17 Oct 2023, 10:28
މަޝްހޫރު ފްރެންޗައިޒް ސްޓާ ވޯސް ގެއްލިފައިވާ މޮޑެލް ސްޕޭސް ކްރާފްޓެއް ކަމަށްވާ "އެކްސް ވިންގް" 3.1 މިލިއަން ޑޮލަރަށް ވިކިއްޖެ އެވެ.
ސްޓާ ވޯސްގެ އޮރިޖިނަލް ފިލްމުތަކުގައި ޕްރޮޕެއްގެ ގޮތުގައި ގެންގުޅުނު އެންމެ ފާހަގަކޮށްލެވޭ އެކައްޗަކީ އެކްސް ވިންގް ސްޕޭސް ކްރާފްޓް މޮޑެލްއެވެ. ނަމަވެސް މި މޮޑެލް ވަނީ 1977 ވަނަ އަހަރުގެ ތެރޭގައި ގެއްލިފައެވެ. އެއަށްފަހު އެ ފެނި ނީލަމަށް ލައިގެން ވަނީ ވިއްކާލަފައެވެ.
މި އައިޓަމް އާއެކު ވަނީ ސްޓާ ވޯސް އަށް ބޮޑު ރެކޯޑެއް ގާއިމު ކުރެވިފައެވެ. އެއީ މިހާތަނަށް ވިކުނު އެންމެ އަގުބޮޑު ސްޓާ ވޯސް ޕްރޮޮޕަކަށް އެކްސް ވިންގް ވަނީ ވެފައެވެ.
މި މޮޑެލް ސްޕޭސް ކްރާފްޓް އަކީ ސްޓާ ވޯސް ފިލްމުތަކުގައި ބޭނުންކޮށްފައިވާ އެއްޗަކަަށް ވާއިރު މި މޮޑެލް އަކީ 20 އިންޗީގެ މޮޑެލް އެކެވެ. މި ޕްރޮޕް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ސްޓާ ވޯސްގެ އެޕިސޯޑް ހަތަރެއްގައެވެ.
މި ޕްރޮޕް އެންމެ ފަހުން ފެނިފައިވަނީ މޮޑެލް ތައްޔާރު ކުރާ ގްރެގް ޖެއިންގެ ގޭގެ ގަރާޖު ތެރެއިންނެވެ. މޮޑެލްތައް ތައްޔާރު ކުރުމަށް އޮސްކާ ވެސް ހޯދާފައިވާ ގްރެގް މިދިޔަ އަހަރު މަރުވި އިރު ޕްރޮޕް ފެނިފައިވަނީ އޭނާ މަރުވި ފަހުން މިދިޔަ އަހަރުގެ ތެރޭގައެވެ. މި ޕްރޮޕް އޮތީ ކަރުދާސް ފޮށިގަނޑެއްގެ ތެރޭގައެވެ.
ހެރިޓޭޖް އޮކްޝަނުން ކުރިއަށް ގެންދިޔަ ނީލަން އިވެންޓުގައި މި ވިއްކާލިއިރު އިވެންޓު އިންތިޒާމް ކުރި ފަރާތުން އަންގަނީ މި ޕްރޮޕް އުފެއްދިފަހުން އެއްވެސް ކަހަލަ ބަދަލެއް މިއަށް ގެނެސްފައި ނުވާ ކަމަށެވެ. އެއާއެކު ޕްރޮޕެއް ވި ނަމަވެސް މީގެ އަގު އެތައް ގުނަ އަކަށް ބޮޑުވީ ކަމަށް ފާހަގަކޮށްފައިވެއެވެ. މި ޕްރޮޕްގެ އިތުރު ރަސްމީ އެއްވެސް ނަކަލެއް ވެސް ނޫޅޭ ކަމަށް ވަނީ އެފަރާތުން ހާމަކޮށްފައެވެ.