ދެހާސް އަށާވީސް ވަނަ އަހަރު އެމެރިކާގެ ލޮސް އެންޖަލިސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ކުޅިވަރު މުބާރާތުގައި ކްރިކެޓް ހިމަނަށް ބައިނަލްއަޤްވާމީ އޮލިމްޕިކް ކޮމިޓީގެ މެންބަރުން ވޯޓް ދީފިއެވެ.

މިއީ 1900 ވަނަ އަހަރަށް ފަހު އޮލިމްޕިކް ކުޅިވަރު މުބާރާތެއްގައި ކްރިކެޓް ހިމަނަން ނިންމި ފުރަތަމަ ފަހަރެވެ. ކްރިކެޓްގެ އިތުރުން ފްލޭގް ފުޓްބޯޅަ، ސްކުއަޝް، ލެކްރޯސް އެންޑް ބޭސްބޯލް ނުވަތަ ސޮފްޓްބޯލް ވެސް ލޮސް އެންގަލިސްގައި ބާއްވާ މުބާރާތުގައި ހިމަނަން ވަނީ ނިންމާފައެވެ.

އިންޑިއާގެ މުންބާއީގައި ބޭއްވި އައި.އޯ.ސީގެ ބައްދަލުވުމުގައި މި ކުޅިވަރުތައް ނުބޭއްވުމަށް ވޯޓް ދީފައިވަނީ އެންމެ ދެ ފަރާތަކުންނެވެ.

މި ވޯޓާއެކު ލޮސް އެންޖަލިސްގެ މުބާރާތުގައި އަންހެން އަދި ފިރިހެން ދެބައިން ވެސް ޓީ20 ކްރިކެޓް ފެނިގެންދާނެކަމަށް ވަނީ ބެލެވިފައެވެ.

ކްރިކެޓް ބާއްވަން ނިންމި ކަމުގައިވިޔަސް މުބާރާތުގައި ކްރިކެޓް ހިމަނާނާނީ ކިތަށް ޓީމްގެ އިވެންޓެއްގެ ގޮތުގައިކަމެއް އަދި ނިންމާފައެއް ނުވެއެވެ. އަދި ވާހަކަ ދެކެވިފައިވަނީ ހަ ޓީމްގެ އިވެންޓެއް ބާއްވަން ކަމަށް ވިޔަސް މިކަމާމެދު އަދި ރަސްމީކޮށް ގޮތެއް ނިންމާފައެއް ނުވެއެވެ. އަދި މި މުބާރާތަށް ޓީމްތައް ކޮލިފައިވާނެ ގޮތަކާމެދުވެސް އަދި ގޮތެއް ނުނިންމެއެވެ.

އައި.އޯ.ސީގެ ރައީސް ތޯމަސް ބާޗް ހާމަކުރިގޮތުގައި ލޮސް އެންޖަލިސްގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތުގައި ހިމަނާނެ ކުޅިވަރުތައް ނެގިފައިވާގޮތުން އެ މުބާރާތް ހާއްސަ ވެގެންދާނެ ކަމަށެވެ.

ބާޗް ހާމަކުރިގޮތުގައި މި މުބާރާތުގައި އާ ފަސް ކުޅިވަރެއް އެ މުބާރާތުގައި ހިމަނަން ނިންމުމާއެކު އެ މުބާރާތުގައި ފުރަތަމަ ފަހަރަށް އެމެރިކާގައި ކުޅޭ ފާހަގަ ކޮށްލެވޭ ބައެއް ކުޅިވަރުތައް ދުނިޔެއަށް ފެނިގެންދާނެއިރު ބައިނަލްއަޤްވާމީ ކުޅިވަރުތަކެއް އެމެރިކާއަށްވެސް ފެނިގެންދާނެއެވެ.

ދެހާސް އަށާވީސް ވަނަ އަހަރުގެ އޮލިމްޕިކް އަދި ޕެރަލިމްޕިކް ގޭމްސްގެ ސްޕޯޓްސް ޑިރެކްޓާ ނިކޮލޯ ކަމްޕްރިއާނީ ހާމަކުރިގޮތުގައި ދުނިޔޭގައި ދެވަނައަށް އެންމެ މަގްބޫލް ކުޅިވަރު އަލުން މިމުބާރާތަށް ތައާރަފް ކުރެވޭތީ އޮލިމްޕިކް ކޮމިޓީއިން އުފާކުރާ ކަމަށެވެ.