17 Oct 2023, 16:53
ޒަހަމުތަކަކާއިއެކު ލޫކްގެ ހަށިގަނޑު ފެނުނީ ވަލުގެ އެންމެ އެތެރޭގައިވާ ބޯކެޔޮފީންޏެއްގެ ތެރެއިންނެވެ. ފެނުނުއިރު، ކިރިޔާ ފުރާނަ ހުރިކަމެވެ. ވަގުތުން ލޫކްގެ ހަށިގަނޑު މާލެ ފޮނުވާލެވުނެވެ.
********
އިރު އޮއްސުނެވެ. ރަތްވިލާގެ އަސަރު ގެއްލި، ދުނިޔެ މައްޗަށް އަނދިރިކަން ވެރިވާކަށް ގިނައިރެއް ނުނެގިއެވެ. ހަނދުވަރުގެ އަލިކަމެއް ނެތެވެ. މާހައުލަށް ވެރިވެފައިވީ މަރުފަދަ ހިމޭންކަމެވެ. ފޯރިއާއިއެކު ކުރިއަށްދިޔަ ދަތުރުގެ ނިމުން އެފަދަ ގޮތަކަށް އަތުވެދާނެކަމަކަށް އެކަކުވެސް އުއްމީދެއް ނުކުރެއެވެ. އަންހެނުންނާއި ކުޑަކުދިން ޓެންޓްތަކުގެ ތެރެއިން ނުކުންނަންވެސް ނުކެރިފައި ތިއްބެވެ. ފުލުހުން ހުއްޓާނުލައި ނިޔަމް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ.
ރޮއެރޮއެ އަރުޝާގެ ދެލޯ ވަނީ ރަތްވެފައެވެ. ދާވިއަންގެ ކުރިމަތީގައި ހިތްވަރު ކުރަން އޭނާ މަސައްކަތްކުރިއެވެ. އެކި ވިސްނުންތަކުން އަރުޝާގެ ސިކުނޑި ހީވަނީ ފަޅައިގެންދާން އުޅޭހެންނެވެ. ދަތުރު އަންނަން އުޅުނުއިރު އަރުޝާގެ ހިތް ނުތަނަވަސްވީ އެފަދަކަމެއް ދިމާވާން އޮތީމައިކަމަށް އޭނާއަށް ގަބޫލުކުރެވުނެވެ. އަރުޝާއަށް ކުށްވެރިކުރެވެމުންދިޔައީ އޭނާގެ އަމިއްލަ ނަފުސެވެ.
"މަންމި ކައިރިއަށް ދާން ބޭނުން..." ޓެބްލެޓް ބާއްވާފައި ދާވިއަން ތެދުވިއެވެ. "މަންމި ކީއްވެ ލަސްވަނީ؟... މިހާރު އަނދިރިވީނު..."
"މަންމި ވަރަށް އަވަހަށް އަންނާނެ..." އަރުޝާ ވާހަކަދެއްކީ ހުއްޓަމުން ކަހަލަ ގޮތަކަށެވެ.
"އަރުއްތަ ރޮވެނީތަ؟..." އަރުޝާގެ ދެލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލިތަން ފެނުމުން ދާވިއަން އަހައިލީ މައުސޫމުގޮތަކަށެވެ. "ދާން އަރުއްތަ ބަސް އަހާނަން..."
އަރުޝާގެ ހިތް ފަޅައިގެން ދިޔައެވެ. ކުރަމުންދިޔަ ހިތްވަރު އެލުނެވެ. ބާރަށް ރޮއެގަންނަމުން ދާވިއަންގެ ގައިގައި ބައްދައިލިއެވެ. ދާވިއަން ހާސްވިއެވެ. އަރުޝާގެ ބުރަކަށީގައި ފިރުމައިލިއިރު، އެކުއްޖާގެ ދެލޯވެސް ފެންކަޅިވެއްޖެއެވެ. ނިޔަމްއަށް ދެރަގޮތެއްވެއްޖެނަމަ، ދާވިއަންއަށް ވާނެގޮތާއިމެދު ވިސްނޭ ވަރަކަށް އަރުޝާގެ ރުއިން އިތުރުވިއެވެ. ދާވިއަންދެކެ ނިޔަމް ލޯބިވާވަރު އަރުޝާއަށް އެނގެއެވެ. ދާވިއަންއަށްވެސް ނިޔަމްއާއި ނުލައި ނޫޅެވޭނެއެވެ.
