17 Oct 2023, 13:07
ޣައްޒާގެ ދެކުނަށް އިސްރާއީލުން ދެމުން ގެންދާ ހަމަލާތައް ވަގުތީ ގޮތުން މެދުކަނޑާލުމަށްފަހު ރަފާ ބޯޑަރު ހުޅުވަން ފުރުސަތު ދޭން އިސްރާއީލުން ނިންމާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގައި ޣައްޒާގެ ގިނަ އަދަދެއްގެ ބަޔަކު ރަފާ ބޯޑަރު ކައިރިއަށް އެއްވެއްޖެއެވެ.
ނަމަވެސް ބޯޑަރު ހުޅުވާލުމާމެދު ކުރެވޭ މަޝްވަރާތަކަށް އެއްވެސް ކުރިއެރުމެއް ނާންނަ ކަމަށް އދ އާއި ހަވާލާދީ ބީބީސީން ވަނީ ރިޕޯޓުކޮށްފައެވެ.
ޣައްޒާގެ ރަފާ ބޯޑަރަކީ ޣައްޒާ އާއި މިސްރު ގުޅޭ ބޯޑަރެވެ. މިސްރުން ބުނާ ގޮތުން ބޯޑަރު ހުޅުވާލުމާއިމެދު ކުރެވޭ މަޝްވަރާތަކަށް އިސްރާއީލުން އެއްބާރުލުމެއް ނުދެއެވެ.

އިންސާނީ އެހީ ޢައްޒާގެ އާންމުންނަށް ފޯރުކޮށްދިނުމަށް ބޯޑަރު އަލުން ހުޅުވާލުމަށް ބާރުއަޅުއްވައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކަން މިހާރުވެސް މަސައްކަތްކުރައްވަމުން އަންނަ ކަމަށް ބީބީސީން ރިޕޯޓުކުރެއެވެ.
މި މަހުގެ ހަތް ވަނަ ދުވަހު ޔަހޫދީން އިސްރާއީލްގެ އަސްކަރިއްޔާ އިން ޣައްޒާއަށް އަމާޒުކޮށް ދޭން ފެށި ހަމަލާތަކާއި ގުޅިގެން އިސްރާއީލުން ވަނީ މުޅި ޣައްޒާއިން ކަރަންޓު ކަނޑާލައި، ފެނާއި ކާބޯތަކެތި އެހީގެ ގޮތުގައި ޣައްޒަށް އެތެރެކުރުން ވެސް މަނާކޮށްފައެވެ.
ރަފާ ބޯޑަރު ކައިރިއަށް އާންމުން އެއްވެފައި ވަނިކޮށް އިސްރާއީލުން އެ ސަރަހައްދަށް ވައިގެ ހަމަލާއެއް ދީފައިވާ ކަމަށްވެސް ބީބީސީން ވަނީ ރިޕޯޓުކޮށްފައެވެ. ހަމަލާތައް ފެށިފަހުން އިސްރާއީލުން ވަނީ ބޯޑަރު ކައިރިއަށް ތިން ފަހަރު ހަމަލާދީފައެވެ.
ބޯޑަރު ސަރަހައްދުގައި އެހީގެ ތަކެތި ހިފައިގެން ބޮޑު ގާފިލާއެއް މިހާރުވެސް އެބައޮތެވެ. ޣައްޒާއަށް ބޭނުންވާ ތެލާއި، ފެނާއި، ބޭހާއި އަސާސީ ގިނަ އަދަދެއްގެ ސާމާނު އެހީގެ ގާފިލާގައި އެބަހުއްޓެވެ. ނަމަވެސް މިހާތަނަށް އިސްރާއީލުން ބުނަމުން ދިޔައީ ރަފާ ބޯޑަރު ހުރަސްކޮށް އެހީގެ ތަކެތި ހިފައިގެން ޣައްޒާއަށް ވަންނަ ވެހިކަލްތަކަށް ވެސް ހަމަލާ ދޭނެ ކަމަށެވެ. އަދި އެހީގެ ސާމާނު ޣައްޒާއަށް އެތެރެކުރަން ހުއްދަ ދޭނީ ހަމާސް އިން ރަހީނުކޮށްފައިވާ އިސްރާއީލް ސިފައިން މިނިވަން ކުރުމުން ކަމަށެވެ. އިސްރާއީލްގެ އަސްކަރިއްޔާގެ 199 މީހުން ހަމާސް އިން ރަހީނުކޮށްފައިވާ ކަމަށް އިސްރާއީލުން އަންނަނީ ބުނަމުންނެވެ.