17 Oct 2023, 10:32
މީހާ އުމުރުން ދުވަސް ވާ ވަރަކަށް އާންމުކޮށް އެކީގައި އުޅޭ އެކުވެރިންނާއި ގާތް މީހުންނާ ބައްދަލުކޮށް ދިމާކުރެވޭ ވަރު މަދުވެއެވެ. އެއާއެކު ގިނަ ފަހަރަށް މީހުން ފެންނާނީ މަގުމަތީން މަދު ފަހަރަކުއެވެ. ނަމަވެސް ކޮންމެ އުމުރަކަށް ދިޔަ ނަމަވެސް ދަންނަ މީހުންގެ ފަރާތުން އިވޭ އެއް އަޑެއް އޮވެއެވެ. އެއީ "އޭ ހިނގާ ކޮފީއެއް ދޭން،" އެވެ.
ކޮފީއެއް ދޭން ބުނާ ވާހަކައަކީ ކޮންމެ ދިވެއްސަކު ވެސް ކޮންމެވެސް އިރެއްގައި އަޑުއަހަން ޖެހޭ އެއްޗެކެވެ. މަގުމަތިން ދިމާވެއްޖެ ނަމަ ވަރަށް ގިނަ ފަހަރަށް ވާހަކަ ނިންމާލާނީ ކޮފީއެއް ހޯދުމާ ގުޅޭގޮތުންނެވެ.
"އެ ހެޔޮ މީން ދުވަހަކު ވާހަކަ ދައްކާފައި ނުވާ މީހުންނަށް ވި ނަމަވެސް. ހަމަ ވާހަކަ ދައްކާލާފައި ބުނެދާނެ ހިނގާށޭ،" އުމުރުން 28 އަހަރުގެ އިބްރާހީމް ޝިޔާޒް ބުންޏެވެ.
ގިނަ ފަހަރަށް ކޮފީއަކަށް ނުވަތަ ކެއުމަކަށް އެދޭނީ އާންމުކޮށް ވާހަކަ ވެސް ނުދައްކާ މީހުން ކަމުގައި އޭނާ ފާހަގަކުރިއެވެ.
އެކީގައި ކިޔަވަން އުޅެ އަހަރު ތަކެއް ފަހުން ދިމާވާ ގިނަ ބަޔަކު އެންމެ ފުރަތަމަ ބުނެލާނީ "ކޮބާ ހާދަ ނުފެނޭ، ކޮފީއެއް ނެތް ތަ؟ ކޮފީއަކަށް އަރަން ވީނު؟" ފަދަ އެއްޗެއްސެވެ. މި އޮންނަނީ ގިނަ ފަހަރަށް ވާހަކަ ފެށުމަށް ބޭނުންކުރާ ޖުމްލައަށް ވެސް ވެފައެވެ.
މިފަދަ ހާލަތްތަކުގައި އެކި މީހުން ކަންތައް ކުރަނީ އެކި ގޮތްގޮތަށެވެ. އެއްބައި މީހުން ހަދާނެ ގޮތަކީ އެކަމަށް އެއްބަސް ވާނީ އެވެ. އަދި ފަހުން ވަގުތެއްގައި ދިމާވާން ބުނެ ނަމްބަރު ވެސް ނަގާނެއެވެ. ނަމަވެސް ދިމައެއް ނުވާނެއެވެ.
މިއީ ކުރުން ގޯސް ކަމެއް ނޫނެވެ. ކޮންމެހެން އެނގޭ މީހެއް ނަމަވެސް ހަމަ ބުނެލާއިރަށް ކޮންމެހެން ގޮސް ކޮފީ އަދި ކެއުން ދޭކަށް ނުޖެހޭނެއެވެ. އަދި އާންމުކޮށް މިއީ ކުޑަ ހިނދުކޮޅަކަށް އެނގި އެއްވެސް ގުޅުމެއް އޭގެ ފަހުން ބާއްވާފައިވާ މީހުންނަށް ނުވާ ނަމަ އަމުދުން ދެން އެކަމެއް ކުރާކަށް ނުޖެހޭނެއެވެ.
ބައެއް ހާލަތްތަކުގައި އެއްބައި މީހުންނަށް ކޮފީއެއް ނުވަތަ ސައެއް ދީގެން ނޫނީ ހުއްޓައި ވެސް ނުލާނެއެވެ. އެހެންވީމާ އެއްބައި ފަހަރަށް މަޖުބޫރުވެގެން ކޮފީއަށް ގެންދަން ޖެހެއެވެ.
މިގޮތަށް ބައްދަލުވެގެން ކޮފީއަށް ގެންދާއިރު އާންމުކޮށް ދައްކައި އުޅެނީ ކޮން ކަހަލަ ވާހަކަތަކެއް ހެއްޔެވެ؟
"އަހަރެން ހަނދާންވެ އެއް އިރެއްގައި ހައި ސްކޫލުގައި އުޅުނު މީހެއް ކްލާހުގައި. ކްލާހުގައި ވެސް ވާހަކަ ދައްކާ މީހެއް ނޫން އަހަރެންނާ. އެކަމަކު ދިމާވެގެން ކޮފީއަކަށް ކީ. އެހެންވެ ދިޔައީ،" އުމުރުން 26 އަހަރުގެ އީޖާޒް ކިޔައިދިނެވެ.
އޭނާ ކިޔައިދިން ގޮތުގައި އެމީހާ އާ ބައްދަލު ކުރީ ކުޑަކޮށް "ކެޗަޕް" ކޮށްލަން ވެސް ބޭނުންވެގެންނެވެ.
"ދެން ކޮފީއަށް އަރާފަ މި މީހާ އެއްވެސް ވާހަކައެއް ދެއްކީއެއް ނޫން. މުޅި ވަގުތު ފޯނުގަ އިނީ. އިރުކޮޅަކު ވެސް ވާހަކައެއް ނުދައްކާ،" އޭނާ ކިޔައިދިނެވެ.
މިއީ ހަމަ ގިނަ ބަޔަކަށް ދިމާވާ ކަންތައްތަކެވެ. މި ފަދަ ހާލަތްތަކުގައި އާންމުކޮށް ކަންތައް ކުރަނީ ކިހިނެއް ހެއްޔެވެ؟