މިދިޔަ ސެޕްޓެމްބަރު މަހު ކައިވެނި ކުރި ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްރާ ރާއްޖެ އަތުވެއްޖެއެވެ.

އިންޑިއާގެ ޒުވާން ސިޔާސީ ލީޑަރު ރާގަވް ޗައްދާ އާ ކައިވެނި ކުރުމަށް ފަހު މިއީ ބަތަލާ އަމިއްލަ ޤައުމުން ބޭރަށް ކުރި ފުރަތަމަ ދަތުރެވެ.

އެހެންވެ ގިނަ ބަޔަކު އުއްމީދު ކުރީ ޕަރިނީތީ ރާއްޖެ އައިސްފައި ވަނީ ފިރިމީހާ ރާގަވް އާއެކު ހަނީމޫން އަށް ކަމަށެވެ.

ބައެއް މީޑިއާ ރިޕޯޓު ތަކުން އެގޮތަށް ޚަބަރު ފަތުރަން ފެށުމުގެ ކުރިން ޕަރިނީތީ ވަނީ ރާއްޖޭގެ ހިތްގައިމު ދޮންވެލި މޫދުގެ ފޮޓޯއެއް ޕޯސްޓު ކުރުމަށްފަހު މި ދަތުރަކީ ހަނީމޫން ދަތުރު ނޫން ކަމަށް ބުނެފައެވެ.

ޕަރިނީތީ ރާއްޖެ އައިސް ފައިވަނީ ބަތަލާގެ އަންހެން އެކުވެރިން ތަކަކާ އެކުގައެވެ. ދާދި ފަހުން އިންޑިއާގެ މުމްބާއީ ގައި ކުރިޔަށްދިޔަ ލެކްމޭ ފެޝަން ވީކްގެ ރޭމްޕް އިން ފެނުނު ބަތަލާ ރާއްޖޭ ގައި ޗުއްޓީ ހޭދަ ކުރަމުން އަންނަ ރިސޯޓުގެ މައުލޫމާތު ބަތަލާ ހިއްސާ ކޮށް ފައެއް ނުވެއެވެ.

ޕަރިނީތީ އާއި ރާގަވްގެ ކައިވެނީގެ ހަފްލާ ތަކަށް އާއްމުންގެ ތައުރީފު އޮހެމުން އަންނަ އިރު ލެކްމީ ފެޝަން ވީކްގެ ސްޓޭޖް މަތިން ވެސް ބަތަލާ ފެނުނީ ކައިވެންޏަށް ހާއްސަ ކުރެވިފައިވާ ޑިޒައިނަރު ހެދުމެއް ގައެވެ.

ދިވެހި ރާއްޖެ އަކީ އިންޑިއާގެ ވަރަށް ގިނަ ފިލްމީ ތަރިން ޗުއްޓީ ހޭދަކުރުމަށް އިހުތިޔާރު ކުރާ މަންޒިލެކެވެ. ބަތަލާ ޕަރިނީތީ ވަނީ މީގެ ކުރިންވެސް އެކި ފަހަރު މަތިން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައެވެ.

މާސްޓާ ސްކޫބާ ޑައިވާއެއްގެ ލަގަބު ހާސިލު ކޮށްފައިވާ ބަތަލާ ވަނީ ސްކޫބާ ޑައިވިންގް ތަމްރީނުތައް ފުރިހަމަ ކުރުމަށްވެސް އެކި ފަހަރު މަތިން ރާއްޖެ އައިސްފައެވެ.