"ބޮޑުކުދިން ބާރަށް ނުރޯނެ... މަންމިވެސް ނުރޯނެ..." ދާވިއަން މަސައްކަތްކުރީ އަރުޝާއަށް ވިސްނައިދެވޭތޯއެވެ
ދަތުރުގެ ބައިވެރިން މާލެ ފޮނުވާލުމަށްފަހު، ފުލުހުން މަޑުކުރީ ނިޔަމް ހޯދުމުގެ މަސައްކަތް ކުރާށެވެ. އަރުޝާ މާލެ ދިޔައީ ހިތާއި ދެކޮޅަށެވެ. ދާވިއަންއަށް އެންމެ ރައްކާތެރިގޮތަކީ އެއީކަމަށްވާތީއެވެ.
ފުލުހުންގެ ތަހުގީގު ފެށުނެވެ. އެއްބަޔަކު ނިޔަމް ހޯދުމުގެ މަސައްކަތް ކުރަމުން ދިޔައިރު، އަނެއްބަޔަކު ދިޔައީ ލޫކަށް ހަމަލާދިން މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ނިޔަމްއާއި ލޫކްގެ ހާދިސާއާއި ގުޅުމެއް އޮވެދާނެކަމަށް ފުލުހުންނަށް ވިސްނުނެވެ.
ނިޔަމްއަށް ގޮވަމުން ވަލުތެރޭގައި ހިނގަމުންދިޔަ ޒައިލްގެ ހިތް ހީވަނީ ފަޅައިގެންދާން އުޅޭ ހެންނެވެ. ފަހު ވަގުތާއި ޖެހެންދެންވެސް ހިތްވަރު ކުރުމަށް ހިތުގެ އަޑިން އަޒުމު ކަނޑައެޅި ނަމަވެސް، އޭނާގެ ހިތްވަރު އެލެމުން ދިޔައެވެ. ނިޔަމް ނުފެނި އެހާ ގިނައިރުވުމާއި، ލޫކަށް ވީގޮތުން އޭނާގެ ހިތުގައި ވަނީ ނުރައްކާތެރި ރަނގަބީލެއް ޖަހައިލާފައެވެ. އެކަމަކު، ނިޔަމްއަށް އެވަރުގެ އަނިޔާއެއް ދޭނީ ކާކު ހެއްޔެވެ؟ ކޮންކަހަލަ ދުޝްމިނުކަމެއް އޮވެގެން ހެއްޔެވެ؟
މީހެއްގެ ހިލަން ވިހެން ހީވުމުން، ޒައިލް ކުއްލިއަކަށް އެދިމާއަށް ޓޯޗުގެ އަލި އަޅުވައިލިއެވެ. ސޮބާހު ވަގުތުން މޫނުގައި އަތް އެޅިއެވެ. އޭނާ ހުރީ ހަމައެކަނި ސޯޓުކޮޅުގައެވެ.
"މިކޮޅުގަ އެބައުޅެންތަ؟..." ޒައިލް ހުރީ ފާޑަކަށް ސޮބާހާއި ދިމާއަށް ބަލަހައްޓައިގެންނެވެ.
