17 Oct 2023, 12:37
އިންޑިއާގައި މިހާރު ކުރިއަށްދާ އައި.ސީ.ސީ. ކްރިކެޓް ވޯލްޑް ކަޕްގައި އޮސްޓްރޭލިއާއިން ސްރީލަންކާ ބަލިކޮށް މިފަހަރުގެ މުބާރާތުގައި ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވެއްޖެއެވެ.
ލަކްނޯގައި ކުޅުނު މި މެޗް އޮސްޓްރޭލިއާއިން ކާމިޔާބުކޮށްފައިވަނީ ފަސް ވިކެޓުންނެވެ. މި މެޗްގެ ޓޮސް ދިމާވުމުން ސްރީލަންކާއިން ބޭނުންވީ އެންމެ ފުރަތަމަ ބެޓް ކުރާށެވެ. މިގޮތުން އެ ޓީމުން ކުޅެން އަރާ 43 އޯވަރު 3 ބޯޅައަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 209 ލަނޑެވެ. މި މެޗްގައި ސްރީލަންކާއިން އެއްވެސް ކުޅުންތެރިޔަކު ނުބައި ނުވެ 125 ލަނޑު ހެދުމާއެކު އޮސްޓްރޭލިއާ ހާސް ކަމުގެ ތެރެއަށް ކޮންމެވެސް ވަރަކަށް ވެއްޓުނު ނަމަވެސް ސްރީލަންކާއަށް މި މެޗްގައި މައްސަލަ ދިމާވެގެންދިޔައީ އޯޕަނިން ދެ ބެޓްސްމަނުން ނުބައިވުމާއެކުއެވެ.
މި ގޮތުން ދެން ފެނިގެންދިޔައީ އެ ޓީމްގެ 10 ވިކެޓް 84 ލަނޑަށް ނުބައިވެގެންދިޔަ ތަނެވެ. މި މެޗްގައި ސްރީލަންކާ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 78 ލަނޑު ހަދައިދިން ކުސާލް ޕެރޭރާއެވެ. އަދި ޕަތުމް ނިސާންކަ ވަނީ 61 ލަނޑު ހަދާދީފައެވެ. މިއީނިންގްސްގައި އޮސްޓްރޭލިއާ ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ 8 އޯވަރު 47 ލަނޑަށް 4 ވިކެޓް ނަގާދިން އެޑަމް ޒަމްޕާއެވެ.
ޖަވާބުގައި އޮސްޓްރޭލިއާއިން ކުޅެން އަރާ 35 އޯވަރު 2 ބޯޅަށް 5 ކުޅުންތެރިން ނުބައިވެގެން 215 ލަނޑު ހަދާ މެޗް ކާމިޔާބު ކުރިއެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 58 ލަނޑު ހަދާދިން ޖޮސް އިންގްލިސްއެވެ. އަދި މިޝޭލް މާޝް 52 ލަނޑު ހަދާދިން އިރު މާނުސް ލަބުޝަގްނަވަނީ 40 ލަނޑު ހަދާދީފައެވެ.
ސްއީލަންކާ ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ 9 އޯވަރު 38 ލަނޑަށް 3 ވިކެޓް ނަގާދިން ދިލްޝާން މަދުޝާންކައެވެ.
މި ކާމިޔާބީއާއެކު އޮސްޓްރޭލިއާއިން މި ވަނީ މި ފަހަރުގެ މުބާރާތުގައި ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވެފައެވެ. އެ ޓީމް އެންމެ ފުރަތަމަ ކުޅުނު ދެ މެޗުން ވަނީ އިންޑިއާ އާއި ދެކުނު އެފްރިކާ އަތުން ބަލިވެފައެވެ. އެހެންކަމުން މި ވަގުތު އުޅެނީ ދެ ޕޮއިންޓާއެކު ތާވަލްގެ އަށް ވަނައިގައެވެ. އަދި ސްރީލަންކާ އުޅެނީ ކުޅުނު ތިން މެޗުންވެސް ބަލިވެ އެންމެ ޕޮއިންޓެއްވެސް ނުލިބި ތާވަލްގެ ނުވަ ވަނައިގައެވެ. އަދި މި އަންނަ ހޮނިހިރު ދުވަހު ނެދަލަންދްސް އާއި ދެކޮޅަށް ސްރީލަންކާ ކުޅޭ މެޗުން ބަލިވެއްޖެނަމަ ސްރީލަންކާ މި ފަހަރުގެ ވޯލްޑް ކަޕްގައި އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު އެއްކޮށް ގެއްލިގެންދާނެއެވެ.