ކުރިޔަށް އޮތް ނޮވެމްބަރު މަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމު "ޓައިގާ3"ގެ ޓްރެއިލާ އާއްމުންނަށް ދައްކާލައިފިއެވެ.

ބެލުންތެރިންގެ ގިނަ ބަޔަކު އިންތިޒާރު ކުރާ މި ފިލްމުގެ ޓްރެއިލާ އާއްމުންނަށް ދައްކާލިއިރު ފިލްމުގައި ގެނެސްދޭ ހާދިސާތައް އާއްމުން ހީކުރި ގޮތާ މާ ބޮޑަށް ވެސް ތަފާތެވެ.

މީގެ ކުރިން ރިލީޒް ކޮށްފައިވާ "ޓައިގާ" ގެ ދެ ފިލްމުގައި ވެސް ސަލްމާން ޚާން ފެންނަނީ އަމިއްލަ ޤައުމުގެ ދިފާއުގައި ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވާން ތައްޔާރަށް ހުންނަ އެޖެންޓެކެވެ.

ނަމަވެސް "ޓައިގާ3" ގައި ސަލްމާން އާއި ކެޓްރީނާ މަސައްކަތް ކުރަން ޖެހެނީ އަމިއްލަ ޤައުމު ދުޝްމަނުންގެ އަތުން ސަލާމަތް ކުރުމާއެކު ދެ މީހުންގެ ދަރިފުޅުގެ ފުރާނަ ވެސް އެ މީހުންގެ އަތުން ސަލާމަތް ކުރުމަށެވެ.

އެކްޓަރު އިމްރާން ހާޝިމީ ގިނަ ދުވަސް ތަކަކަށްފަހު ބޮޑު ސްކްރީނުން ފެންނާނެ މި ފިލްމުގައި ސަލްމާން އާއި އިމްރާންގެ ވަރުގަދަ ކުރިމަތިލުން ތަކެއް ފެންނާނެއެވެ.

ޑައިރެކްޓަރު މަނީޝް ޝަރުމާގެ މި ފިލްމަކީ، ޔަޝް ރާޖް ކުންފުނީގެ ސްޕައި ޔުނިވާސްއިން މި އަހަރު ރިލީޒް ކުރާނެ އެންމެ ފަހު ފިލްމެވެ. އަދިތްޔަ ޗޯޕްރާ ޕްރޮޑިއުސް ކޮށްފައިވާ "ޓައިގާ3" އަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީ އެއް ހޯދާނެ ފިލްމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

މި ފްރެންޗައިސް ގެ ކުރީގެ ދެ ފިލްމަކީ ވެސް ބޮކްސް އޮފީހު ގައި ބޮޑު ކާމިޔާބީ އެއް ހޯދި ދެ ފިލްމަށް ވެފައި "ޓައިގާ3"އާ މެދު ކުރެވޭ އުއްމީދު ވެސް ބޮޑެވެ.

ކުރިޔަށް އޮތް ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ރިލީޒްކުރާ މި ފިލްމުން ސަލްމާން ޚާން އާއެކު ޝާހްރުކް ޚާން ވެސް "ޕަތާން"ގެ ކެރެކްޓާއިން ފެންނާނެއެވެ. ނަމަވެސް ޝާހްރުކް ޚާންގެ އެއްވެސް މަންޒަރެއް އިއްޔެ ރިލީޒް ކުރި ޓްރެއިލާ ގައި ހިމަނާފައެއް ނުވެއެވެ.