ނިޔަމް ގެއްލިގެން ހުރިހާ ފުލުހުން މަޝްވަރާކުރިއިރު އެތަނުން ސޮބާހް ފެނުނު ހަނދާނެއް ޒައިލް ނުވިއެވެ. ލޫކްގެ ހަށިގަނޑު ފެނިގެން މާލެ ފޮނުވާލުމާއި ހަމައަށްވެސް ސޮބާހުގެ ހަބަރެއް ނުވެއެވެ. އެހުރިހާއިރު، ސޮބާހު އުޅުނީ ކޮންތާކު ހެއްޔެވެ؟ ހިނގައިދިޔަ ހާދިސާގެ މައުލޫމާތު ސޮބާހަށް އެނގޭ ހެއްޔެވެ؟
"ކަލޭ މިގަޑީ މިތާ ކީއްތިކުރަނީ؟... މަ މިއައީ މަހެއް ބާނަން ގޮއްސަ..." ޒައިލް ބަލަން ފެށުމުން ސޮބާހް ބުންޏެވެ. "ވަރުގަދަ އެއްޗެއް ގަނެގެން ރޯލުވެސް ގެންގޮއްސި... މަހެއްވެސް ބޭނުނީކީ ނޫން... ދިޔަވަރު ބޮޑުވެގެން އަތިރިމަތިން ނެތް ހިނގެންވެސް... ވަލަށް ވަންތަނާ އިރު އޮއްސިއްޖެ... މިރަށަށް ރޭންޖުވެސް ލިބެނީކީ ނޫން... ބޭރަށް ނުކުންނަން ނޭނގިގެން އުޅެނިކޮށް މި ދިމާވީ... ނަސީބެއްނު ފުރޭތައެއް އައިސް ކާނުލަނީސް ކަލެއާ ދިމާވިކަން..."
ސޮބާހު މަޖާވެފައި ހިނިގަނޑެއް ޖަހައިލިއެވެ. އޭނާ ޖަވާބުދިނީ ޒައިލްގެ ހިތުގައިވާ ހުރިހާ ސުވާލެއް އެނގިގެން ޖަވާބުދޭ ފަދައިންނެވެ. އެހާ ބޮޑު ތަފުސީލެއް ދިނުމުން ޒައިލް ހުރީ ސުވާލުއުފެދިފައެވެ. އަނެއްކޮޅުން ސޮބާހަކީ އޭގެ ކުރިން ޒައިލްއާއި އެހާ ގާތްކޮށް ވާހަކަ ދައްކާފައިވާ މީހެއްވެސް ނޫނެވެ.
"ހާދަ ވަރަކަށް ތި ބަލަނީ؟..." ސޮބާހު އަނެއްކާވެސް ހީގަތެވެ. "އަންހެންކުއްޖަކު ގޮވައިގެން އުޅެފައެއް ނޫނޭ މިއައީ... ނެތްތަ ފެންފުޅިއެއް؟... ކަރުހިއްކައިގަނެގެން ހަލާކުވޭ އެބަ... މިހެންގޮސް ވަލުން ނުކުމެވޭނެދޯ..." ސޮބާހްގެ އަތުގައި އޮތް ފޯނުން ކުރިއަށް އަލިކޮށްލަމުން އަހައިލިއެވެ.
ޒައިލް އިތުރު އެއްޗެއް ބުނުމުގެ ކުރިން ސޮބާހް ހިނގައިގަތެވެ. އިރުކޮޅަކު ސޮބާހަށް ބަލަން ހުރެފައި ޒައިލް އަނެއްކާވެސް ނިޔަމްއަށް ގޮވަމުން ކުރިއަށް ހިނގައިގަތެވެ.
އަތިރިމަތީގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންގެ ތެރޭގައި ޝަރަފް ހުއްޓެވެ. އޭނާ އެއްގަމަށް އެރުމަށް ކުރިއަށް އަލިކޮށްލި ވަގުތު، ވަލުތެރެއިން ނުކުތް މީހަކު ބަންޑުންވާހެން ވެއްޓުނުތަން ފެނުނެވެ. ޝަރަފަށް ދުވެފައި އެއްގަމަށް އެރުނު ގޮތްވެސް ނޭނގުނެވެ. ބަންޑުން އޮތް ނަމަވެސް ޝަރަފަށް އެއީ ކާކުކަން އެނގޭކަށް ގިނައިރެއް ނުނެގިއެވެ. ދުރުގައި ތިބި މީހުންނަށް އިވޭވަރަށް ޝަރަފް ހަޅޭއްލަވައިގަތެވެ. އެއަށްފަހު ވެއްޓިފައި އޮތް އަންހެންކުއްޖާ އުއްޑުންވާހެން ބާއްވައިލިއެވެ.
