17 Oct 2023, 10:16
އެންމެ ފިލްމަކުން ފިލްމީ ކެރިއަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް އުއްމީދު ކުރި ކަމަށް ޒުވާން އެކްޓަރު އާޔުޝް ޝަރުމާ ބުނެފިއެވެ.
ފިލްމު "ލަވްޔަތުރީ" އިން 2018 ވަނަ އަހަރު ފިލްމީ ދާއިރާ އަށް ތަޢާރަފްވި އާޔުޝް އަކީ އެކްޓަރު ސަލްމާން ޚާންގެ ހިޔަނީގައި ފިލްމީ ދާއިރާއަށް ނުކުތް އެކްޓަރެކެވެ. ފިލްމު "ލަވްޔަތުރީ" އަކީ ވެސް ސަލްމާން ޚާންގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނީގެ އުފެއްދުމެކެވެ.
ސަލްމާން ޚާންގެ ކޮއްކޮ އަރުޕިތާ ޚާންއާ ކައިވެނި ކުރުމަށް ފަހު އަޔުޝްގެ އެންމެ ބޮޑު އަމާޒަކަށްވީ އެކްޓިންގްއަށް ހުރި ޝައުގުވެރި ކަމާއެކު އެ ހުނަރު އިތުރަށް ފުޅާކޮށް ފިލްމީ ދާއިރާއިން ކުރިޔަށް ދިއުމަށެވެ. ހިންދީ ސިނަމާގެ އެންމެ ނުފޫޒު ގަދަ ފިލްމީ އާއިލާ އަކާ ގުޅުމުން ފިލްމީ ދާއިރާއަށް ނުކުތުން އާޔުޝްއަށް ފަސޭހަވި ނަމަވެސް އާއްމުންގެ ގިނަ ބައެއްގެ ފާޑުކިޔުންތައް އާޔުޝްއަށް އަމާޒުވިއެވެ.
އެގޮތުން ފިލްމީ ދާއިރާއިން ފުރުސަތު ހޯދުމަކީ އެހެން ތަރިންނަށް ދަތި އުނދަގޫ ކަމަކަށް ވިޔަސް މާ ބުރަ މަސައްކަތަކާ ނުލާ އާޔުޝްއަށް ފުރުސަތު ލިބޭ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
މިފަދަ ފަރާތް ތަކަށް ރައްދު ދެމުން އަޔުޝް ބުނީ، ފިލްމީ އާއިލާ އަކަށް ވަދެވިފައި ވާކަން ބަދަލު ނުކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް އާޔުޝް ފިލްމީ ދާއިރާއާ ދޭތެރޭ ދެކުނީ މުޅީން ތަފާތު ނަޒަރަކުން ކަމަށާއި ކާމިޔާބު ކެރިއަރެއް ބިނާކުރުމަށް ހީކުރި ވަރަށް ވުރެ މާ ބުރަ މަސައްކަތް ކުރަންޖެހޭ ކަން މިހާރު ގަބޫލު ކުރާ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
ފުރަތަމަ ފިލްމުން ފަސޭހައިން ފުރުސަތު ލިބުނަސް ދެން ކުރަން ޖެހޭ މަސައްކަތުގެ ބުރަދަން ވަރަށް ބޮޑު ކަމަށް އާޔުޝް ވަނީ ބުނެފައެވެ. އާޔުޝް މިހާތަނަށް ކެރިއަރުގައި ކުޅެފައި ވަނީ އެންމެ ދެ ފިލްމެވެ. އަދި މި ދެ ފިލްމަކީ ވެސް ސަލްމާން ޚާންގެ ފިލްމު ކުންފުނިން އުފެއްދި ދެ ފިލްމެވެ.
އަޔުޝް މިހާރު މަސައްކަތް ކުރަމުން އަންނަނީ "ކުވާތާ" ނަމަކަށް ކިޔާ ލޯބީގެ އެކްޝަން ތުރިލާ އެއްގައެވެ. ބަތަލާ ކެޓްރީނާ ކައިފްގެ ކޮއްކޮ އިޒަބެލް ކައިފް އާއެކު އަޔުޝް ފެންނާނެ މި ފިލްމުގެ މަސައްކަތް އޮތީ ޕޯސްޓު ޕްރޮޑަކްޝަން މަރުހަލާގައެވެ.