެ ތެރެއިން އެއް މެޗް އެއްވަރު ވިޔަސް މި އަންނަ އަހަރުގެ މުބާރާތަށް މި ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި ކޮލިފައިވެގެން ދާނީ ސްލޮވާކިއާއެވެ.

ލަގްޒެމްބާގްއަށް ސީދާ ކޮލިފިކޭޝަންގެ ފުރުސަތު އޮތީ ސްލޮވާކިއާ ބާކީ އޮތް ދެމެޗުން ބަލިވެ އަދި ލަގްޒެމްބާގް ކުޅޭ ދެމެޗުން މޮޅުވެގެންނެވެ.