"ނިޔަމް!... ނިޔަމް!..." ޝަރަފް ނިޔަމްގެ ކޮލުގައި މަޑުމަޑުން ޖަހައިލަމުން ގޮވަން ފެށިއެވެ. ނޭވާލާތޯ ނިޔަމްގެ ނޭފަތް ކައިރިއަށް ގުދުވެލިއެވެ.
ނިޔަމްގެ ހަށިގަނޑުގައި ހަރަކާތެއް ނެތްނަމަވެސް ފުރާނަ ހުއްޓެވެ. ނޭވާލައެވެ. ކުދިކުދި ޒަހަމުތައް ލިބިފައިވިޔަސް، ބޮޑު އެއްވެސް ޒަހަމެއް އެހަށިގަނޑުގެ ބޭރުފުށުން ފެންނާކަށް ނެތެވެ. ސޮބާހު ދުވެފައި ޝަރަފާއި ހަމައަށް ދިޔައިރު، ފުލުހުންގެ ގިނަ ބަޔަކު އޮތީ އެތަނަށް އެއްވެފައެވެ. ސޮބާހުގެ ދަތްތަކަށް ބާރުވެގެން ދިޔައެވެ. ދެއަތް މުށްކެވުނެވެ.
********
"މަންމަ ގޭން ނެރެލުމުގެ ހައްގެއް ބައްޕައަކަށް ނޯންނާނެ..." އާޔަތު ހުރީ ރުޅިއައިސްފައެވެ. "މަންމަގެ ވެސް ގެ އެއީ... ހިނގާ ދާން..."
ކުއްޔަށްދޭ ކުޑަ ކޮޓަރިއެއްގައި ނުޒުހަތު އިންތަން ފެނުމުން، އާޔަތުގެ ލޭ ކެކިގަތެވެ. ވަގުތުން ނުޒުހަތުގެ ފޮށި ހިފައިގެން އެތަނުން ނުކުންނަން ހިނގައިގަތެވެ.
"ބައްޕަ އަދި އަންނާނެ މަންމަ ބަލާ..." ނުޒުހަތު ޔަގީންކަމާއި އެކުގައި ބުނެލިއެވެ.
"ނާންނާނެ!..." ނުޒުހަތާއި ދިމާއަށް އެނބުރެމުން އާޔަތު ބުންޏެވެ. "މަންމައަށް އެނގެއެއްނު އަލަށް ފާޅުވި ދަރިއަކު ބައްޕަގެ އެބަ ހުރިކަން... މަންމަ ތިހެން ހެދީމަ ހުރިހާ މޮޅެއް ލިބޭނީ އޭނަޔަށް..."
"މިހާލަތުގަ މަންމައަކަށް ނޭނގެ ބައްޕައާ ކުރިމަތިލާނެގޮތެއް..." ދެއަތުން މޫނު ފޮރުވައިލުމާއިއެކު ނުޒުހަތަށް ރޮވިއްޖެއެވެ. "މީ ފެނިދާނެކަމަށް މަންމަ ދުވަހަކުވެސް އުއްމީދުކުރި ދުވަހެއް ނޫން..."
"މަންމަ ހާސްނުވޭ... އަހަރެން ހުރިހާ ކަމެއް ހައްލުކުރާނަން..." އާޔަތުގެ ޖުމުލައިގެ ފަހަތުގައި ފޮރުވިފައިވާ އެތައް މާނައެއް ވިއެވެ. "ބައްޕަގެ ލައިފްގަ ތިބޭނީ އަހަރެމެން ދެމީހުން އެކަނި... އެހެން މީހެއްގެ ހިޔަނިވެސް ދެން އަހަރެމެންގެ ހަޔާތަށް އެޅުނަކަ ނުދޭނަން..."
