ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އުރުވަޝީ ރައުޓޭލާގެ 24 ކެރެޓް ރަން އައިފޯނު ގެއްލިއްޖެ ކަމަށް އޭނާ ހާމަކޮށްފިއެވެ.

އުރުވަޝީ ދާދިފަހުން ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ގޮތުގައި އޭނާގެ އައިފޯނަކީ ހަގީގީ ރަނުން ޕްލޭޓު ތައްޔާރުކޮށް ހަދާފައިވާ ކަސްޓަމް ފޯނެއް ކަމަށެވެ. ނަމަވެސް އެ ފޯނު ގެއްލިއްޖެ ކަމަށާއި މީހަކު އެ ވަގަށް ނެގީ ކަމަށް އުރުވަޝީ އިޝާރާތް ކުރިއެވެ.

އިންޑިއާ އާއި ޕާކިސްތާނު ވާދަކުރި ކްރިކެޓު މެޗަކަށް އުރުވަޝީ ވަނީ ދާދިފަހުން އަހުމަދުއާބާދަށް ގޮހެވެ. މެޗު ބެލުމަށްޓަކައި އުރުވަޝީ ނަރެންދުރަ މޯދީ ސްޓޭޑިއަމްގައި ހުއްޓައި އޭނާގެ ފޯނު ގެއްލުނު ކަމަށް އުރުވަޝީ ހާމަކުރިއެވެ.

ދަނޑު ތެރެއިން ފޯނަށް ވީ ގޮތެއް ނޭނގޭ ކަމަށާއި މީހަކު އެ ވަގަށް ނެގީ ކަމަށް ލަފާ ކުރެވޭ ކަމަށް އުރުވަޝީ ބުންޏެވެ. އެކަމާ ގުޅިގެން އޭނާ ވަނީ އެ މައްސަލަ ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ. އަދި އެ ހޯދައިދިނުމަށް އާންމުންގެ ގާތުގައި ވަނީ އެދިފައެވެ. އެ ހޯދާ ފަރާތަކަށް ހާއްސަ އިނާމެއް އޮންނާނެ ކަމަށްވެސް އުރުވަޝީ ހާމަކުރިއެވެ.

އެ ފޯނު ހިފައިގެން ބަޔަކު އުޅޭކަން އުރުވަޝީ ފާހަގަކޮށް އޭގެ ބައެއް ކުރީގެ ލޮކޭޝަން ހިއްސާކުރިއެވެ. މި މައްސަލަ ފުލުހުންނަށް ވެސް ވަނީ އޭނާ ފަހުން ހުށަހަޅާފައެވެ. ނަމަވެސް ފުލުހުންގެ ފަރާތުން އެކަމަށް އަދި އިތުރު މައުލޫމާތެއް ލިބިފައި ނުވާ ކަމަށް އޭނާ ފާހަގަކުރިއެވެ.

ފޯނު ހޯދުމަށް އެދި އުރުވަޝީ ސޯޝަލް މީޑިއާގައި އަންނަނީ ކެނޑި ނޭޅި އެދެމުންނެވެ.

އައިފޯނުގެ ފަހުގެ ފޯނުތަކަކީ އޭގެ ޒާތުގައި ވެސް އަގުބޮޑު އެއްޗަކަށް ވާއިރު އިންޑިއާގެ ޓެރިފްތަކާއި އެ ނޫންވެސް ބައެއް ގަވާއިދުތައް ހުންނަ ގޮތުން އައިފޯނުގެ އަގުތައް އިތުރަށް ބޮޑުވެއެވެ. އަދި ކަސްޓަމް 24 ކެރެޓު ރަނުން ހަދާފައި އޮތް ފޯނެއް ނަމަ އެއީ އާންމު މީހަކަށް އަތް ފޯރާ ފަށުން ގަނެވޭނެ އެއްޗެއް ނޫން ކަން ޔަގީނެެވެ.