ބޮލީވުޑްގެ މަގުބޫލު ބަތަލާ އާލިއާ ބަޓް ދަރިފުޅު ރަހާއަށް ކޮންމެ ދުވަހަކު ވެސް ހާއްސަ އީމެއިލް އެއް ލިޔާ ކަމަށް އެކްޓަރު ރަންބީރު ކަޕޫރު ބުނެފިއެވެ.

މި އަހަރުގެ ޑިސެމްބަރު މަހު ރިލީޒް ކުރާ ފިލްމު "އެނިމަލް" އާ ބެހޭގޮތުން މީޑިއާ އަށް މައުލޫމާތު ދެމުން ރަންބީރު ބުނީ، އާލިއާ އެކޭ އެއްގޮތަށް ރަންބީރު ވެސް ދަރިފުޅު ރަހާއަށް ހާއްސަ ސިޓީ ތަކެއް ލިޔަން ގަސްތުކުރާ ކަމަށެވެ. އަދި އެކަން ކުރިޔަށް އޮތް ތަނުގައި އެގޮތުގައި ދަމަހައްޓަން ބޭނުންވާ ކަމަށް ވެސް ރަންބީރު ވަނީ ބުނެފައެވެ.

ދަރިފުޅު ރަހާއަށް ހާއްސަ ކޮށްގެން އާލިއާ ލިޔަން ފެށުމުން އެކަން ވަރަށް ކަމުދިޔަ ކަމަށާއި އަންހެނުންގެ އެ އަމަލު ފެނި ރަންބީރުގެ ޅަ ދުވަސް މަތީން ވަރަށް ހަނދާންވާ ކަމަށް ވަނީ ބުނެފައެވެ.

އެކަކު އަނެކަކަށް ފޮނުވާ އެފަދަ ލިޔުން ތަކަކީ އެތައް ޒަމާނެއް ވަންދެން ފޮރުވިފައި ހުންނާނެ ހިތްގައިމު އެހާމެ ހާއްސަ ލިޔުންތަކަކަށް ވާނެ ކަމަށް ދެކޭ ކަމުގައި ރަންބީރު ވަނީ މި އިންޓަވިއުގައި ބުނެފައެވެ. އެގޮތުން ރަންބީރުގެ ކާފަ އާއި މާމަ އަދި މަންމަ ނީތޫ އާއި ބައްޕަ ރިޝީގެ ޒުވާން ދުވަސްވަރު އެކަކު އަނެކަކަށް ފޮނުވި ލޯބީގެ ސިޓީތައް މިހާރުވެސް ކިޔާ ކަމަށާއި ސިޓީ ތައް ކިޔާލުމުން ބަޔާން ނުކުރެވޭ ކަހަލަ އިހުސާސް އަކާ އުފާވެރިކަމެއް ހިތަށް ލިބޭ ކަމަށް "އޭ ދިލް ހެ މުޝްކިލް" ގެ އެކްޓަރު ވަނީ ބުނެފައެވެ.

ބަތަލާ އާލިއާ އާއި ރަންބީރުގެ ކައިވެނީ ކުރެވުނީ ގިނަ އަހަރު ތަކެއް ވަންދެން ރައްޓެހި ވެގެން އުޅުމަށް ފަހު 2022 ވަނަ އަހަރުގެ އޭޕްރިލް މަހުއެވެ. ދަރިފުޅު ރަހާ އަށް އާލިއާ ބަލިވެއިން ކަން އިއުލާނު ކުރީ ކައިވެންޏަށް ހަ މަސް ފަހުންނެވެ. ދަރިފުޅު ރަހާ އުފަން ވުމާއެކު އާލިއާ އާއި ރަންބީރު ވަނީ ދަރިފުޅުގެ ފޮޓޯތައް ސޯޝަލް މީޑިއާ އަދި އިންޓަނެޓުގައި ދައުރު ނުކުރުމަށް މީޑިއާ ރިޕޯޓަރުން ގާތު އެދިފައެވެ.

ދެމަފިރިންގެ މި އެދުމަށް އިހުތިރާމް ކުރުމުގެ ގޮތުން މިއަދާ ހަމައަށް ވެސް އާލިއާ އާއި ރަންބީރުގެ ދަރިފުޅުގެ ފޮޓޯ އެއްވެސް ޕްލެޓް ފޯމެއްގައި އެއްވެސް ފަރާތަކުން ހިއްސާ ކޮށްފައެއް ނުވެއެވެ.