އާޔަތުގެ ފޯނު ރިންގްވާން ފެށިއެވެ. ސޮބާހްގެ ނަން އަރާފައި އޮތުމުން، ފޯނު ނަގައި ކަންފަތުގައި ޖަހަމުން އޭނާ ކޮޓަރިން ބޭރަށް ނުކުތެވެ.
"ބުނީމެއްނު ގުޅައިގެން ނުވާނެއޭ..." ދެ ދަތްޕިލަ ޖައްސައި ބާރުކޮށްލަމުން އާޔަތު ބުންޏެވެ.
"މެސެޖު ނުކުރަންވެގެން މި ގުޅީ..." ސޮބާހް ވާހަކަދެއްކީ ސިއްރުންނެވެ. "ޕްލޭން ފެއިލް..."
ސޮބާހް ތަފްސީލް ދިނުމުން، އާޔަތުގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. އަތުގައި ހުރި ބާރެއް ލާފައި ފޯނު ހޫރައިލިއެވެ. ފާރުގައި ޖެހިފައި ފޯނު ވެއްޓުނުއިރު، އިސްކްރީން ތަޅައިގެން ގޮސްފިއެވެ. ނުޒުހަތު ދުވެފައި ކަހަލަގޮތަކަށް ކޮޓަރިން ނުކުތްއިރު، ފޯނު ހިފައިގެން އާޔަތު ހަލުވި ފިޔަވަޅުތަކެއްގައި ސިޑިން ތިރިއަށް ފައިބަނީއެވެ. ނުޒުހަތު ގޮވައިލި ނަމަވެސް އާޔަތަކަށް އަޑެއް ނީވުނެވެ.
އާޔަތު ހޮސްޕިޓަލަށް ދިޔައިރު، ބޭސްއަޅާ ކޮޓަރީގެ ބޭރުގައި ޔާމީނާއި، ޒައިލްގެ އިތުރުން އަރުޝާއާއި ދާވިއަން ތިއްބެވެ. އޭނާ ވަގުތުން މޫނުގެ ކުލަވަރު ބަދަލުކޮށްލިއެވެ. ޒައިލްމެންގެ ކައިރިއަށް ދިޔުމުގެ ކުރިން ގަދަކަމުން ދެލޮލަށް ކަރުނަ ޖަމާކުރިއެވެ.
"އަޅޭ!... އާޔާ ތިއްތަ ކައިރީ ހުރިނަމަ، މިހެން ނުވީސް..." މާޔޫސްކަން އަޑަށް ގެންނަމުން އާޔަތު ބުނެލިއެވެ.
އާޔަތު ބުނި ޖުމުލައިގެ މާނަ އެތަނުގައި ތިބި އެއްވެސް މީހަކަށް ނޭނގުނެވެ. އެންމެންވެސް ހީކުރީ އާޔަތުގެ ހިތުގައި ހަމްދަރުދީ ފިޔަވައި އިތުރު އެއްޗެއް ނެތް ކަމަށެވެ. އެކަމަކު ހަގީގަތަކީ، އޭނާ ހުރިނަމަ، ނިޔަމްއަށް ސަލާމަތުން އެނބުރި ނާދެވޭނެއޭ ބުނި ކަމެވެ.
"ޒެލް!... ތިއްތަ ރަނގަޅުވާނެތަ؟..." ޒައިލްގެ އަތުގައި ހިފައިލަމުން އާޔަތު އަހައިލިއެވެ.
"ދަރިފުޅާ!... ހާސްވާވަރުގެ ކަމެއް ނުވެއޭ... ހަލާކުވެފަ ހުރި ތަންތާ ބޭސްއަޅާލާފަ ގެއަށް ދޫކޮށްލާނެ... ދަރިފުޅު އިހަށް ތިތާ އިށީނދެލަބަލަ..." ޔާމީން އޯގާތެރި ރާގަކަށް ބުނެލިއެވެ.
އާޔަތުގެ އެތެރެހަށި އަނދައިގަތެވެ. އޭނާ ބޭނުންވިގޮތަށް އެއްކަމެއްވެސް ނުދިޔައެވެ. އެއްކަމެއް ނުނިމި އުޅެނިކޮށް އަނެއް ކަމެއްވެސް ލައިގަތީއެވެ. މަންމައާއި ބައްޕަގެ ދިރިއުޅުންވެސް ރޫޅެނީއެވެ. ހުރިހާވެސް މައްސަލައަކީ ނިޔަމްއެވެ. އެންމެ ރަނގަޅުގޮތަކީ ނިޔަމްގެ ވަސްވެސް ދުނިޔެއިން ފޮހެލުމެވެ.
"ދަރިފުޅަށް އެނގޭތަ ދައްތައަށް ގެއްލުމެއްދޭ ކަހަލަ މީހަކު އެތަނުގަ އުޅުންކަން؟..." އާޔަތުގެ ކައިރީގައި އިށީންނަމުން ޔާމީން އަހައިލިއެވެ. "ސައްކުވާ ކަހަލަ ގޮތަކަށް އުޅުނު މީހަކުވިޔަސް ދެކުނިންތަ؟..."
"ތިބުނީ؟..." އާޔަތު ބިރުން އިނދެ ސުވާލުކުރިއެވެ.
"ދައްތަ މަރާލަން މީހަކު ހަމަލާ ދިން ވާހަކަ ދައްތަ ބުނީ... މީހަކު ދައްތައަށް ފާރަލާ ކަހަލަ ކަމެއް ކުރަނިކޮށް ދަރިފުޅު ދެކުނިންހޭ މިއެހީ؟..." ޔާމީން އިތުރު ތަފްސީލް ދިނެވެ.
"ލޫކް..." އާޔަތު މަސައްކަތްކުރީ ހުރިހާ ބަދުނާމެއް ލޫކްގެ ބޮލުގައި އަޅުވާށެވެ. "އެ ލޫކް ހުންނަނީ ދައްތައާ ހެދި މޮޔަވެފަ... ވެދާނެއެއްނު ދައްތަ އިންނަން އެއްބަސްނުވީމަ ލަނޑެއް ދޭން ޓްރައިކުރީކަމަށްވެސް..."
"ނޫނޭ ދަރިފުޅާ!... ލޫކަށް އެހެން ދިމާވީ ދައްތަ ސަލާމަތްކުރަން ހަދައިގެން... ލޫކް އެމީހަކު ހިފެހެއްޓީމަ ދައްތައަށް ފިލައިގެން އެތަނުން ދެވުނީ... ނޫނީ ދައްތަ..." ޔާމީނަށް ވާހަކަ ދައްކަން އުނދަގޫވުމުން ހުއްޓައިލިއެވެ.
ލޫކް ދިން ބަޔާނާއި ގުޅިގެން ސޮބާހް ހައްޔަރުކުރި ހަބަރު ލިބުމުން އާޔަތުގެ މުޅި ހަށިގަނޑު ބިރުން ރޫރޫއަޅައިގަތެވެ. ޒައިލްއަށް އައި ފޯނު ކޯލުގެ ވާހަކަ ޔާމީނާއި ހިއްސާކުރިއިރު، އާޔަތު ހުރީ އެ ވާހަކަ އަޑު އަހާށެވެ. ދެން ކަންތައް ވެދާނެގޮތަކާއިމެދު އާޔަތަށް ވިސްނައިލެވުނީ މާ ފަހުންނެވެ. ސޮބާހްގެ ނަންބަރުން އޭނާއަށް ގުޅާފައި އޮތުމުން ފުލުހުންގެ ތަހުގީގަށް އޭނާވެސް ހާޒިރުކުރާނެކަން އެނގުނެވެ. އާޔަތުގެ މުޅި ދުވަސް ހަރާބުވިއެވެ. މަޑުމަޑުން ފަހަތަށް ޖެހެމުން އޭނާ ހޮސްޕިޓަލުން ނުކުތެވެ. ތަހުގީގުގައި ދައްކާނެ މޮޅު ވާހަކައަކާއިމެދު އޭނާ ދިޔައީ ވިސްނަމުންނެވެ.
(ނުނިމޭ)